- Advertisement -ad image

ނީނާ މި ކިޔައިދެނީ ހައްދެއްނެތް މިންވަރަށް ލިބުނު އަނިޔާ އާއި ސަލާމަތަށް އެދި ކުރި ދަތުރުގެ ވާހަކަތައް!

ad image

ގުޅުންހުރި ލިޔުންތައް

މަމްސް އެއިޑްގެ ކެއާ ލިސްޓްގައި ހިމެނޭ ނީނާ (އަސްލު ނަމެއް ނޫން) ގެ އެންމެ ޅަ އިރުއްސުރެ މިއަދާއި ހަމަޔަށްވެސް ދައްކަން އޮތީ ހިތާމަ އާއި އަނިޔާގެ ވާހަކަ އެވެ. އެކަނިވެރިކަމާއި އާޢިލީ ލޯބި ރަނގަޅަށް ނުލިބި އުމުރުން 15 އަހަރުގައި ހަޔާތުގައި އެތައް ކަންތައްތަކެއް ތަޖުރިބާކޮށްފައިވާ އަދިވެސް އެ ކަނޑުގައި ފަތަމުންދާ ނީނާގެ ވާހަކަތައް މަމްސް އިން ގެނެސްދީފައި މިވަނީ އެ އާއިލާއަށް ކުރިމަތިވެފައިވާ މި އަނދަވަޅުން އަރައިގަތުމުގެ އުއްމީދުގަ އެވެ.

ކިރިޔާ އަނގަޔާއި އަތާ ދިމާވާ ހާލުގައި ފަން ގެއެއްގައި އެއްބަނޑު އެއްބަފާ ކުދިންނާއެކު ބޮޑުވި ނީނާ ޒިންމާތަކާއި ހަވާލުވީ އުމުރުން 15 އަހަރުގަ އެވެ. 

ރަނގަޅަށް ދުނިޔެއަށް ހޭ ނުޖެހެނީސް، އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނާހިދު (އަސްލު ނަމެއް ނޫން) ގެ ދަރިއަކަށް ކައިވެނިން ބޭރުން ނީނާ ވަނީ ބަނޑުބޮޑުވެފަ އެވެ. ރަށަށް ބަދުނާމުވެ އެތައް ގޮތަކުން ފަޞީހަތްވި ނަމަވެސް ހިތްވަރު އެލުވާނުލާ ނީނާ އަދި ނާހިދުވެސް އެކަމަށް އޮތް އަދަބު ލިބިގަނެ އައު ދިރިއުޅުމެއް ފެށި އެވެ. އެ ހިސާބުން ނީނާ ދަތުރުކުރަމުން ދިޔަ އޮޑީގެ ހުއްގާނު އަތުން ދޫވި އެވެ. 
ކައިވެނިކޮށް ނާހިދު އަރުވާލާފައި ހުރި ރަށަށް ނީނާގެ ދިރިއުޅުން ބަދަލުކުރި އިރު ނާޙިދު އުޅެނީ އެރަށުން އެހެން އަންހެނަކާއި ލޯބީގެ ގޮތުން ގުޅިގެންނެވެ. މި އަންހެން މީހާގެ ބަހަށް ދެ ފަހަރު މަތިން ނާހިދު ނީނާ ވަރިކުރި އެވެ. 

މީގެއިތުރުން އަނބިންނަކީ ގޭގައި ތިބެންޖެހޭ ބައެކޭ ބުނެ އެކި ފަހަރުމަތިން ނާހިދު ދިޔައީ ނީނާއަށް ގެވެށި އަނިޔާ ކުރަމުންނެވެ. 

“އަންހެނުންނަކީ ގޭގެ ހަތަރު ފާރު ތެރޭގައި ދަރިން ބަލަން ތިބެން ޖެހޭ ބަޔެއް ކަމަށް ބުނެ އަންނަ ރުޅީގައި ނީނާއަށް އަނިޔާކޮށް ހެދުން އާންމު ވިއެވެ. އެއް ދުވަހަކު މަގުމަތީގައި ނީނާ ހުއްޓާ ނާހިދުއަށް ފެނިގެން އައިސް ކައިރީގައި ހުރި ފާރަށް ކޮއްޕާލާ ޗަސްކޮށްލައި، އިސްތަށިގަނޑުގައި ހިފާ މަގުމައްޗަށް ހޫރާލާ، ގައިގެ ތަންތަނުގައި ފައިން ތަޅާ، ބޯ ފަޅައިގެން ގޮސް ލޭ އަންނަން ދެން އެދުވަހު އަނިޔާ ކުރިއެވެ.”

މި މައްސަލަ ޕޮލިހަށް ހުށަހެޅި ނަމަވެސް ޅައިރު އަމިއްލަ ގޭތެރެއިންނާއި ކައިރި އަވަށްޓެރިންގެ ފަރާތުން ފެނިފައި ހުރި މަންޒަރުތަކުން އޭރުގައި ނީނާއަށް ވިސްނިފައި އޮޮތީ ކައިވެނިކޮށްގެން އުޅޭނަމަ މިކަހަލަ މައްސަލަތައް ޖެހޭނެކަމަށެވެ. އަދި މައްސަލަ ދުކޮށްލީ މި ކަހަލަ ކަންކަމަކީ މާ ބޮޑު ކަމެއް ގޮތުގައި ނުފެންނާތީވެއެވެ

ނާހިދު އަމިއްލައަށް ރަނގަޅުވާނެކަމަށް ބުނެ ކުރި އާދޭހަށް ނީނާ ތިން ވަނަ ފަހަރަށް ނާހިދު އާއި ކައިވެނި ކުރިއެވެ.

އަދި ނާހިދުއަށް ވެސް މާލެއިން ރަނގަޅު ވަޒީފާއެއް ލިބުމުން، ކުރިން އަދާކުރަމުން އައި ރިސޯޓް ވަޒީފާ ދޫކޮށް މާލެއަށް ބަދަލުވިއެވެ. ނާހިދުގެ އުޅުން މުޅިން ބަދަލުވިއެވެ. ނީނާއަށް އޭނާ ލޯބިވި ނާހިދު އަނބުރާ ލިބުނު ފަދަ އިހުސާސްތަކެއް އޭނާގެ އަމަލުތަކުން ކުރެވެން ފެށިއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ މި އުފަލަށް ފަހު ރަށުތެރޭގައި، ނާހިދު މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ އަޑުފެތުރެންފެށުނެވެ.

“އެއް ގޮތަކަށް ވެސް ޤަބޫލެއް ނުކުރެވުނު އޭނަ މަސްތުވާ ތަކެތި ބޭނުންކޮށްފާނެ ކަމަކަށް. ގެއަށް ބޭނުންވާ ޚަރަދުތަށް ކުރަން ލާރި ފޮނުވާ، ބަރާބަރަށް ކުދިންނަށް ބޭނުންވާ އެއްޗެހި ފޮނުވާ ހަދާ މީހަކު އެފަދަ ކަމެއް ކޮށްފާނެކަމަކަށް ހިތަކަށް ވެސް ނާރާ. ކޮންމެ މަހަކުވެސް މުސާރަ ލިބޭ އިރަށް ކުދިންނަށް ހަދިޔާ ފޮށިގަނޑެއް ފޮނުވާފަ އޭނަ އަންނަން ދެން އެ ފޮށިގަނޑު ނުކަނޑާ ބައިންދަން ބުނާނެ. އޭރު ހީކުރީ އެހެން ހަދަން ބުނަނީ އޭނަގެ އަތުން ކުދިންނަށް އެހަދިޔާތައް ދޭން ބޭނުންވާތީ ކަމަށް. އެކަމަކު ރަށު ތެރޭގަ އެވާހަކަތައް ފެތުރުނު ފަހުން، ރަށައް އަންނައިރަށް އޭނައަށް އެ އަންނަ ކޯލް ތަކުގެ ސަބަބުން ޝައްކުވާން ފެށި. އެހެންވެގެން އަނެއް މަހު ފޮށިގަނޑު ފޮނުވީމަ ހިތައް އެރި ކަނޑާފަ ބަލަން ވެއްޖޭ. އޭރުވެސް ހިތައް ނާރާ އެ ޝައްކުތައް ހަޤީގަތަކަށް ވެދާނެ ކަމަކަށް. ފޮށިގަނޑު ހުޅުވާލި އިރު ފުރަތަމަ ވެސް ފެނުނީ އޮޅާލާފައި އޮތް ޖިންސެއް. އެ ޖިންސް ތެރޭގައި ހުރީ މަސްތުވާ ތަކެތި ބަންދު ކޮށްފައި ހުރި ކުދި ކުދި ޕެކެޓްތަކެއް. ބިރުން ގޮސް ހަލާކު ނުވީ ހަމަ ކިރިޔާ. އަހަންނަށް ހުރެވުނީ ހަދާނެ ގޮތެއްވެސް ނޭންގިފަ. އަވަސް އަވަހަށް ފޮށިގަނޑު ބަންދުކޮށް އެނދު ދަށައް ކޮއްޕާލެވުނު.” ނީނާ ހަނދާން ކުރަމުން ކިޔައި ދިނެވެ.

އޭގެފަހުން ދެން ނީނާއަށް ކުރަން ޖެހުނީ އައު ތަޖުރިބާ އެކެވެ. މަސްތުވާތަކެތިން ދުރަށް ނުދެވި، އަތުގައި ހުރި ލާރިކޮޅު ހުސްވުމުން ނާހިދު ހުރިހާ ވެސް ޕްރެޝަރ އެއް ކުރަން ފެށީ ނީނާ އާއި ދަރިންނަށެވެ. އެއާއެކު ނާހިދުގެ ފަރާތުން ނީނާއަށް ކުރިމަތވާން ފެށި ގެވެށި އަނިޔާ ހައްދުފަހަނައަޅާ ދާން ފެށި އެވެ.

“ހަނދާން އެބަހުރި އެ ދުވަސްކޮޅު ބައެއް ރޭރޭ ނޭވާލާން އުނދަގޫވާހެން ހީވެގެން ހޭލެވޭ އިރު ނާހިދު ހުންނަނީ، އަހަރެންގެ ކަރުގަ ވަޅި ޖައްސައިގެން ކާއްތާލަ ކާއްތާލާ. އޭނަ މަސްތުގެ ހާލަތުގެ ހުރެ އަހަރެން ނިދިން މި ގޮތަށް ހޭލައްވާފަ، އެދަންވަރު ވަގުތުގައި މަންމަމެން ކައިރިއަށް ލާރި ހޯދަން ފޮނުވާނެ. ވަޅި ހިފައިގެން ހުރެ، ވަޅިން ބިރުދެއްކުމުން އެނޫން ގޮތެއް ނެތީމަ ދަނީ. ނުދާން އުޅެފިއްޔާ ގައިގެ އެތަން މިތަނުގަ ފައިންނާއި އެއްޗެހިން ތަޅާ، ތަޅުންގަނޑު މައްޗަށް ޖަހާ ހަދާނެ. ގިނަ ރޭރޭ ތިން ކުދިން ވެސް ހޭލާ ރޯން ތިބޭނެ އޭނަ އަހަރެން ގައިގަ ތަޅަމުން ދާއިރު. މިމަންޒަރުތައް ދަރިންނަށް ދައްކަން ބޭނުން ނުވާތީ ލާރި ހޯދައިގެން އައިސް ދެވެނީ” އެހަނދާންތައް ދުވަހަކުވެސް އާކުރަން ބޭނުން ނުވިޔަސް އެބިރާއި ޒަހަމްތައް ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ވާހަކަ ނީނާ ބުނިއެވެ.

“އޭނަ ކާން އިނދެފަ ވެސް އަހަރެންނަށް ކިރިޔާ އެއްޗެއް ބުނެވުނަސް އެ ދުވަހެއްގެ ޒަމާން ދިޔައީ، ތަށިނަގާ މޫނާ ދިމާލައް ހުރާލާފަ އެތަނަށް ވެއްޓެން ދެން ތަޅާ އަނިޔާ ކުރާނެ. މަގުމަތިން އެކުގައި ހިނގާފަ ދާއިރު އޮޅިގެން ވެސް އިސްއުފުލާލާ ތަނެއް ބަލާލާ ތަން އޭނައަށް ފެނިއްޖެއްޔާ އަހަރެންގެ ދެ ލޮލަށް އިނގިލި ކޮއްޕާލާނެ. މީހަކާ ވާހަކަ ދައްކާލިޔަސް ނޫނީ ދަނިކޮށް މީހަކު ގޮވާލައިގެން ޖަވާބު ދިނަސް އެމީހާ ހަމަ ފަސްދޭއިރަށް އަނގަމަތީ ޖަހާ ފަޅާލާނެ. އެއްވެސް ރަހުމަތް ނެތި އަހަންނަށް އަނިޔާ ކުރަމުން ދާއިރު މީ އަހަރެން ދެކެ ދުވަހަކުވެސް ލޯބިވި މީހެކޭ ވެސް މީހަކު ނުބުނާނެ. ރަށު މީހުންނަށް ވެސް މި މަންޒަރުތައް ފެނިފަ ހުންނާނީ. އެމީހުންނަކަށް ވެސް ނުކެރޭނެ އޭނަ ހުއްޓުވާކަށް، އޭނަގެ ގޮތް އިނގޭތީވެ. އެހުރިހާ ކަމެއް ތަޙައްމަލް ކުރަން ޖެހުނީ އެކަނިމާއެކަނި” ހަނދާން އާކުރަމުން ނީނާގެ މާޒީ ކިޔައިދެމުން ދިޔައެވެ.

ގެވެށި އަނިޔާ އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށްވެ ދިރިއުޅުމުގެ ދުވަސްތައް ތަޙައްމަލް ކުރަމުން ދަނިކޮށް ނީނާއަށް ހަތަރު ވަނަ އަންހެން ދަރިފުޅު ލިބުނެވެ. ޕޮލިހާއި، ޖެންޑާރ މިނިސްޓްރީއިން އެކި ފަހަރު މަތިން މި މައްސަލަތައް ބަލަމުން ދިޔަ ނަމަވެސް މި ދިރިއުޅުމަށް އަލި މަގެއް ނީނާއަށް ނުފެނުނެވެ. އެކަނިވެ މުސްކުޅިވެފައިވާ މަންމައަށް ވެސް ވަކި އިތުރަށް ކޮށް ދެވޭނެ ކަމެއް ނެތެވެ. އެއްބަނޑު އެއްބަފާ ކުދިންވެސް އެކި ތަންތަނުގައި ދިރިއުޅެމުން ދިޔައީ އެމީހުންގެ ހާލައިގެންނެވެ. ނާހިދުގެ ނުފޫޒުގެ ސަބަބުން ގާތްކަން ބަހައްޓަމުން ދިޔަ އެންމެންނާވެސް ވަނީ ގުޅުން ކެނޑިފައެވެ. ލިބޭ އަނިޔާއަށް ކެތް ކޮށްލައިގެން ހުރުން ނޫންގޮތެއް ނީނާއަކަށް އޭރަކު ނެތެވެ.

” އަދިވެސް ވަރަށް ބޮޑަށް ހަނދާން ހުރޭ އެއްދުވަހަކު ފޯނަށް ރައްޓެއްސެއް ފޮނުވާފަ އޮތް މެސެޖެއް އޭނައަށް ފެނިގެން، ތަޅައިގަތް ގޮތައް ފައިގެ ތިން ތަނުން ބިންދާލި. އެދުވަހު ވީ ތަދު ކިޔައިދޭން ވެސް ނޭންގެ. މޫނުގެ އެއްފަޅީގައި ނިޔަފަތި އަޅައި އެއްކޮށް ހަންދުއްވާލާފަ ހުރީ. އެންމެ ދެރަވަނީ ހުރިހާ އަނިޔާއެއް ވެސް ކުދިން ކުރިމަތީ ކުރާތީ. އެކަމުގެ ސަބަބުން ދުވަހެއް ދުވަހަކަށް ކުދިން ދިޔައީ ނަފްސާނީ ގޮތުން ބަލިކަށި ވަމުން. އަހަރެން ވެސް ބަލިވެ އެތައް ދުވަހަކު އެނދުގަ އޮންނަން ޖެހޭ. ނާހިދު ބޭނުންވާ ލާރި ނުހޯދަދޭން ހެދީމަ ފަހުން ފަހުން އައިސް ކުދިން ކުރިމަތީ އަމިއްލައަށް މަރުވާން އުޅޭ އެކްޓް ޖައްސާ އެކުދިން ބިރުގަންނަވާ ހަދާ. ކަރުގަ އެއްޗެހި އައްސާ ބާރުކޮށް، އަމިއްލަ އަތުގަ ކަޓަރު އަޅާ، އަމިއްލަ ހަށިގަނޑަށް އަނިޔާ ކޮށް ވެސް ހަދާ. އެހިސާބުން ކުދިންގެ ސަލާމަތަށްޓަކައި އަހަރެން އޭނާއަށް ލާރި ހޯދައިދޭން ސަލާން ޖަހަން ނިކުންނަން ޖެހޭ. ކިތަންމެ ރެއަކު ފާހާނާއަށް ވަދެ ތިން ހަތަރުގަޑި އިރު ނުނިކުމެ އުޅޭ. ކުދިން ފާހާނާއަށް ނުވަދެވިގެން ކިތަންމެ ފަހަރަކު ގަޔަށް ކުޑަކަމުދެވިފަ ހުންނާނެ. އެކުދިން އުޅެމުން ދިޔައީ އެއްވެސް ކުޑަކުއްޖެއް އުޅެން ޖެހޭ ހާލެއްގައެއް ނޫން.” ނީނާ ކިޔާދިނެވެ

ނަމަވެސް އިތުރަށް އެ އަނިޔާއަށް ކެތްނުވުމުން އެ ދިރިއުޅުމުން ނުކުމެ އުފަން ރަށް ދޫކޮށް ބީ ރައްޓެހި ރަށަކަށް ހަތަރު ދަރިން ގޮވައިގެން ނީނާ ބަދަލުވި އެވެ. އެ ރަށުގައި އުޅޭ ބޮޑުބޭބެ އާއި ދެތިން ރަހުމަތްތެރިންގެ ފަރާތުން ކޮންމެވެސް ވަރަކަށް އެހީތެރިކަން ލިބެއެވެ.

ނާހިދުގެ ގާތުން ވަރިވުމުން މިހާރު ނީނާއަށް އެކަނިވެރި މައިންގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް 4000 ރުފިޔާ ލިބެއެވެ. ނަމަވެސް އެ ފައިސާއިން ދިރިއުޅޭ ގޭގެ ކުއްޔަށް 3000 އަދި ބިލުތައް ދެއްކުމަށް މަހުގެ ބާކީބައިގަ ކެއުމަށް އޮންނަނީ 400 ރުފިޔާ އެވެ. އެ ފައިސާކޮޅުން ގިނަ ދުވަސް ދުވަހު ކުދިންނަށް ކާންދިނުމަށްފަހު ގިނަ ފަހަރަށް ނީނާ ނިދަނީ ހުސް ބަނޑާއެވެ. 

“މި ރަށުގެ ރައްޓެހިންގެ ފަރާތުން ބައެއް ދުވަސް ދުވަހު ލިބޭ ކާ އެއްޗެހި. އެލިބޭ އެތިކޮޅުވެސް މުޅިދުވަހަށް ބަހާލައި، ލިމިޓްކޮށްގެން ކުދިންނަށް ދެނީ. ގޭގަ އެއްޗެއް ނެތި، ނުލިބޭ ދުވަހެއްވިއްޔާ އަވައްޓެރިއެއް އަތުން ހަނޑޫކޮޅެއް ނުވަތަ ލައިގެން ކާނެ އެތިކޮޅެއް ގެންނަނީ. ކިތަންމެ ލަދުގަތްނަމަވެސް ދަރިންނަށްޓަކައި ސަލާން ޖަހަން ނިކުންނަށްވެސް މަޖުބޫރުވާތީ އެކަން ކުރަނީ. ރީތިވާ ސާމާނު، ސައިބޯނި ކޮޅެއް ކަހަލަ އެއްޗެއް ނެތިވެސް ހުސް ފެނުން ފެންވަރާލައިގެން ހުންނަންޖެހޭ މަސް މަސްވެސް ވަރަށް ގިނަވާނެ. މި ހާލަތުގަ ހުއްޓާ އަހަރެންނަށް މަމްސް އެއިޑްގެ ޓީމްއާއި ބައްދަލުވެ ކާބޯތަކެތީގެ އެހީތެރިކަން ލިބެން ފެށީ” މީ ނީނާއަށް ދައްކަން ފަސޭހަ ވާހަކަތަކެއް ނޫން ނަމަވެސް މިވަގުތު އެހީތެރިކަމަށް ބޭނުންވާތީވެ ކިޔައިދިނެވެ.

ނިގާބުން ނިވާވެހުރި ނީނާގެ ގިނަ ވަގުތުތައް މިހާރު ހޭދަކުރަނީ އަޅުކަމާއި، ދަރިންނަށް އަޅާލުމުގަ އެވެ. އެހެންނަމަވެސް އެކަނިވެރކަމާއެކު ހަތަރު އަންހެން ދަރިން ގޮވައިގެން ނީނާ ހިނގަން ޖެހޭ ރާސްތާ އަދިވެސް ވަރަށް ދިގެވެ. އާ ދިރިއުޅުމެއް ފަށަން ޖެހޭކަން ޤަބޫލުކުރެވުނަަސް، ނަފްސާނީގޮތުން ނީނާ އަދިވެސް ހުރީ ކުރީގެ އަނިޔާތަކުން އަރައިނުގަނެވިފަ އެވެ.

މަމްސް އެއިޑުން ނީނާގެ ވާހަކަތައް އަޑު އެހުމަށްފަހު، މިހާރު ވަނީ އެ އާއިލާއަށް އެހީވުމަށް ފަންޑްރެއިޒިންއަށް ހުޅުވާލާފަ އެވެ.

އެ ޖަމިއްޔާއިން ބުނިގޮތުގައި ނީނާގެ ވާހަކަ ގެނެސްދިނުމުގެ ކުރިން ރަށުގެ ކައުންސިލްއާއި، ޕޮލިސް، ޖެންޑަރ އަދި އެހެން މުއައްސަސާތަކުން ވަނީ މަޢުލޫމާތު ތަކުގެ ތެދުކަން ވަނީ ކަށަވަރު ކުރެވިފަ އެވެ. އަދި މުޖުތަމަޢުއަށް ނީނާގެ ހަޔާތުގައި ދިމާވެފައިވާ ކަންތައްތައް ހިއްސާ ކުރުމުގެ މަޤްސަދަކީ މިހާރު ދިރިއުޅެމުންދާ ހާލަތުން އަރައިގަތުމަށް އެންމެންގެ އެހީ އެ އާއިލާއަށް ހޯދައިދިނުންކަމަށް މަމްސްއިން ބުނެއެވެ. 

“އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް ބާރަ މަސް ދުވަހުގެ ކުލި އަދި ބާރަ މަސްދުވަހަށް ނީނާގެ އާއިލާއަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތިޔަ އެންމެހާ ބޭފުޅުންނާއެކުވެގެން ފަންޑްރެއިޒް ކުރުމެވެ. އަޅުގަނޑުމެންގެ މި އެހީގެ ސަބަބުން ނީނާއަށް މިހާރު ލިބެމުންދާ އެކަނިވެރި މައިންގެ އެލަވެންސްއިން ލިބޭ ފައިސާ ރައްކާކުރެވި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިވެގެން ދާނެއެވެ.” މަމްސް އިން ބުނެފައި ވެއެވެ.

ނީނާއަށް އެހީވުމަށް:

7730000562469 މަމްސް އެއިޑްގެ ރުފިޔާ އެކައުންޓް

7730000562470 މަމްސް އެއިޑްގެ ޑޮލަރު އެކައުންޓް

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ