- Advertisement -ad image

ދިއްދޫގެ އެންމެ އަލިގަދަ ތަރިއަކީ ބައްސާމާ، ހުރިހާވެސް ހިތްވަރަކީ މަންމަ!

ad image

ގުޅުންހުރި ލިޔުންތައް

ހއ. ދިއްދޫ، ފުނަކުރި އަލް ޙާފިޒާ ބައްސާމާ ސުލައިމާންގެ އެންމެ ކުޑައިރުގެ ހަނދާންތައް ގުޅިފައިވަނީ ހުކުރުދުވަހު ރޭޑިޔޯއިން ޤާރީ އަލް ސުދެއިސްގެ ކިޔެވުން އަޑުއަހަން އިންނަ ހަނދާނަށެވެ. މިގޮތަށް އަޑުއަހަމުން ބައްސާމާ ޤުރުއާން ދަސްކުރާކަން އެންމެ ފުރަތަމަ ފާހަގަވީ އޭނާގެ މަންމަ އަށެވެ. އެ ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ބައްސާމާގެ ފަހަތުގައި ޤުރުއާނުގެ އިލްމުން ކުރިއަށް ގެންދިއުމަށް ދެގޮތެއް ނުވެ ހުރި ފަރާތަކީވެސް އެ މަންމަ އެވެ.

އުމުރުން އެންމެ 6 އަހަރުން ފެށިގެންވެސް ބައްސާމާއަކީ ޤުރުއާނަށް ލޯބިޖެހި ޤުރުއާން އުނގެނުމަށް މަސައްކަތް ކުރަމުން އައި ކުއްޖެކެވެ. އޭގެފަހުން އަރަބިއްޔާ ސްކޫލްގެ ގްރޭޑް ފަހަކަށް ވަތް ހިސާބުން މަންމަގެ އެދުމުގެ މަތިން ޤުރުއާން ހިތުދަސްކުރަން ބައްސާމާ ފެށިއެވެ. މިގޮތަށް ކުރި ބުރަމަސައްކަތުން 2016 ވަނަ އަހަރު ބައްސާމާއަށް ވަނީ އަލް ޙާފިޒާކަމުގެ ސަނަދު ލިބިފަ އެވެ.

“ކާފަގެ ފަރާތުގެ ހުރިހާ ކުދިންވެސް ވަރަށް ޤުރުއާން ކިޔަވަން ވާދަވެރިކަން އޮންނާނެ. ވަރަށް ޝައުގުވެރިކަން އޮވޭ. ކުރިން އަތޮޅު މުބާރާތަށް ނަގާއިރުވެސް އާއިލާގެ ހުރިހާ ކުދިންވެސް މުބާރާތުގައި ބައިވެރިވާނެ.އެގޮތަށް ބައިވެރިވަމުން ގޮސް މިކަމަށް ޝައުގުވެރިކަން އުފެދުނީ”

ޤުރުއާން ހިތުދަސްކުރަން މަސައްކަތް ކުރަމުން ދިޔައިރު ބައްސާމާގެ އެދުރަކަށްވެސް އޭރުގައި ހުރީ ހަމަ އެ މަންމަ އެވެ. ބައްސާމާ ބުނިގޮތުން ކޮންމެ ރެއެއްގެ ދަންވަރު ތިނެއް ޖަހާއިރު ޤުރުއާން ހިތުދަސްކުރުމަށް މަންމަ ގޮވާނެ އެވެ. ދެން އޭރުއްސުރެ ފަތިސްވަންދެން އާ ފިލާވަޅެއް ގޮތަށް ހަތަރު ވަރަކަށް ސަފްހާ ހިތުދަސކުރަން ބައިންދައެވެ. ބައްސާމާގެ ދުވަސް ފެށެނީ ފަތިސް ނަމާދުކޮށްލައިގެން އެ ހަތަރު ސަފްހާ އެއްކޮށް ހިތުން މަންމައަށް ކިޔާލަދިނުމަށް ފަހުގަ އެވެ.

“އެއްވެސް އިރަކު އެއްވެސް ތާކަށް ނުދަން. މަންމަ ކައިރިން ޤުރުއާން އުނގެނުނީ. ދެން ޙާފިޒާއަކަށް ވީ އޭރު ޤުރުއާނާއި ބެހޭ މަރުކަޒުން ހިންގި 500 ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވެގެން. މި ޕްރޮގްރާމްގެ ދަށުން ކޮމިޓީއަށް ކިޔައިދޭން ބޭއްވި މުރާޖަޢާ ކްލާހެއްގައި ބައިވެރިވިން.”

“އެންމެ ކުރީގައި މަންމަ ބުނާގޮތުން ހުކުރުދުވަހުގައި ރޭޑިޔޯއިން އަންނަ ސޫރަތްތައް އަޑުއަހައިގެން ކަހަފް ސޫރަތާއި މުލްކް ސޫރަތް ފަދަ ދަސްވީ. އަޑުއަހައިގެން ދެން ވަރަށް ދަސްނުކުރަން. ދެން ގްރޭޑް 5އާ ހަމަޔަށް އައި އިރު ދަސްކޮށްފަ ހުންނާނީ ހަމައެކަނި މުބާރާތަށް. ސްކޫލުން ނަގާކުދިން، މުބާރާތަށް ޕްރެކްޓިސް ކުރާކުދިން ދަސްކުރާތީވެ ދަސްކުރީ. ވަކި އަނެއްހެން އެއްޗެއް އަޑު އަހައިގެނެއްވެސް ނޫން.

ހަމައެހެންމެ ދެ ނަމާދު ދޭތެރޭގައި ވެސް ކިޔަވުމާއި ޤުރުއާން ހިތުުދަސްކުރިއިރު އެންމެ ލަސްވެގެން އަށްގަޑިބައި ވާން ވާއިރަށް ނިދަން އޮށޯތުމަކީ ބައްސާމާގެ މަސައްކަތަށް އިތުރަށް ފަސޭހަވެގެން ދިޔަ ކަމެކެވެ.

ބައްސާމާއަކީ އުމުރުން 6 އަހަރުން ފެށިގެން ގާތްގަނޑަކަށް ކޮންމެ އަހަރަކު ކޮންމެވެސް ޤުރުއާން މުބާރާތެއްގައި ބައިވެރިވަމުން އައިސްފައިވާ ކުއްޖެކެވެ. މިހާތަނަށް ބައްސާމާ ވާދަކޮށްފައިވާ މުބާރާތްތަކުގެ ތެރޭގައި ޤައުމީ ޤުރުއާން މުބާރާތުން ފެށިގެން އަތޮޅު މުބާރާތާއި އަދި ސްކޫލް މުބާރާތްތައްވެސް ހިމެނެ އެވެ. މި މުބާރާތްތަކުން އެކި ވަނަތައްވެސް ބައްސާމާވަނީ ޙާސިލްކޮށްފަ އެވެ. ހަމައެހެންމެ ގްރޭޑް 9 ގައި އުޅެނިކޮށް ޤައުމީ މުބާރާތުން 16 އަހަރުން ދަށުން އެއްވަނަ ވެސް ވަނީ ލިބިފަ އެވެ.

ދާދިފަަހުން ހއ. ދިއްދޫގައި ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444ގައި
ވާދަކޮށް ބައްސާމާ ވަނީ އެންމެ އަލިގަދަ ތަރީގެ މަޤާމުވެސް ހޯދާފަ އެވެ. މިއީ މި މުބާރާތުގައި ބައްސާމާ ވާދަ ކުރި ދެވަަނަ ފަހަރެވެ.

ފުރަތަމަ މުބާރާތް އިއުލާން ކުރި ހިސާބުން މަންމަގެ އުއްމީދަކަށް ވާތީ މަންމަގެ މަޝްވަރާގެ ދަށުން ބައިވެރިވީ މި މުބާރާތުގައި. ފުރަތަމަ ބައިވެރިވި ފަހަރު ލިބުނީ ހަތަރު ވަނަ. ދެން މި އަހަރު މަންމަ ބުނެފި އެންމެ ފަހު މުބާރާތަށް ހަދަންވެސް މިފަހަރު ވާނޭ ބައިވެރިވާން. އެހެންވެ މި މުބާރާތުގައި ބައިވެރިވީ.”

މުބާރާތަށް ތައްޔާރުވަމުން ދިޔައިރު ބައްސާމާގެ އާއިލާގެ ފަރާތުންވެސް ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފަ އެވެ. ހާއްސަކޮށް ތަޖްވީދުގެ އިލްމުގެ ބައި ދަސްކުރުމަށް ބައްސާމާއަށް އެންމެ ބޮޑަށް އެހީތެރިވެފައިވަނީ އޭނާގެ ދައްތަމެންކަމަށް ބައްސާމާވަނީ ބުނެފަ އެވެ.

“މި މުބާރާތުގައި ބައިވެރިވެފަ އޭރު މާލޭގައި ހުރީމަ ތަންކޮޅެއް ހުސްވަގުތު ގިނައިން ލިބޭ. އެހެންވެ ޓީވީއިން ޤުރުއާން ސުދެއިސްގެ ކިޔެވުން އަޑުދަށުން ކިޔަވައި ފަރިތަކުރުން. ދައްތަމެންވެސް އަހާނެ ޤުރުއާން ކިޔެވިތޯ؟ ދެން ދައްތަމެންނާއި މަޝްވަރާކޮށް ސުވާލުކޮށް ހަދަން. ފަތިސް ގަޑީގައި ވެސް ކިޔަވަން. މެންދުރުވެސް ތަޖުވީދުގެ އިލްމު ފަރިތަކުރިން ހަވީރުވެސް ދައްތަމެންނާއި އެކުަގައި ދަސްކުރިން. ދުވާލެއްގެ މައްޗަށް ތިން ފޮތް މުރާޖަޢާ ކުރީ. ތަޖުވީދު އިލްމުގެ ބައިން އެންމެ ބޮޑަށް އެހީވީ އަޅުގަނޑުގެ ބޮޑުދޮންތަ.”

އުމުރުން 26އ. ގެ ބައްސާމާއަކީ މިހާރު ޒަވާޖީ ހަޔާތެއް ފަށައިގެން އުޅޭ ޒުވާނެކެެވެ. އެހެންކަމުން ދިރިއުޅުމަށް ވަގުތު ދެމުން މިފަދަ މުބާރާތްތަކަށް ބޭނުންވާވަރަށް ވަގުތު ދޭން ދަތިވާކަމަށް ބައްސާމާ ވަނީ ބުނެފަ އެވެ. ހަމައެހެންމެ ރަށުގައި ބައްސާމާގެ އުމުރުފުރާގައި ވާދަކުރާނެ އިތުރު ކުއްޖަކުވެސް ނެތުމާއެކު އިތުރަށް މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ވިސްނުމެއް އަދި ބައްސާމާގެ ނެތެވެ.

އެހެންނަމަވެސް އެ އާއިލާތެރޭގައި ބޮޑެތިވަމުން އަންނަ ކުދިން ޤަުރުއާން އުނގެނުމަށް މިހާރުވެސް ވަރަށް މަސައްކަތް ކުރާކަން ބައްސާމާވަނީ ފާހަގަކޮށްފަ އެވެ. އަދި ބޭނުންވަނީ މި ކުދިންނަށް ކުރިއަށް ދިއުމަށް ބައްސާާމާގެ ފަރާތުން ވެވެން އޮތް އހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށްވެސް ބައްސާމާ ބުނެފައި ވެއެވެ.

މި ހިސާބަށް އައުމަށް ބައްސާމާވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ޤުރުއާން ހިތުދަސްކުރުމަކީ އުނދަގޫކަމެކޭ މީހުން ބުނިނަމަވެސް ބައްސާމާއަށް އެއީ އެހާ އުނދަގުކަމެއް ނޫނެވެ.

“މީހުންބުނޭ ޤުރުއާން ދަސްކުރުމަކީ ވަރަށް އުނދަގޫކަމެކޭ. އެކަމަކު އަަޅުގަނޑަށް ޤުރުއާން ދަސްކުރާކަށް އުނދަގުލެއް ނޫން. މީހުންގެ ވަރަށް ޕޮޒިޓިވް ކޮމެންޓްސް ލިބޭ އެކަމަކު ބޭރަށް ނުކުމެ ނުހަދާތީ ވަރަށް ޖެހިލުންވޭ ނުކުމެ އުޅެން. މީހުންނަށް ފާހަގަވާތީ ވަރަށް ޖެހިލުންވޭ ނުކުމެ އުޅެން.

ބައްސާމާއަކީ މިއަދު ދިއްދޫ އެ ދަރިއަކަށްޓަކައި ފަހުރުވެރިވާ ދަރިއެކެވެ. މަންމަގެ އުއްމީދުތަކުގައި ކުލަޖެއްސުނީތީ މިއަދު ބައްސާމާ ހުރީ އުފަލުންނެވެ. ހަމައެހެންމެ ޤުރުއާން އުނގެނެން މަސައްކަތް ކުރާ ކުދިންނަށްވެސް ބައްސާމާ ދެނީ ހަމަ މިފަދަ ހިތްވަރުގެ މެސެޖުތަކެކެވެ.

“ޤުރުއާން އަދި ހިތުދަސް ނުކުރިޔަސް އަދި މުބާރާތެއްގައި ކިޔަވަން އުޅޭ ކުއްޖެއް ވިޔަސް މަސައްކަތް ކުރާށޭ. ޕާރސަނަލް ލައިފް އެކަމަކަށް ހުސްކުރާށޭ. ހާއްސަކޮށް ޤުރުއާން ހިތުދަސްކުރަން އުޅޭ ދުވަސްކޮޅަކީ އުނދަގޫ ދުވަސްކޮޅެއް. އެކަމަކު އެކަން ފުރިހަމަވީމަ އެ ހުރިހާ އުނދަގުލެއްގެ މަތިން ހަނދާންނެތޭނެ. ޤުރުއާން ހިތުދަސްކުރަން ބޭނުންވާ ކުދިންނަށް ފަސޭހަ ގަޑިއެއް ހޯދުން ވަރަށް މުހިއްމު. ދެން އެންމެ މުހިއްމީ އާއިލާގެ އެހީތެރިކަން ހޯދަން. އަޅުގަނޑުގެ ގާތުގައި މިގޮތަށް އެހީވާން އެންމެ ކުޑައިރުއްސުރެވެސް ހުރީ މަންމަ. އެގޮތަށް އެ ކުއްޖަކު ބޭނުންވާގޮތަށް ބެލެނިވެރިންވެސް މަސައްކަތްކޮށް އެ ކުއްޖަކު ހިތްޖެހޭގޮތަށް ދަސްކުރަން އެހީވާށޭ “

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ