ށ.ފޭދޫ / ވީނަސްގޭ މަރްހޫމް މަހްމޫދު ޔޫސުފް އާއި މަރްހޫމް ޒުލެއިހާ ހަސަންގެ ކައިވެނީގެ އެންމެ ކުރީއްސުރެވެސް އުއްމީދުކުރީ ދަރިއެއް ލިބޭނެ ދުވަހަކަށެވެ. ނަމަވެސް އެ އެދުން ނުފުދި ދެމީހުން ވަކިވުމަށްފަހު އަލުން ގުޅި އަދި އޭގެ 20 އަހަރުފަހުން އެމީހުންގެ ކައިވެންޏަށް އައިޝަތު މަހްމޫދު (އައިސްތު) ލިބުނެވެ. މިއީ މި ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު އައިސްތުއަށްޓަކައި ވީ ޤުރުބާނީ އާއި އައިސްތު މައިންބަފައިންނަށް ވީ ޤުރުބާނީ، ދެއްކި ނަމޫނާ އަދި ހޯދި ކާމިޔާބީގެ ވާހަކައެވެ.
ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް އަޑިގަނޑަކަށް ފަހު އުސްގަނޑެއް ދިމާވެއެވެ. އެހެންނަމަވެސް އައިސްތު ސިފަކުރިގޮތުގައި އޭނާ ދިރިއުޅުމުގެ ފުރަތަމަ ދުވަސްވަރު އައީ މުޅިންވެސް އަޑިގަނޑެވެ. އެ އަޑިގަނޑުތަކުން އަރައިގަތުމަށާއި މައިންބަފައިންގެ ހައްގުގައި އައިސްތު ދެއްކީ ކެރުމާއި ހިތްވަރުގަދަ ކަމެވެ.
“އަޅުގަނޑުގެ ގްރޭޑް ފަހެއްގައި އުޅެނިކޮށް ބައްޕަ ޕެރަލައިޒްވީ. އޭރުއްސުރެ ވަރަށް ހާލުގައި އުޅުނީ. ހަނދާންވޭ އަޅުގަނޑު މަންމަ ބައްޕަ ބަރޮލަށް ލައިގެން މަންމައަށް ބޮޑުދައިތަ ކިޔާ ކުއްޖަކާއި އަޅުގަނޑު ގޮވައިގެން ދާނެ އަތިރިޔަށް. އެއީވެސް މަންމަ ބެލި ކުއްޖެއް. މަންމަ ބުނާނެ ކޮންމެ ދުވަހަކުވެސް ވާނޭ ފަސް ބަރޯ ގައު ގެންނަން. އަޅުގަނޑަކަށް ނޭނގެ އެ ކީއްކުރަން ހޯދާ ގަލެއް ކަމެއް. މަންމަ އެއް ކުރީމަ އަޅުގަނޑުމެން އެ ގާތަށް ގެންދަނީ ބައްޕަ ކައިރިއަށް. ދެން ބައްޕަ އިނދެގެންކޯރާޑީން ގާބުރި ފަޅާލާނެ. މާފަހުން އަޅުގަނޑަށް މި ވިސްނުނީ މަންމަ އެ ފަސް ބަރޯ ގައު ހޯދަނީ 25 ރުފިޔާ ހޯދަންވެގެންކަން. އެ 25 ރުފިޔާއިން 10 ރުފިޔާއަށް ބައްޕަ ގައިގާ އުނގުޅާ ތެޔޮފުޅި ގަނެފައި، އަނެއް 10 ރުފިޔާ އެއް ކުރަނީ އަޅުގަނޑުގެ ކިޔެވުމަށް. ދެން އޮންނަ 5 ރުފިޔާބޭނުންކުރަނީ ގޭގެ ހަރަދަށް.”
މިއީ ޅައުމުރުގެ އުފާވެރި ދުވަސްތަކެއް ނަމަވެސް މިއަދު އެ މަންމަމެން އައިސްތުއަށްޓަކައި އުފުލިބުރަ ހިތަށްއަރާ ކޮންމެ ފަހަރަކު އައިސްތުއަށް ރޮވެއެވެ. މަންމަމެންގެ އެ ދަތި ހާލު ނުދައްކާ އައިސްތުއަށްޓަކައި އުފުލި ބުރަ ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގަ އެވެ.
ރަށުން ތައުލީމު ހާސިލްކުރުމަށްފަހު އައިސްތުވަނީ އެ އަތޮޅު މަރޮށިންވެސް ތައުލީމު ހާސިލްކޮށްފަ އެވެ. އެހެންނަމަވެސް ގްރޭޑް 7 އާއި ހަމައިން ތައުލީމީ ހަޔާތް ނިންމާލަންޖެހުނީ މުސްކުޅި މައިންބަފައިންނަށް އަޅާލާނެ އިތުރު މީހަކު ނެތި، އަތްމަތި ދަތިވެ، ހާލަތު ނިޔާކުރި ގޮތުންނެވެ. މިކަމަށް އައިސްތުގެ ބައްޕަ ވަރަށް ދެކޮޅު ހެދިކަމަށް ވެސް އައިސްތު ވަނީ ބުނެފަ އެވެ.
“ބައްޕަ އަބަދުވެސް ބޭނުންވަނީ އަޅުގަނޑު ކިޔަވާ މޮޅު މީހަކަށް ވާން.”
ށ. ފޭދޫ ސްކޫލުން ވަގުތީ މުވަޒަފެއްގެ ގޮތުގައި އައިސްތުގެ ހަޔާތުގެ ވެސް ފުރަތަމަ ވަޒީފާ އަދާކުރަން ފެށީ 1994 ވަނަ އަހަރުގަ އެވެ. އޭރު އައިސްތުގެ އުމުރުން އެންމެ 16 އަހަރެވެ. އެ ވަޒީފާ އަދާކުރަމުންދިޔަ އިރުވެސް އިތުރަށް ކިޔެވުމަށް ކުރި އުންމީދު އައިސްތު ހުއްޓައެއް ނުލައެވެ. އެހެންނަމަވެސް ހާލަތު ނިޔާކުރިގޮތުން އެ ފުރަސަތެއް އައިސްތުއަކަށް ނުލިބުނެވެ.
“އާއިލާއެއްގައ ހުރި ހަމައެކަނި ކުއްޖާ އަޅުގަނޑަކީ. މައިންބަފައިން މުސްކުޅި ވީ ދުވަހު އެމީހުންނަށް އަޅުގަނޑު ލިބުނީ. އެމީހުންގެ ހުރި ހަމައެކަނި ސަޕޯޓަކީ އަޅުގަނޑު. ވަކި ހިސާބަކުން ބައްޕަ ޕެރަލައިޒްވެ އާިލާއަށް ލިބެމުންދާ އާމްދަނީ ލިބުން ދަތިވެ އަތްމަތި ހުސްވާންފެށީ. މައިންބަފައިންގެ ބަލިހާލުވެސް ބޮޑުވާންފެށި. އެހެންވެ ވަކި ހިސާބަކުން ކިޔެވުން މެދުތެރެއިން ނިންމާލުމަށް އަޅުގަނޑު ބޭނުންވީ. ބައްޕަ ޤަބޫލެއްވެސް ނުވި. އެކަމަކު މަންމަމެން އުޅެމުންދިޔަ ދަތި ހާލު ފެނިފައި ބޭނުންވީ މަންމައަށް އެހީވާން.”

އެ ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް އައިސްތު އަކީ މަސައްކަތްތެރި ހީވާގި އަންހެނެކެވެ. އޭނާ ވަޒީފާގައި ނުވަތަ އާމްދަނީ ހޯދުމަށް މަސައްކަތް ނުކުރާ ދުވަހެއް ހަނދާނެއް ނުވެއެވެ. ރަށު ސްކޫލްގެ ވަޒީފާއަށްފަހު ދެން އައިސްތު ގުޅުނީ ރަށު އޮފީހުން ވޯކީ ޓޯކީ އޮޕަރޭޓަރެއްގެ ވަޒީފާއަށެވެ. މިއީވެސް އައިސްތު އެތައް ގޮތަކުން ވިސްނުމަށްފަހު ނެގި ފިޔަވަޅެކެވެ.
“އޭރު ސްކޫލަށް ދޭންޖެހޭ ވަގުތު ގިނަވެފައި މަންމައާި ބައްޕަ ދޫކޮށްލާފައި ޓީޗިން ހަދަން މާލެ އަންނަން ހާލަތު ތަނެއް ނުދިން. އެހެންވެ އަމިއްލައަށް ވިސްނުނީ މިއީ އަޅުގަނޑާއި އެކަށީގެންވާ ވަޒީފާއެއް ނޫނޭ. ތައުލީމީ ދާއިރާއަށް އަސްލު ބޭނުންވާނީ ތައުލީމީ މީހުންކަން އަޅުގަނަޑާށް ވެސް ވިސްނޭ. ބެލެނިވެރިން އަޅުގަނޑު ކުރާ މަސައްކަތް ބަލައިވެސް ގަނޭ. އެަކަމަކުވެސް އެއީ އަޅުގަނޑުގެ ލެވަލްއަށް ނުވެފައި 2001 ވަނަ އަހަރު ދަރިއަކު ލިބި އަދި އާއިލާއަށްވެސް ވަގުތު ނުދެވޭތީ ރަށު އޮފީހުން ވޯކީ ޓޯކީ އޮޕަރޭޓަރުގެ މަގާމަށް ގުޅުނީ. ފަހުން މަގާމުގެ ކުރިއެރުން ލިބި އެޑްމިން އޮފިސަރަކަށް ބަދަލުކުރީ. އަދި މިހާުރު ރަށުގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި މިއުޅެނީ”

މިއީ އައިސްތު ކާމިޔާބީއަށް ކުރި ދަތުރުގެ އެއްބައެވެ. އެތައް އަޑިގުޑަންތަކަށް ފަހުގައިވެސް އަދިވެސް އައިސްތު ހުރީ ރަށަށް ހިދުމަތް ކޮށްދިނުމަށް ތައްޔާރަށެެވެ. ފޭދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގައި އުޅެމުން އެހެން ރައްޔިތުންނާއި އެކުގައި އައިސްތުވަނީ އެރަށަށް ތަރައްޤީ ގެނައުމަށް ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ.
މީގެތެރެއިންވެސް ތައލީމީ ގޮތުން ޤާބިލް ޖީލެއް އުފެއްދުމަށްޓަކައި ރަށުގައި ޕްރީސްކޫލެއް ޤާއިމްްކުރުމަށް އައިސްތުމެން ކުރި މަސައްކަތަކީ މިހާތަނަށްވެސް އެންމެ ހިތްހަމަޖެހޭ އަދި އެންމެ ކާމިޔާބު މަސައްކަތުގެ ގޮތުގައި އައިސްތު ދެކެއެވެ.
އުމުރުން 19 އަހަރުގައި ޒަވާޖީ ހަޔާތެއް ފެށި އައިސްތުގެ މިހާރު ދެ ދަރިން އެބަތިއްބެެވެ. އައިސްތުގެ ހުރިހާވެސް އުއްމީދަކީ އައިސްތުގެ އެ ދެ ދަރިންނެވެ. މަންމަ އުޅުނު ހިތްދަތި ދިރިއުޅުން އެ ކުދިން ތަޙައްމަލްކުރަން ނުޖެހުނު ނަމަވެސް ދިރިއުޅުމަކީ އަޑިގުޑަންތައް އަންނާނެކަން އައިސްތު އަބަދުވެސް ދިޔައީ އެ ކުދިންނަށް ބުނެދެމުންނެވެ.

ހާއްސަކޮށް އައިސްތުގެ ދެލޯ ފަދަ މައިންބަފައިން ވީ ޤުރުބާނީގެ ވާހަކަ އެ ކުދިންނަށް އަބަދުވެސް ކިޔައިދެއެވެ. އައިސްތު ވަޒީފާއަށް ދިޔައިރު މައިންބަފައިންގެ ފަރާތުން ލިބުނު އެހީތެރިކަން އައިސްތު އަބަދުވެސް ބަލައިގަނެއެވެ.
“އަޅުގަނޑު ވަޒީފާއަށް ދާއިރު މަންމަ ގޭތެރެ ބަލަހައްޓަނީ. އަޅުގަނޑާއި ދޭތެރޭގައި މަންމަމެން ވަރަށް ވިސްނާނެ. ކައްކާނީވެސް އަޅުގަނޑަށް މީރު އެއްޗެހި. ބައްޕަވެސް ބުނާނެ އަޅުގަނޑަށް މީރު އެއްޗެހި ކައްކަން. އަޅުގަނޑު ގެއަށް ދިޔައީމަ އަޅުގަނޑާ އެކީގަ ބައްޕަ ކާނީވެސް.”
މި ހުރިހާ ހަނދާންތަކެއް ވެސް އައިސްތު ކުދިންނާއި ހިއްސާކުރެއެވެ. ނަތީޖާއެއްގެ ގޮތުން މިއަދު އައިސްތުއަށް ލިބިފައި ތިބީ އައިސްތު ފަދަ މައިންބަފައިން ދެކެ ލޯބިވާ ދަރިންތަކެކެވެ. އަދި އައިސްތުގެ ފަހަތުގައި ދެގޮތެއް ނުވެ ކުރިއަށް ދިއުމަށް ހުރީ ނަމޫނާ ފިރިއެކެވެ. ދިރިއުޅުން ކޮޅަށްޖަހައި އައިސްތުގެ ދެމަފިރިންވަނީ އެމީހުންގެ ގަނޑުވަރު ބިނާކޮށްފަ އެވެ.
ދިރިއުޅުމުގައި ނެގި ކޮންމެ ރާޅަކާއި އައިސްތު ވަނީ ހަނގުރާމަ ކޮށްފަ އެވެ. މައިންބަފައިންނަށްޓަކައި އައިސްތުވަނީ ވެވެން އޮތް ހުރިހާ ޤުރުބާނީއެއް ވެފައެވެ. މިއަދު އައިސްތުއަކީ މައިންބަފައިންގެ ފަހުރެވެ. ނަމޫނާ އަތްބަކާއު މަންމައެކެވެ. ފޭދޫ ފަހުރުވެރިވާފަދަ ލީޑަރެކެވެ.


“ބައްޕަ އަބަދުވެސް އަޅުގަނޑަށް ނަސޭހަތްތެރިވާނެ. ބައްޕަ މަސައްކަތް ކޮށްދިނީ އަޅުގަނޑު ކޮންމެ ކަމަކަށްވެސްކުރިމަތިލައިގެން ކުރިއަށްދާން. ބައްޕަ އަބަދުވެސް ބުނާނެ ދުނިޔޭގައި ދިމާވާ އިމްތިހާންތަކަށް ވަކީލުކޮށް ކުރިމަތިލުމަށް، މީހަކަށް އަނިޔާވެރި ނުވުމަށް، އެއްވެސް މީހަކަށް ބަދުބަހެއް ނުބުނައްޗޭ އަދި އެއްވެސް މީހަކަށް ނުދަރައްޗޭ. ބައްޕަ ނިޔާވި ދުވަހުވެސް އަޅުގަނޑަށް ވަރަށް ނަސޭހަތްދިން.”
އައިސްތުގެ ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އެންމެ ބޮޑަށް އެހީވި ބައްޕަގެ ނަސޭހަތުގައި އަދިވެސް އައިސްތު ހުރީ ހިފައިގެންނެވެ. ރަށަށް ހިދުމަތްކޮށްދޭން ލިބޭ އެންމެ ފުރުސަތެއްވެސްގެއްލުވާލާކަށް ބޭނުމެއް ނޫނެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އައިސްތު ހުރީ ފޭދޫގެ ހިދުމަތުގަ އެވެ.