- Advertisement -ad image

ދެކުދިން ގޮވައިގެން ވަރަށް ނިކަމެތިކޮށް ދިރިއުޅޭ މިމަންމަ އެދެނީ ދީލަތީ އެހީއަކަށް!

ad image

ގުޅުންހުރި ލިޔުންތައް

ރީނާ އަކީ އެންމެ ކުޑައިރުއްސުރެވެސް ހަޔާތުގައި އެކި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނު ކުއްޖެކެވެ. އެންމެ ކުރީގެ ހަނދާންތަކަށް ބަލާލާ އިރުވެސް، ރީނާ އާއި އެއްބަނޑު ހަ ކުދިންގެ ހުރިހާ ޒިންމާތަކެއް ނަގައިގެން އުޅެމުން އައީ ރީނާމެންގެ މަންމައެވެ. ރީނާމެންގެ މަންމަ އަކީ އަބަދުވެސް ވަރަށް ބުރަ މަސައްކަތް ކޮށްގެން، ލިބޭ މިންވަރުން ދަރިންގެ ކަންތައް ކޮށްދެމުން އައި ހިތްވަރުގަދަ މަންމައެކެވެ. ބައްޕައެއް ހުރެ، ބައްޕަގެ ލޯބިން އެކުދިން ތިބީ މަހުރޫމްވެފައެވެ. ދަރިންބެލުމުގެ ހުރިހަާ ބުރައެއް އުފުލަމުން އައީ އެ މަަންމަ އެކަންޏެވެ. ރަށުގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުން އަދި ލިބެމުންދިޔަ ދަތިތަކަށް ކެތް ނުކުރެވިގެން ރީނާގެ މަންމަ ކުދިން ގޮވައިގެން މާލެ ބަދަލުވީ މަޖުބޫރު ވެގެންނެވެ. ހޮސްޕިޓަލްގެ އެހީތެރިޔެއްގެ ވަޒީފާ އިން ލިބޭ އާމްދަނީ އިން އަދި ފިރިމީހާ މަދު ފަހަރެއްގަ ދޭ ކުޑަލާރިކޮޅުން ހުރިހަާ ކުދިންގެ ހަރަދާއި، ދިރިއުޅުމުގެ ކަންތައްތައް ފޫބެއްދެނީ ހަމަ ކިރިޔާއެވެ.

މަންމަ ކުރަމުން ދިޔަ ބުރަ މަސައްކަތަށް ކުޑަނަމަވެސް ލުޔެއް ހޯދައިދޭން ބޭނުންވާތީ އުމުރުން 14 އަހަރުގައި ފިހާރައެއްގެ ސޭލްސް ގާލް އެއްގެ ވަޒީފާއަށް ރީނާ ދާންފެށިއެވެ. މުސާރައިގެ ގޮތުގައި ލިބޭ ކުޑަ ލާަރިކޮޅު މަންމައަށްދީ،
ގޭތެރޭގެ ހާލަތު ބަދަލު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ރީނާ އައީ ކޮށްދެމުންނެވެ. ރީނާ ގެ ކުޑައަށް ހުންނަ ކޮއްކޮ އަކީ ހާއްސައެހީއަށް ބޭނުންވާ ކުއްޖަކަށް ވުމުން ކޮއްކޮގެ ބޭސްފަރުވާއަށްވެސް ބޮޑު ހަރަދުތަކެއް މަންމައަށް ވަނީ ކުރަން ޖެހިފައެވެ. ގުރޭޑު އަށަކާއި ހިސާބުން ރީނާ ކިޔެވުން ދޫކޮށް ފެރީ ޓާރމިނަލްގެ ޓިކެޓު ކައުންޓަރުގައި ފުލްޓައިމްކޮށް ވަޒީފާ އަދާ ކުރަން ފެށީ މަންމައަށް އިތުރަށް އެހީފޯރުކޮށްދިނުމަށެވެ.

މިގޮތުގެ މަތިން ދުވަސްތައް ހޭދަކުރަމުން ދަނިކޮށް، ރީނާއަށްވެސް އޭނާގެ ހިތް އެދޭ ފަދަ ރީނާއަށް އަޅާލާނެ ބައިވެރިޔަކާ ދިމާވިއެވެ. މަންމަމެންނަށް މިގުޅުން އެނގުނު ހިސާބުން އެކަމަށް އާއިލާ އެންމެންވެސް ދެކޮޅުހެދިއެވެ. އެހެންނަމަވެސް ރީނާ ބޭނުންވީ އުމުރުން 18 އަހަރު ވާއިރަށް ސާމިރު (އަސްލު ނަމެއް ނޫން) އާއި ކައިވެނި ކުރާށެވެ. މަންމަ އާއި އެއްބަނޑު އެއްވެސް މީހަކަށް ނާންގާ ސާމިރުގެ ރަށަށް މުޅިން އާ ދިރިއުޅުމެއް ފަށަން ދަތުރުފެށީ ސާމިރުއަށް ކުރެވުނުއިތުބާރުގެ ސަބަބުންއެވެ. އަދި އެފަދަ ބޮޑު ފިޔަވަޅެއް އަޅަން ސާމިރުގެ ފަރާތުން ލިބުނު ހިތްވަރާ، އޯޤާތެރި ކަމުގެ ސަބަބުންއެވެ.

ރީނާ މަންމަ މަތިން ހަނދާންވެ ދެރަވިނަމަވެސް، ސާމިރުއާއި އޭނާގެ އާއިލާގެ ފަރާތުން އެރަށައް ދިޔަދުވަހު ލިބުނު ލޯބިން، މުސްތަގުބަލުގައި އަދި މަންމައާއެކު އޮތް ގުޅުން ރަނގަޅުވެ، ރީނާ މިފެށި އާދިރިއުޅުން މަންމަމެން ބަލައިގަނެ، ރަނގަޅުވާނެ ކަމުގެ ފޮނި އުންމީދު ކުރެވުނެވެ.

ކައިވެނިކުރަން ހަމަޖެހިފައި އޮތްދުވަސް އެއީ ރީނާއަށް އެންމެ އުފާވެރިކަން އިހުސާސް ކުރެވުނު ދުވަހެވެ. ރީނާއާއި ސާމިރުގެ ކައިވެނި ކުރެވުނީ ރޭގަނޑު ވަގުތެއްގައި ކޯޓުގައެވެ. ރީނާއަށް ކުރެވުމުންދިޔައީ ކޮންމެ އަންހެން ކުއްޖެއްވެސް ޒަވާޖީ ހަޔާތެއް ފަށާއިރު އެކުރެވޭ އުފާވެރި ފޮނި އިހުސާސްތަކާއި އުއްމީދުތަކެވެ.

އެރޭ އެނބުރި ގެޔަށްގޮސް ދެމަފިރިން އެކަނި ކޮޓަރީގައި ވާހަކަ ދައްކަން ތިބެ ރީނާއަށް ބުނެވުނު އެއްޗަކުން، ސާމިރު ވަރަށްބޮޑަށް ރުޅި އައިސް، ރީނާގެ މޫނުމަތީގައި ވަރަށް ބާރަށް ޖެހިއެވެ. ރީނާއަށް ލިބުނީ ބަޔާން ކުރަންވެސް ނޭނގޭ ކަހަލަ ޝޮކެކެވެ. ހަދާނެ ގޮތެއް ނޭނގި، ބުނާނެ އެއްޗެއްނޭނގި ގަނޑުވެފަ ރީނާއަށް އިނދެވުނެވެ.
ކާވެނީގެ ފުރަތަމަރޭ ލިބިގެންމިދިޔައީ ގެވެށި އަނިޔާ ކަމެއް ނޭނގި، މުޅި ދިރިއުޅުން ބިރުވެރި ކަމެއްގެ ތެރެޔަށް ވެއްޓިގެން ދިޔައީ ކުޑަ ހިިނދުކޮޅެއްގެ ތެރޭގައެވެ.

“އެރޭ މަންމަ މަތިން އެންމެބޮޑަށް ހަނދާންވީ. އެކަމަކު މަންމަ އަށް ގުޅާނީ ވަކި ކޮންމޫނަކައިގެން؟ މަންމަ އަކަށް ނުވެސް އިނގޭނެ އެދުވަހު ކައިވެނި ކުރިކަމެއް! މަންމައަށް ގުޅާފަ ކިހިނެއް ބުނާނީ ކައިވެނި ކޮށްފީމޭ، ފުރަަތަމަދުވަހުވެސް ކައިވެނީގެ ހަދިޔާ އަކަށް ލިބުނީ އަނިޔާއޭ؟”

ރީނާގެ ކައިވެނީގެ ފުރަތަމަ ދުވަސްތައް ދިޔައީ އެކަހަލަ ގޮތަކަށެވެ. އުފާވެރި ވަގުތު ކޮޅުތަކާއި، އަނިޔާއާއި ކުރިމަތިލާންޖެހޭ ދުވަސްތަކެވެ. ލޯބިން އުޅޭ ދުވަސް ދުވަހު ބޭރަށް ގެންގޮސް އުފާވެރި ވަގުތުތައް އެކުގައި ހޭދަކުރެވުނެވެ. މޫޑު ސަކަރާތްވެ ރުޅިއަންނަ އިރަށް ސާމިރު މުޅިން އެހެންމީހަކަށް ބަދަލުވެ، އަނިޔާތަކާއި ކުރިމަތިލާން ޖެހުން އާދައަކަށް ވާންފެށިއެވެ.

މިގޮތުގެމަތިން ދުވަސްތައް ފާއިތުވަމުންގޮސް އެއްްދުވަހަކު ވަރަށްބޮޑަށް ދެމީހުންގެ މެދުގައި ޒުވާބު ކުރެވުނެވެ. އެއްވެސް ވަރަކަށް ހަރަދު ނުދޭތީ އެރޭވެސް ދެކެވުނީ އެވާހަކައެވެ. އެވަގުތު ރީނާ މިގޮތަށް ކަންތައް ތަކުރާރު ވާނަމަ ދެންއެނބުރި މަންމަ ކައިރިއަށް ދާނީ ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. މިއަނިޔާތަކާއި ކުރިމަތިލާން މިތާނގައި ހުންނަން ބޭނުަން ނުވަާކަމަށް ތަކުރާރުކޮށް ދިޔައީ ބުނަމުންނެވެ. އެރޭ ރީނާ އެނދުގައި ނިދާފައި އޮއްވާ ހޭލެވުނީ ވަރަށް ބާރަށް ރޫމްގައި ލަވަޖަހަން ފެށި އަޑަށެވެ. ހޭލެވުނު އިރު ސާމިރު ކުރިމަތީގައި ހުރީ ކަސްރަތު ކުރާއިރު ލިފްޓް ކުރަން ގެންގުޅޭ ދަގަނޑު ހޮޅިއެއް ނަގައިގެން ޖަހަން ތައްޔާރަށެވެ.

“އެވަގުތު ވީނުވީއެއް ނޭނގުނު، ހަށިގަނޑުގެ އެތަންމިތާގަ ތަޅަންފެށީ، ބިރުން ހަޅޭއްލެވުނީ، 12 ޖެހިއިރު އެފެށި ގޮތަށް ފަތިސް ވަންދެން އެރޭ އަނިޔާކުރީ އެ ދަނގަޑުގަނޑުން. މޫނުމަތި ފަޅައިގެންގޮސް ލޭތައް އޮހެރެން ފެށީމަ ތެޅުން ހުއްޓާލީ. އެގޭގަ އުޅޭ އެއްވެސްމީހެއް ނާދޭ އެހީވާކަށް. އޭނާ ލަވަވެސް ޖަހަނީ އަހަރެންގެ ރުއިމާއި ގިސްލުމުގެ އަޑުތައް ބޭރަށް ގޮސްދާނެތީ. މިއަދުވެސް އަޅުގަނޑުގެ މޫނުމަތީ ގަ އެލަކުނު ފެންނަން އެބަހުރި. އެޒަހަމްތައް ހިތުގައި އެބަހުރި.”

“24 ގަޑިއިރު ފަހުން ހުންއައިސް ރަތްވެފައި އޮއްވާ ޑޮކުޓަރަށް ގެންދިޔައީ، ގެއިން ނިކުތުމުގެ ކުރިންބުނި އެއްވެސްމީހެއް ކައިރީގަ ވީގޮތް ނުބުނުމަށް. އެވަގުތު މީހެއްކާރީގަ އެއްޗެއް ކިޔާ ދެވޭވަރަށްވުރެ އަހަރެންގެ ހާލު ހުރީދެރަކޮށް، އަދި ހުރީ އެހާވެސް ބޮޑަށް ބިރުގަނެފަ. ޑޮކުޓަރަށް ގޮއްސަ އޭނަ ބުނީ އަހަރެން އަމިއްލަޔަކަށް ފުރާޅުމަތިން ފުންމާލީކަމަށް. އެކަމަކުވެސް ނޫފަާ ގަނެފައި ހުރި ތަންތަނާއި ކަފައިގެން ގޮއްސަހުރި ޒަހަމްތަކަށް ބަލާފަވެސް އިނގޭނެ އެއީ އަނިޔާގެ ނިޝާން ތަަކެއްކަން”

މިހާދިސާއަށް ފަހު އެނބުރި ރަށަށް ދާންއުޅުމުން، ސާމިރު ރޮއެ އާދޭސް ކުރަންފެށިއެވެ. ދެންދުވަހަކުވެސް އަނިޔާއެއް ނުކުރާނެ ކަމަށް އެތައް ވައުދު ތަކެއްވިއެވެ. ރީނާއާއި އެކު ލޯބިން މުޅިއުމުރު އެކީ އުޅެން ބޭނުން ކަމަށްބުނެ ރޮއެހެދިއެވެ. ދާނެ އެހެންތަނެއްވެސް ނެތުމުން ދިރިއުޅުން ރަނގަޅުވާނެ ކަމަށް އުއްމީދުކޮށް އަނެއްކާވެސް ސާމިރުއާއެކު ރީތި ދިރިއުޅުމެއް އުޅެވޭތޯ ބަލަންފެށީމެވެ. އެޒަހަމްތަކާއި އެކު ރީނާއަށްވެސް ބަދަލުތަކެއް އަންނަން ފެށިއެވެ. ސަމީރުދެކެ ގަންނަން ފެށި ބިރު ކެނޑި އަމިއްލަ ދިފާއުގައި ކުރިމަތިލާން ރީނާ އަޒުމް ކަނޑައެޅި އެވެ. އަދި ރީނާގެ ގައިގައި ދެންޖަހައިފިއްޔާ އަނބުރާ ޖަހާނެ ކަމަށް ސާމިރުކާރީގައި ރީނާ ބުންޏެވެ. އޭގެ ފަހުން ޒުވަަާބު ކޮށްފިއްޔާ، ރީނާއަށްވެސް އެޔައް ރައްދުދެވެންފެށުނެވެ.

މިހެން އުޅެމުންގޮސް ފުރަތަމަ ދަރިފުޅަށް ރީނާ ބަނޑުބޮޑުވިއެވެ. 300 ރުފިޔާ ވަރު ހަފުތާ ދެހަފުތާއައް ހަރަދުކުރަން ދީފަ ސާމިރު ގިނައިން އުޅުނީ ރަށުން ބޭރުގަ ލަނޑާނެގުމުގެ މަސައްކަތުގައެވެ. ވަރަށް އުނދަގުލުން ޒަރޫރީ ބޭނުންތައްވެސް ފުއްދާލެވެނީ ހަމަ ކިރިޔާއެވެ. ދަރިފުޅުވިހައިގެން ހޮސްޕިޓަލުގައި އޮއްވާ ވިޒިޓް ކުރި ރައްޓެއްސެއް ބުނީ، ސާމިރު އުޅެނީ އެހެން އަންހެނަކާ ރައްޓެހިވެގެން ކަމަށާއި، އެއަންހެން މީހާގެ ހަރަދުތައް ވަރަށް ގިނައިން ކުރާކަމަށެވެ. މުޅި ރަށު ތެރޭގައިވެސް އެވާހަކަ ވަރަށް ދެކެވޭ ކަމަށް އޭނާ ބުންޏެވެ.

ދަރިފުޅުވިހައިގެން ހަފުތާއެއް ނުވަނީސް އަނެއްކާވެސް ސާމިރު ފުރައިގެންދިޔައެވެ. ރީނާއާއި ދަރިފުޅުގެ ހަރަދައް ކުރަން ހަމަ އެންމެ 300 ރުފިޔާ ދީފައި ދިޔައިރު، ކަމެއްޖެހިގެންވެސް ފޯނުންވެސް ނުގުޅޭފަހަރު ގިނަވަމުންދިޔައެވެ. ކަންތައްތައް ވަމުންދިޔަގޮތެއް ކުޑަދަރިފުޅު ގޮވައިގެން ގޭގަ ހުރި ރީނާއަކަށް ނޭނގެއެވެ.

އަނެއްކާވެސް ރީނާ އަށް ކުރިމަތި ލާން ޖެހުނީ ހީވެސް ނުކުރާކަހަލަ ކަންތައް ތަކަކާއެވެ. ފިރިމީހާ އެއްދުވަހަކު ގުޅާފަ ދެއަންބައް މީހަކާަ އިންނަން ބޭނުން ވާކަމުގެވާހަކަ ބުންޏެވެ. އެވަގުތު ރީނާ އެއީ މާބޮޑު ކަމަކަށް ނުހަދާ އެކަމަށް ގަބޫލުވިއެވެ. ރީނާގެ ދަރިފުޅަށް ވެދާނެ ގޮތަކާމެދު ވިސްނާފައި ހިތާއި ދެކޮޅަށް ވެސް އެއްބަސްވީ ދަރިފުޅު ބިކަވެދާާނެތީއެވެ.

މިކަމަށް އެއްބަސް ވެގެންވެސް ރީނާއާއި ދަރިފުޅަށް ލޯތްބާއި އޯގާތެރިކަން ލިބޭނޭ ކަމުގެ އުންމީދުގައެވެ.

ސާމިރު އެހެންބުނިތާ 24 ގަޑިއިރުވެސް ނުވަނީސް އެބުނާ އަންހެން މީހާ ގޮވައިގެން ގެޔަށް އައިސް، ރީނާމެންގެ ރޫމަށް ވައްދާ، މިއަދުން ފެށިގެން އޭނަވެސް އުޅޭނީ ރީނާ އާއި ސާމިރު ކައިރީ އެކޮޓަރީގައި ކަމަށް ބުންޏެވެ. އަދި އޭރު އެ މީހުން ކައިވެނިވެސް ނުކުރެެއެވެ. އެއްޗެކޭ ބުނެފިއްޔާ އަނެއްކާވެސް އަނިޔާ ކުރާނެކަން އެނގޭތީ، މަޑުން ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ރީނާ އަށް އެވަގުތު ގަބޫލު ކުރެވުނެވެ.

“ ވަރަށް އަސަރު ކުރުވަނިވި ގޮތަކަށް އެޔަށްފަހު އުޅެންޖެހުނީ، ދަރިފުޅަށް އެންމެ 3 މަސް އޭރުވާނީ، ކުރިމަތީގައި ހިލޭ އަންހެނެއް ގޮވައިގެން އެހެން އުޅޭތަން ދެކެން އެއްވެސްމީހަކަށް ފަސޭހައެއް ނުވަާނެ، ވަރަށް ހިތުގައި ޖެހުނު، އެދެމީހުން އެކުގައި ފާހާނާތެރެއަށް ވަދެ އެތައް އިރެއް ހޭދަކުރާނެ، އެކުގަ ބޭރަށް ގޮސް ހަދާނެ، އެންމެފަހުން ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔުމުން ނިންމީ ކޮންމެ ގޮތެއްހަދާފަ ނަމަވެސް މިތަނުން ނުކުމެގެން ސަލާމަތް ވާން، މީ އިންސާނަކު އުޅެންވާ ވަރުގެ ދިރިއުޅުމެއް ނޫންކަން ގަބޫލު ކުރެވުނީ އެހިސާބުން، އަހަރެންގެ ހަޔާތުގެ 3 އަހަރާއި ބައި އެފިރިހެންމީހާ ގެ ވަކިތަކުގެ ދަށުގައި ހޭދަ ކުރެވުނުއިރު އަހަރެންނާއި ދަރިފުޅަށް ލިބުނު އެއްވެސް އުފަލެއްނެތް! ލިބުނު ހަމަ އެކަނި އެއްޗަކީ ވޭނާއި ހިތާމަ”

ވަރަށް ހާލުގަ އެހާލަތުން ނިކުމެގެން އަނެއްކާވެސް ދިރިއުޅުން ބަދަލުކުރީ މަންމަ ކައިރިއަށެވެ. މަންމަ އޭރުވެސް އުޅެމުންދިޔައީ މާލޭގައި ކުއްޔައް، އެއްކޮޓަރިއާއި ސިޓިންރޫމެއް އިންނަ ކުޑަ ތަންކޮޅެއްގައި ބަލި ކޮއްކޮ އާވެސް އެކުގައެވެ. މަންމަ ވެދިޔަކަންތަކާމެދު ކިތަންމެ ރުޅިއައިއްސަ ހުރިނަމަވެސް، އަމިއްލަ ދަރިފުޅު އެނބުރި އައުމުން ރުޅި މަޑުކޮށް އުފަލާއެކު ރީނާގެ ދެމައިންނަށް އަޅާލިއެވެ.

މަންމައާއިއެކު އެކޮޓަރި ތެރޭގައި ގޮދަޑިއެއް އަޅައިގެން ރީނާގެ ދެމައިން ދިރިއުޅެންފެށިއެވެ. އެހެންއުޅެމުން 6 މަސް ފަހުން އެނގުނީ ރީނާ އިނީ 2ވަނަ ދަރިއަކަށް ބަލިވެކަމެވެ.

“ބަނޑަށް ހަމަސްވީއިރުވެސް ނޭނގެ ބަނޑު ބޮޑުކަމެއް! ކައިވެނިކޮށްގެން ހަޔާތުގަ އެދިމާވި ކަންތައްތަކާހުރެ، އޭރު އިތުރު އެއްވެސް ކަމެއްގަ ވިސްނާ ފިކުރެއް ނުކުރެވޭ، މުޅިދިރިއުޅުން މަތިންފޫހިވެފަހުރީ، އެހެންވެ ބަނޑުބޮޑުކަންވެސް ނޭނގުނީ. ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުން ފަދަ އިހުސާސްތަކެއް ކުރެވުނީ، ދެންހަދާނީ ކިހިނެއްކަމެއްވެސް ނޭނގުނު.
މިކަމުންވެސް އަރައިގަނެވުނީ މަންމަގެ އެހީތެރިކަމާއެކު. ދެވަނަ ދަރިފުޅު ވިހައިގެން އަތްމަތި ދަތިވެ އެހެން ގޮތެއް ނެތުމުން އޭނައަށް ގުޅީމަ -/1000 ރުފިޔާ ފޮނުވަދިން. އޭގެފަހުން އެތައް މަހެއް ވަންދެން އެއްވެސް އެއްޗެއް ނުދޭ! އަމިއްލަޔަކަށް ކުރެވުނު ކަމެއް ކޮށްގެން ކުދިން ބަލަމުން އައީ، ކުޑަދަރިފުޅަށް 6 މަހުގަ އޭނާ ކައިރިން ވަރި ވެވުނީމަ ހިތަށް ކޮންމެސްވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނު. އެތަށް ދުވަހަކަށްފަހު ހަމަޖެހިގެން ނޭވާ ލެވުނު!”

މާލޭގައި ނޫޅެވޭހާ ބޮޑަށް މާލީހާލަތު ދަށްވުމުން، މަންމަ އާއެކު ރަށަށް ބަދަލުވާން ނިންމީ، ދިރިއުޅުމަށް ރަނގަޅު ގޮތްތަކެއް ފެނިދާނެ ކަމުގެ އުއްމީދުގައެވެ. އެހެންނަމަވެސް، އަމިއްލަ ރަށުގައި ވެސް ދިރިއުޅޭނެ ތަނެއް ނެތުމުން ރީނާގެ އާއިލާ ދިރިއުޅެމުން ދިޔައީ ތަންތަން ކުއްޔަށް ނަގައިގެންނެވެ. ނުވަތަ ވީރާނާ ވެފައިވާ ފަޅުގެތަކުގައާއި، ގޭތެރެ ބަލާ ސާފުކުރާ މަތިން މީހުން ހަވާލު ކުރާ ގެތަކުގައެވެ.

ރީނާގެ ކޮއްކޮއަކީ ހާއްސައެހީ އައް ބޭނުންވާ ކުއްޖެއްކަމުން، ގޭގެ މުދަލަށް ގެއްލުންދީ އެއްޗިހި ހަލާކުކޮށް ހަދާތީ އެ ގޭގެއިންވެސް ނިކުންނަން ކޮންމެ ފަހަރަކު މަޖުބޫރުވެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކޮއްކޮގެ ފަރާތުން ރީނާގެ ދެކުދިންނަށް ވެސް ޖިސްމާނީ އެތަށް އަނިޔާއެއް ލިބެން ފެށުމުން، މަންްމައާއި ކޮއްކޮ ދޫކޮށް އެހެން ގެޔަކަށް ދިރިއުޅުން ބަދަލުކުރަން ހިތާ ދެކޮޅަށްވެސް ރީނާއަށް މަޖުބޫރުވިއެވެ. މަންމަގެ ވެސް އެދުމުގެ މަތިން ކުދިންނަށްޓަކައި ރީނާ ގެ ބަދަލުވިއެވެ.

ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަން ކޮންެމެހެންވެސް ރީނާއަށް ވަނީ ވަޒީފާއެއް ހޯދަން ޖެހިފައެވެ. ދެކުދިންގެ ހުރިހާ ހަރަދެއް އަމިއްލައަށް ކުރަން ޖެހިފައިވުމުން އެކުދިން އެކަނި ގޭގައި ބައިތިއްބާފައި އެކިތަންތަނަށް ގޮސް ވަޒީފާ އެއް ލިބޭތޯ ރެޔާ ދުވާލު މަސައްކަތް ކުރިއެވެ.

ގައިގައި ކިތަންމެ ވޭނެއް އެޅިޔަސް ކުދިންގެ ހައްގުގައި ހިތްވަރުލައި ރީނާދިޔައީ މަސައްކަތް ކުރަމުންނެވެ. އެހާ ބުރަކޮށް މަސައްކަތް ކޮށްގެންވެސް ލިބެނީ ހަމަ އެންމެ -/1500 ރުފިޔާއެވެ. މާގިނަ ދުވަހެއްނުވެ އެވަޒީފާ ދޫކޮށްލަން ޖެހުނީ ގައިގެ ތަންތަނުގައި ރިއްސާ އެވޭނުގަ އުޅެންޖެހޭތީއެވެ. އަދި މުސާރައަށް ބަލާއިރު ކުރަންޖެހޭ މަސައްކަތްވެސް ބުރަވީމައެވެ.

މަންމައާއި ވަކިން ރީނާ ބަދަލުވެގެން ދިރިއުޅެމުން އަންނަނީ ރަށުގައި ކޮޓަރި ކުއްޔަށް ދޭ ގެއެއްގައެވެ. ކުޑަކޮޓަރިއެއްގެ އެއްކަނުގެއިތިރީގައި ގޮދަޑިއެއް އަޅާފައި އޮތްއިރު އޭގެ މަތީގައި އިށީންދެގެން ބޮޑު ދަރިފުޅު ފިލާވަޅު ހަދަން އިނެވެ. ކުދިންގެ ފޮތްތައް ލާނެ ކަބަޑެއް ނެތުމުން ގޮދަޑިއާއި ކުޑަ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ މަތީގައި ދެކުދިންގެ ހުރިހާ ފޮތްތައް ބަހައްޓާފައި ހުރިއެވެ.

ރީނާ ދިރިއުޅެމުން އަންނަ ގެޔަކީ ރަށުގެ އެކި އާއިލާތަކުގެ މީހުން ދިރިއުޅެމުން އަންނަ ތަނަކަށް ވުމުން އެންމެން ވެސް ކައްކައި ކައި ހަދަން ޖެހެނީ ބަދިގެ ޝެއާ ކޮށްގެންނެވެ. ކޮންމެ މީހަކުވެސް ވަކިން ކުޑަ މޭޒެއް ބަހައްޓައިގެން އެމީހެއްގެ އުނދުނާއި ތެލިތަށިތައް ހުންނަނީ އެ މޭޒެއްގެ މަތީގައެވެ. ރީނާއަށް އުނދުނާއި ތެލި ގަނެވޭނެ ގޮތެއް ނެތުމުން އޭނާ ބޭނުން ކުރަނީ އެގޭގައި ދިރިއުޅެމުން އަންނަ ބޭރުމީހެއްގެ އުނދުނާއި ތެލިތަކެވެ. ބައެއް ފަހަރު މިހާލަތުގައި ހުސް ތެއްޔެއް ނެތުމުން ކެއްކޭނެ ގޮތެއް ނެތިފައި ވެސް ރީނާ އެތަށް އިރަކު ހުންނަން ޖެހެއެވެ.

ފިހާރައިގެ ވަޒީފާ ބުރަކަމުން އެތަނުން ކެނޑުމަށްފަހު ދެން ރީނާ މަސައްކަތް ކުރަން ފެށީ ގޭގެއަށްގޮސް ކުނިކަހާއި، ގޭތެރެ ސާފުކޮށްދީ އަދި ކައްކައިދީގެން މަސައްކަތު މީހެއްގެ ވަޒީފާއެވެ. މި މަސައްކަތް ކޮށްގެން މަހަކު ދެހާހެއް ހާ ރުފިޔާ ލިބެމުން ދާއިރު، ތަނުގެ ކުލި ދައްކާފައި ގިނަ ފަހަރު ކަރަންޓް ބިލް ނުދެއްކެއެވެ. އެހެންކަމުން އެކަނިވެރިމައިންގެ އެލޮވެންސް އިން ލިބޭ 2000 ރުފިޔާއިންބިލް ދެއްކުމަށްފަހު، ކުދިންގެ ސުކޫލަށް ބޭނުންވާ ހަރަދުތައް ކުރުމަށް އަތުގައި އޮންނަނީ ވަރަށް ކުޑަ މިންވަރެކެވެ. މީގެން ކުދިންނާއި ރީނާއަށް ރަނގަޅު ކާނެ އެއްޗެއް ނުލުބިވެސް ކިތަންމެ ދުވަހަކު ހުންނަން ޖެހެއެވެ.

އަޅުގަނޑުމެން މަމްސް އެއިޑްގެ ފަރާތުން ރަށުގެ ކައުންސިލް ބޭފުޅުންނާއި ބައްދަލުކޮށް ރީނާއާއި ދެކުދިންގެ ދިރިއުޅުމުގެ ކަންކަން ރަނގަޅު ކުރެވޭނެ ގޮތެއް ބެލުމަށް މިވަނީ މަޝްވަރާތައް ކުރަންފެށިފައެވެ. އަދި މިގޮތުގެ މަތިން ކައުންސިލްގެ ފަރާތުން ރީނާއަށް ރަށުން ދިރިއުޅޭނެ އެއްވެސް ތަނެއް ނެތުމުން މިވަނީ ގެވަޅެއް ހަމަޖައްސައިދީފައެވެ.

ދަރިންގެ ބައްޕަގެ ފަރާތުން އެއްވެސް އެހީއެއް ނުލިބި މިކުދިން ބަލާ ބޮޑުކުރަމުން އެދަނީ މި ހިތްވަރުގަދަ ރީނާއެވެ. ކުޑަ ދަރިފުޅަށް 9 އަހަރު ވެގެން ގޮސްފައިވާއިރު އިރު އެކުއްޖާގެ މޫނުވެސް އަދި އެބައްޕަ ނުދެކެއެވެ.
ރީނާގެ އުއްމީދަކީ ރީނާއަށް ނުލިބުނު އުފާ، އެތުއްތު ދެކުދިންއައް ހޯދައިދިނުމެވެ. އަމިއްލަ ވަޒަނެއްގައި، އުފަލުގައި، އެކުދިން އުޅޭތަން ދެކުން. މިކުދިންނަކީ އަޙުލަާޤު ރަނގަޅު ފުރިހަމައަށް ނަމާދުކޮށް އިސްލާމީ ރިވެތި އުސޫލުތަުގެ ތެރެއިން ބޮޑުވެގެން އަންނަ ބަޔަކަށް ވުމީ މިމަންމަގެ ދުއާއެވެ. ދިރިއުޅުމުގައި ރީނާއަށް މިހުރިހާ ކަމަކަާ ކުރިމަތިލާ މިކަމުން އަރައިގަންނަން ލިބުނު އެންމެ ބޮޑު ހިތްވަރަކީ ދެކުދިންނާއި މަންމަކަމުގައި ހިނިތުން ވެލާފައި ރީނާ ބުނެލިއެވެ.

ފާއިތުވެދިޔަ 4 އަހަރެކޭ އެއްފަދައިން މަމްސް އެއިޑް ގެ ” ހޯޕް ފޯރ މަމްސް ކެމްޕެއިން” ގެދަށުން، މިއަހަރުވެސް ޢާއިލާ އަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ފަންޑުރައިޒް ޕްރޮޖެކްޓެއް މިވަނީ ފަށާފައެވެ.

މިގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހޮވިފައިމިވަނީ ދެކުދިންއާއެކު، ވަރަށް ހިތްދަތި ދިރިއުޅުމެއް އުޅެމުންދާ އެކަނިވެރި މަޔެއް ކަމަށްވާ ރީނާ (އަސްލު ނަމެއްނޫން) އެވެ.
މަމްސް އެއިޑް އިން ކޮންމެ ފަހަރަކުވެސް އާއިލާ ހޮވުމުގައި އެންމެ ބޮޑަށް އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި، އެތައް އަހަރުތަކެއް ވަންދެން މާލީގޮތުން ދަތިހާލުގައި ދިރިއުޅޭ ފަރާތަކަށް ވުމާއެކު، ބޯހިޔާ ވެހިކަމެއް ނެތް އާއިލާއަކަށް ވުމާއި، އަދި ގެވެށި އަނިޔާ ތަހަންމަލު ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކަށް ވުން ހިމެނޭ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

މަމްސް އެއިޑް އިން މިހިތަވްރު ގަދަ މަންމައަށް އުފާވެރި އަދ ރައްކާތެރި މާހައުލެއް ހޯދައި ދިނުމަށްޓަކައި ރީނާއަށް ލިބިފައިވާ ގޯތީގައި ދެ ކޮޓަރީގެ ގެޔެއް ހަދާދިނުމަށް މިވަނީ ފަންޑްރައިޒިންގ ކެމްޕެއިންއެއް ފަށާފައެވެ.

އެހީތެރިކަން ފޯރުކޮށް ދެއްވަން ބޭނުންވާ ފަރާތްތަކުން މަމްސް އެކައުންޓަށް ފައިސާ ޖަމާކުރެއްވުމަށްފަހު ފޭސްބުކް ޕޭޖް އަށް ސުލިޕް ފޮނުވުމަށް އެޖަމިއްޔާއިން އެދެމެވެ. މި ކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައި ދިނުމަށް އަޅުގަނޑުމެން ގުޅިގެން އެހީތެރިކަން ފޯރު ކޮށްދެމާ!

ޑޮނޭޓް ކުރެއްވުމަށް:
MVR 7730000294482
USD 7730000294483

އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް:
9851477, 7688122, 7849393

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ