- Advertisement -ad image

ނިދި ގެއްލުނު ރޭތަކުން ގެނެސްދިނީ އެތައް ބަޔަކަށް އުފާވެރިކަން!

ad image

ގުޅުންހުރި ލިޔުންތައް

ގިފްޓް ބާސްކެޓް ފޭސްބުކް ޕޭޖަށް ވަންނައިރު ފެންނަ ލޯބިލޯބި މަސައްކަތްތަކަކީ އޭގެން އެތައް މޫނަކަށް ހިނިތުންވާ ގެނުވާފަދަ އަޖައިބު ކުރުވަނިވި ފަންނުވެރި ކަމެކެވެ. ބަލާބެލުމަށް ކަވި އަދި ބުރަ މި މަސައްކަތަކީ ރޭތަކުގެ ނިދިން މަހްރޫމްވި ޔުމްނާ ރަޝީދު (ޔުމް)ގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ފެހުމާއި އަތްތެރި މަސައްކަތްތަށް ކުޅަދާނަ ޔުމްގެ ޅައިރުގެ ދުވަސްތައް އެންމެ ފުރަތަމަ ގޮސް ހުއްޓެނީ ގޭގައި ދެން ތިބޭ ދެ ފިރިހެން ކުދިންނާއެކު ކުޅެން އުޅޭ ހަނދާނަށެވެ. ގޭގައި ހުރި ހަމައެކަނި އަންހެން ކުއްޖާކަމުން ޔުމް އުޅެ ބޮޑުވީވެސް އެ ކުދިންހެންނެވެ. ފެހުމަކީ އޭރުގައި ދުރުދުރުން ވެސް ކުރަން ޔުމް ހިތުގައި އޮތްކަމެއް ނޫނެވެ.

“މަންމަ އަކީ ފަހާ މީހެއް، ބައްޕަ އަކީ ރާއްޖެއަށް ވެސް މަޝްހޫރު ފެހުންތެރިއެއް. މާމަ ފަހާނެ. އެކަމަކު އަޅުގަނޑު މިއީ ދުވަހަކު ވެސް ފަހާ ފޮއްޓެއްގައި އަތްލި މީހެއް ނޫން.”

އެހެންނަމަވެސް މާމައިން ފެށިގެން މަންމަ އާއި ބައްޕަ ކުރަމުންދިޔަ ފެހުމުގެ މަސައްކަތުގެ ތެރޭގައި ޔުމްގެ ނަންވެސް ހިމެނެ އެވެ. ކުޑައިރު ހުއްޓުމެއް ނެތި ގޭތެރެއިން އިވެމުންދާ ފެހުމުގެ އަޑު އަދިވެސް އިވިއިވި ހުރެއެވެ.

“ޔުމް ދުވަހަކުވެސް ހިޔެއް ނުކުރަން މި މަސައްކަތް ކުރެވޭނެ ކަމަކަށް. އެންމެ ކުރާ ހިތްވީ މާރކެޓިން. މާސް ކޮމިއުނިކޭޝަން އެންޑް މަލްޓިމީޑިޔާއިން ޑިގްރީވެސް ނެގިން. ވަޒީފާގައ ވެސް 15 ވަރަކަށް އަހަރު އުޅުނިން.”

ޔުމްގެ ދިރިއުޅުން ބަދަލުވީ ދެވަނަ ދަރިފުޅު ލިބުނު ހިސާބުންނެވެ. ޑިޕްރެޝަނާއި އެންޒައިޓީ އަދި އިންސޮމްނިއާގެ އިތުރަށް ހަކުރު ބައްޔާއި ހުދުބަލީގެ ސަބަބުން ޔުމްގެ ދެލޮލުގެ ނިދި ގެއްލުނެވެ. އެތައް ރެޔަކު ހޭލާ ކޮޓަރީގައި ޔުމް އިންނަނީ ހާސްކަމާއި ބިރުވެރިކަމުގެ ތެރޭގައި ރޯލަރޯލައެވެ.

ޔުމްގެ މި ބިރުވެރިރޭތަކަށް ނިމުމެއް އައީ މައިންބަފައިން ކުރި މަސައްކަތް އަމިއްލައަށް ދަސްކޮށް ނުނިދިފަ އިންނަ ވަގުތުތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ކުރުމަށް ޑޮކްޓަރު ދިން ލަފާގެ މަތިންނެވެ. ތުއްތުކުދިންގެ ނިދާ އެނދުގައި ހަރުކުރާ މޮބައިލްއަކީ ޔުމްގެ ހުނަރުވެރިކަމުގެ ފެށުމެވެ.

ފުރަތަމަ ދަރިންނަށް، ދެން އާއިލާއަށް ކޮށްދޭން ފެށި މި މަސައްކަތުން މިހާރު ޔުމްއަށް އާމްދަނީ ވެސް ލިބެއެެވެ. ތަފާތު ވައްތަރުގެ ބާލީހާއި ސޮފްޓް ޓޯއީސް ޔުމް ހަދައެވެ. އަދި މި މަސައްކަތް ފުޅާކުރުމަށް ގިފްޓް ބާސްކެޓް އާއްމުންނާއި ހަމަޔަށް ގެނެސްދިނެވެ.

ޔުމްއަކީ ކޯހެއް ހަދައިގެން މި މަސައްކަތް ދަސްކުރި މީހެއް ނޫނެވެ. ނުނިދުނު ރޭތަކުގައި މި މަސައްކަތް ދަސްކުރުމަށް ޔުމްއަށް އެހީތެރިވީ ޔޫޓިއުބްގެ ޓިއުޓޯރިއަލް ތަކެވެ. އުމުރުން 30އިން މަތީގައި ފަހާފޮއްޓަށް ރޮދި ލައްވަން ދަސްކުރި ޔުމްއަކީ މިހާރު ހުަނަރުވެރި ފެހުންތެރިއެކެވެ.

އަބަދުވެސް ދަރިންނަށް އިސްކަމެއްދޭ ޔުމް އަދިވެސް މި މަސައްކަތް ކުރަނީ ދަންވަރުގެ ވަގުތުތަކުގަ އެވެ. ހޭލާ އިނދެގެން ޔުމްކުރާ މި މަސައްކަތް އެތައް ބަޔަކު ވަނީ ލޮތްބާއެކު ބަލައިގެންފަ އެވެ. އަދި މަސައްކަތް ނިންމާ ހަވާލުކުރުމަށްފަހުވެސް އޭގެ އުޖޫރަ އާި ޔުމް ހަވާލުވަނީ ހިތްހަމަޖެހޭގޮތަށް މަސައްކަތް ކުރެއްވިޖެކަމަށް ވާނަމައެެވެ.

ޔުމް ބުނިގޮތުގައި މި މަސައްކަތުގައިވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުރަން ބޭނުންވާ ގޮތަށް މަސައްކަތް ނުކުރެވުމެވެ. އެހެންނަމަވެސް ޔުމް އަކީ އެހާ އަވަހަށް ދޫކޮށްލާ މީހެއް ނޫންކަމުން، ކާމިޔާބު ވަންދެން އެގޮތުގައި މަސައްކަތް ކުރާކަމަށް ޔުމްވަނީ ބުނެފަ އެވެ.

ދެ ކުދިންގެ މަންމައެއްގެ ރޯލު އަދާކުރަމުންއަންނަ ޔުމް ވެފައިވަނީ ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލް މޫނަކަަށެވެ. ޔުމްގެ އުފެއްދުންތަކަކީ މައިންބަފައިންނަށް ވުމަށް އުއްމީދުކުރާ ކޮންމެ ދެމަފިރިއަކަށް އިތުރު އުފާވެރިކަން ގެނުވާ ކަމެކެވެ.

ހަމައެގޮތަށް ޔުމްގެ އުއްމީދަކީވެސް މިފަދަ މަސައްކަތުގެ ތެރެއަށް ގިނަ އަންހެނުން ވަންނަތަން ދުށުމެވެ. ދަރިން ލިބުމުން އާމްދަނީ ހޯދުމަށް އަދި ހިތްހަމަޖެހުމަށް މަސައްކަތް ކުރުމުގެ ދޮރު ބަންދުނުވާކަން މިއަދު ޔުމް މިވަނީ ސާބިތުކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ