އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ، ކެނޑިޑޭޓް ނަމްބަރު 2 އަކީ ދިވެހިރާއްޖޭގައި ދީނީ ޢިލްމީ އުނގެނިވަޑައިގެން ތިއްބެވި މަަަދު ކަނބަލުންގެ ތެރެއިން އެކަކެވެ. އަދި ވިހިވަނަ މަޖިލީހުގައި މާފުށީ ދާއިރާގެ ގޮނޑިއަށް، ޕީ.ޕީ.އެމް ޕީ.އެން.ސީގެ ޕުރައިމަރީއަށް ކުރިމަތިލުމަށް ސާމިޔާ ނިންމެވީ މާފުށީ ދާއިރާގެ އަންހެނުންނާއި، މުސްކުޅިންނާއި، ކުޑަކުދިން ޝާމިލްވާހެން އެންމެންނަކީވެސް މުޖުތަމައުގައި ބޭނުންހިފޭ ބަޔަކަށް ހަދައިދިނުމުގެ އަޒުމުގަ އެވެ.
އަލްއުސްތާޛާ ސާމިޔާ ވަނީީ މިޞްރުގެ އަލް އަޒްހަރް ޔުނިވަރސިޓީ އިން ޝަރިއްޔާ ޑިގްރީ ހާސިލް ކުރައްވުމަށް ފަހު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ޤުރުއާން އަދި ސުންނަތުގެ ދާއިރާއިން މާސްޓަސް އަދި ޕީއެޗްޑީ ނަންގަވާފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ލެކްޗަރަރ އެއް ގޮތުގައި ހުންނަވައިގެންނާއި، އެހެނިހެން ގޮތްގޮތަށްވެސް ސާމިޔާ ގެންދަވަނީ ދީނީ ޢިލްމު ފަތުރުއްވަމުންނެވެ.
މާފުށީ ދާއިރާގައި ހިމެނޭ ދެ ރަށް ކަމަށްވާ ކ. މާފުއްޓާއި، ގުރައިދޫގެ ރައްޔިތުންނަށް ސާމިޔާ އަކީ ދަންނަ އެކުވެރި މޫނެކެވެ. އަބަދުވެސް ރަށަށް ޒިޔާރަތް ކުރައްވާ ރަށުގެ ހާލު ގާތުން ބަލަމުން އަންނައިރު، ސާމިޔާ ގެންދަނީ ގުރައިދޫގެ ރައްޔިތުންނާއި ވެސް ގާތްގުޅުމެއް ބާއްވަމުންނެވެ.
މާދަމާ އޮންނަ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ސާމިޔާ ނިންމެވިއިރު، މިހާތަނަށް ވަނީ އެ ދާއިރާގެ ގިނަ ގޭގެއަށް ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންނަށް ހުރި ދަތިތައް އޮޅުންފިލުވާފަ އެވެ.
ސާމިޔާ ވިދާޅުވިގޮތުގައި މިފަހަރު މަޖިލީހަށް ކުރިމަތިލާން ނިންމެވީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނައުމުގެ ނިޔަތުގަ އެވެ. ހާއްސަކޮށް މަޖިލީހުގައި އަންހެނުން ތަމްސީލު ކުރަން ލިބޭ މި ފުރުސަތުގެ ބޭނުން ހިފާ ދާއިރާއަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މީހެއް އިޙްތިޔާރުކުރުމަށް ސާމިޔާ ވަނީ އެދިލައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އަންހެނުން މަދުވުމާއެކު، މުޖުތަމައުގައި އަންހެނުން ތަމްސީލުކުރާ ވަރާއި އަންހެނުންނަށް ލިބޭ ފުރުސަތުތައް ވެސް މަދުކަން ސާމިޔާ ވަނީ ފާހަގަކުރައްވާފަ އެވެ.
ސާމިޔާ ފާހަގަކުރެވެނީ މިހާތަނަށް ކުރެއްވި ހުރިހާ މަސައްކަތެއްގައި ވެސް ނަތީޖާ ދައްކަވާ ބޭފުޅެއްގެ ގޮތުގައި އެވެ. އަދި ދީނީ އިލްމް ފޯރުކޮށްދީ އެކި ކަންކަމުގައި މީހުން ހޭލުންތެރކުރުވުމަށް ސާމިޔާ ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
“އަޅުގަނޑަކީ ޤާނޫނީ ގޮތުންނާއި މުޖުތަމައުގެ ހާލަތާއި ކަންކަން އެނގޭ މީހެއް. އެހެންވީމަ އަޅުގަނޑު އެދެނީ ހުރިހާ ބޭފުޅުންވެސް އަޅުގަނޑަށް ވޯޓުދެއްވުން.”