- Advertisement -ad image

ދަމާލި ބެނާ އަކުން މުޅި ސަރުކާރު “ނޭވާ ހޮޅި” އަށް!

ad image

ގުޅުންހުރި ލިޔުންތައް

މިދުވަސްވަރަކަކީ ބެނާ ދެމުން އާއްމު ދުވަސްވަރެކެވެ. އަދި އަމިއްލަ މީހުންގެ ގޭގައި ބެނާ އެއް ދަމައިގެން ސަލާމަތީ ބާރުތަކުން ކޯޓު އަމުރު ހިފައިގެން ގޮސް އެނަގައިވެސް ދުވަސްވަރެކެވެ. ނޫންނަމަ ދަމާފައި ހުރި ބެނާ ތައް ނެގުމަށް އަންގައި ބަޔާންތައްވެސް ނެރެމުންދާ ދުވަސްވަރެކެވެ.

ކޮންމެއަކަސް ދައްކަން މިއުޅެނީ ދާދި މިދާކަށް ދުވަހު އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ނެގި “އިންޑިއާ އައުޓް” ބެނާ ނެގުމަށް ސަރުކާރުން ކުރިހާ މަސައްކަތުގެ ވަހަކައެވެ. ނޫންނަމަ ރައީސްގެ ގެކޮޅުގައި ބެނާ ދެމުމުން ސަރުކާރު ޕްރެޝަރަށް ވެއްޓުނު މިންވަރާއި އެބެނާ ނެގުމަށް ކޯޓު އަމަރު ހޯދާ އެކަން ކުރަން އުޅުނު ގޮތުގެ ވާހަކައެވެ.

އިންޑިއާ އައުޓް އަކީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ހިންގާ ބޮޑު ކެމްޕެއިނެކެވެ. މި ކެމްޕެއިން ފުޅާކޮށް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ދަނީ އަޑު އުފުލަމުންނެވެ. އިންޑިއާ އައުޓް ކެމްޕެއިންގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގެތަކުގައި ބެނާތައް ހަރުކުރަން ފެށީ ނިމިގެން ދިޔަ ހަފުތާގެ ތެރޭގައެވެ. ނަމަވެސް މިކަމަކީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ހަޖަމު ކުރަން އުދަނގޫ ބޮޑު ކަމަކަށް ވީ ކަން ދޭހަވާ ހަގީގަތަކީ ރައީސް ނެރުއްވި ގަރާރެވެ.

އެކި އެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުަމަށް ރާވައިގެން ހިންގައި ހަރަކާތްތައް ހުއްޓުވުމާއި ގުޅޭގޮތުން ރައީސް ނެރުއްި ގަރާރުގައި އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ރާއްޖޭގެ ޞުލްޙަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެއާ އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގާ ހަރަކާތެއްކަންވެސް ރައީސްގެ ގަރާރުގައި ވިދާޅުވިއެވެ.

ނަމަވެސް އިދިކޮޅުން ގޮވަމުން ގެންދަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށެވެ. އެއްވެސް އިރެއްގައި އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި ޕްރޮޖެކްޓްތައް ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމަކަށް ނޫނެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ދަމާލި ބެނާ އަކުން ރާއްޖެ އިންޑިއާގެ ދަށުވެފައިވާ މިންވަރު އެބަހާމަވެއެވެ.

ރައްޔިތުން ބޭނުންވަނީ އިދިކޮޅާއި ސަރުކާރުގެ ކޯޅުމެއް ނޫނެވެ. މި ދިވެހި ފަސްގަނޑުގައި މިނިވަންކަމާއެކު ނޭވާލާ ހަމަޖެހިގެން އުޅެވޭނެ ގޮތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ