- Advertisement -ad image

8 ސުވާލު: ޒުހޫ މިސް މި ކިޔައިދެނީ ތައުލީމީ ދާއިރާއިން ފެށުނު ކެރިއަރ ސްޓޭޓް މިނިސްޓަރ ކަމަށް ބަދަލުވި ގޮތް!

ad image

ގުޅުންހުރި ލިޔުންތައް

ލ. ފޮނަދޫ ހުރާ، އައިޝަތު ޒުހުރުބާން، ގިނަ ބަޔަކު ދަންނަ ނަމުންނަމަ “ޒުހޫ މިސް” އަކީ ދިރިއުޅުމުގައި ކަމެއް ހާސިލްކުރަން ބޭނުންވެ ގަދައަޅާ މަސައްކަތް ކޮށްފި ނަމަ އެކަން ވާނެ ކަމުގެ މިސާލެކެވެ.

ސްކޫލްގެ ޓީޗަރެއްގެ މަޤާމުން ފެށި ކެރިއަރގައި އެތައްކަމެއް ހާސިލްކޮށް، މިހާރު ޒުހުރުބާން ގެންދަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަގާމު ފުރުއްވަމުންނެވެ.

ޒުހުރުބާން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ތައުލީމީ ރޮނގުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލެއްގެ ގޮތުގައެވެ. އެގޮތުން ޒުހުރުބާނު މީގެ ކުރިން ވަނީ ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ސީނިއަރ ލީޑިންގ ޓީޗަރެއްގެ އިތުރުން ސްކޫލު ހިންގުމާ ހަވާލުވެ ހުންނަވާވެސް ގިނަ ދުވަސްތަކެއް ވަންދެއް ޚިދުމަތް ކުރައްވާފައެވެ.

އަދި އޭގެ ފަހުން ހުރަވީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމެންޓް އެނަލިސްޓެގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.

ގާތްގަނޑަކަށް 17 އަހަރު ތައުލީމީ ދާއިރާގައި ހިދުމަތްކުރެއްވުމަށްފަހު މިހާރު ސަރުކާރުގެ އިސް މަޤާމެއްގައި ހުންނަވައިގެން ރައްޔިތުންނަށް ހިދުމަތްދެމުންދާ ޒުހުރުބާން ދިވެހި ޒުވާނުންނާއި އަންހެނުންނަށް ނަމޫނާއެކެވެ.

ކިޔަމެންތެރި ދަރިއެއް، ވަފާތެރި އަތްބެއްގެ އިތުރުން އޯގާތެރި މަންމައެއްގެ ރޯލުވެސް އަދާކުރަމުން ޒުހުރުބާންގެ ޗެލެންޖިންތައް ގެނެސްމިދެނީ މި 8 ސުވާލުގެ ތެރެއިންނެވެ.

1- ޅައިރުގެ ހަނދާންތައް އާކޮށްލާނަމަ، އެ ދުވަސްތައް ސިފަކޮށްލަދެއްވާނީ ކިހިނެތް؟

“އެއީ އަޅުގަނޑުގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތައް. އޭރުގައި މަންމަ، ބައްޕަ، މާމަ، ކާފަ، ކަޒިންސް އާ އެކީގަ އުޅެވުނު ވަރަށް ހިތްގައިމު ދުވަސްވަރެއް. ދެން އެ ދުވަސްވަރު ސިފަވަނީ ކަމެއް ދިމާވާއިރުވެސް އަބަދުވެސް ކައިރީގައި މުޅި އާއިލާ ހިދުމަތް ކުރަން ތިބިކަން.

އެންމެ ހަނދާން ވަނީ ބޮޑުވަމުން އައިއިރު އުނގަންނައިދިނުމަށް އަޅުގަނޑުގެ މަންމަ، ބައްޕަ އަދި މާމަ ދައުރެއް އަދާކުރިކަން. އޭގެތެރެއިން މާމަ ވަރަށް ބޮޑަށް ވާދަވެރިކަން އުފައްދައިގެން އަވަހަށް ޤަުރުއާނަށް ލޯބިޖައްސާ އެކަމުގެ ތެރެއަށް ވެއްދުމަށް ކުރި މަސައްކަތް. ދެން ވަރަށް ހަނދާންވޭގެ މަސައްކަތްވެސް. ބައްޕަ ވަރަށް އިލްމަށް ލޯބިކުރާނެ. ބައްޕަ ވަނީ ސްކޫލްގަ ޓީޗަރެއް އަދި ހެޑްމާސްޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފަ. ދެން އޭރު އުޅުނު ގޭގެ ސިޓިންގރޫމް ވަށައިގެން ހުންނާނެ ނަމާދުގައި ކިޔާތަކެތި ބައްޕަގެ އަތުން އަރަބިން ލިޔެ ހަރުކޮށްފަ. އުނގަންނައިދިނުމުގައި އަޅުގަނޑުގެ މަންމައެކޭ އެއްގޮތަށް ބައްޕަވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރި.

2- ޒުހުރުބާން ފާހަގަކޮށްލެވެނީ ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއްގެ ގޮތުގައި. އެ ދާއިރާއަށް ގުޅުމުގެ ޝައުޤުވެރިކަން އުފެދުނީ ކިހިނެތްތޯ؟

އަޅުގަނޑު ތައުލީމީ ދާއިރާއަށް އައީ ކީއްވެބާއޭ؟ އެ ސުވާލު އަޅުގަނޑަށްވެސް ކޮށްލެވުނު އޭރުގަ. އޭރުގަ އާއިލާގެ އެންމެ ބޮޑަކަށް ހުރީ އަޅުގަނޑު. ބައްޕަ އެކަނި ވަޒީފާ އަދާކޮށްގެން ލިބޭ އެއްޗަކުން ދިރިއުޅުން ކުރިއަށް ގެންދިޔައީ. އެހެންވެ ބޭނުންވީ ބައްޕަގެ ސަޕޯޓަކަށްވާން. 

އެހެންވެ ބެލީ އެންމެ ފަސޭހައިން ރަށުގައި މައިންބަފައިންގެ ގާތުގައި ހުރެގެން އަދާކުރެވޭނެ ވަޒީފާއެއް. އެގޮތުން ގްރޭޑް ދިހައެއް ނިންމާލުމަށްފަހު ޖޮއިން ކުރީ 100 މުދައްރިސުން ތަމްރީންކުރާ ޕްރޮގްރާމަށް. 2005 ވަނަ އަހަރު ޑިޕްލޮމާ ނިންމާފަ ރަށަށް ބަދަލުވިން. 

ދެން ކެރިއަރ އެއްގެ ގޮތުގައި ދާއިރާއެއް ނިންމިއިރު އަޅުގަނޑުގެ ރޯލްމޮޑެލްއަކަށް ހުރީ ބައްޕަ. އެހެންވެ އަބަދުވެސް ބެލިން ބައްޕަގޮތަށް އެ ލީޑަރޝިޕް ގެނެވޭތޯ.

3- މިހާރު ޒުހުރުބާން ތި ހުންނެވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމުގެ މަޤާމުގައި. އެއްވެސް އިރެއްގައި އުއްމީދުކުރެއްވިންތޯ މި ހިސާބަށް ވަޑައިގަނެވޭނެކަމަށް؟ އާ ޒިންމާތަކަކާއެކު ލައިފަށް އައި އެންމެ ބޮޑު ބަދަލަކީ ކޮބާތޯ؟

އަޅުގަނޑު ދުވަހަކުވެސް ހިޔެއްނުކުރަން ސިޔާސީ މަޤާމަކަށް އާދެވޭނެކަމަކަށް. އެހެންނަމަވެސް އަޅުގަނޑުގެ ފިރިމީހާއިން ފެށިގެން މުޅި އާއިލާއަކީވެސް ވަރަށް ބޮޑަށް ސިޔާސީ ކަންކަމުގައި އުޅޭ އާއިލާއެއް. ނަމަވެސް އަޅުގަނޑުގެ ވިސްނުމެއް ނެތް. 

މި މަޤާމް ލިބުމުންވެސް އަޅުގަނޑު ހިތަށްއެރި ދާންވީތޯ. ދެން އާއިލާގެ ފަރާތުން ވަރަށް ބޮޑަށް ސަޕޯޓް ލިބުނު ކުރިއަށް ދިއުމަށް.

ދެން ލައިފަށް އައި އެންމެ ބޮޑު ބަދަލަކީ އަމިއްލައަށް ދިރިއުޅުމުގެ ކަންކަމުގެ ޒިންމާ ނަގައިގެން އުޅެން އެނގުން. ހަގީގަތުގައި ވަރަށް ޖެހިލުންވި. ފިރިމީހާ އާއި ނުލައި އަޅުގަނޑާއި ދަރިފުޅު އެކަނި މިކޅަށް ބަދަލުވީ. ފިރިމީހާ ހުރީ ރަށުގައި ވަޒީފާގައި. އެހެންވެސް ދިއުޅުމަށް އައި އެންމެ ބޮޑު ބަދަލަކީ ޒިންމާދާރު ކަމާއެކުގައި ދަރިފުޅުގެ ކަންކަން އަމިއްލަށް ކުރުމުގެ ފުރުސަތު ލިބިގެން ދިއުން.

5- ސްޓޭޓް މިނިސްޓަރގެ ގޮތުގައި ހުރެ ކުރިއަށް ދިއުމަށް ފާއިތުވެދިޔަ ދުވަސްތަކުގެތެރޭގައި ކުރިމަތިވި އެންމެ ބޮޑެތި ގޮންޖެހުންތަކަކީ ކޮބާތޯ؟ އަދި މިހާތަނަށް ހާސިލްކުރެވުނު ކަންކަމަކީ ކޮބައިތޯ؟

 އަޅުގަނޑު ޖޮއިން ކުރި ދާއިރާއަކީ ޖެންޑާ މިނިސްޓްރީގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މުވައްޒަފުން އިތުރަށް ތަމްރީންކޮށް، ބޭނުންވާ ތަމްރީންތައް ދެނެގަތުން. މިވީ ކުރުމުއްދަތުގެ ތެރޭގައި މާބޮޑު ގޮންޖެހުމެއް އަޅުގަނޑަށް ދިމައެއްނުވޭ. އެހެންނަމަވެސް ބައެއް ދާއިރާތަކަށް ކޮމިއުނިކޭޓް ކުރަން ދިމާވާ މައްސަލަތައްވެސް ވަރަށް ފަސޭހަކަމާއެކުގަ ހައްލުކުރެވި މިނިސްޓަރ ވަރަށް ބޮޑަށް ގައިޑްކޮށްދެއްވަ.

6- އެކި ރޮނގުތަކުން އަންހެނުން ކުރިއަރާ ދިއުމުގައި ދިމާވާ ގިނަ ހުރަސްތަކެއް އެބަހުރި. މިގޮތަށް ޒުހުރުބާން ތަޖުރިބާ ކުރެއްވި ކަންކަމަކީ ކޮބައިތޯ؟ އަދި މިކަންކަމާއި ކުރިމަތިލެއްވީ ކިހިނެތްތޯ؟

އަންހެނުން ކުރިއަރާދިއުމުގައި މި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މުޖުތަމައުން އަންހެނުންނާއި ދޭތެރޭގައި ދެކޭގޮތް. ރާއްޖެއަކީ އެހެން ޤައުމުތަކާއި އަޅާބަލާއިރު އަންހެނުންނަށް ވަރަށް ތަނަވަސް ފުރުސަތުތަކެއް އޮތް ޤައުމެއް. އެހެންނަމަވެސް ލީޑަރޝިޕްކުރަން އަންހެނުން ނުކުންނަ ހިސާބުން އަންހެނުން ދަށްކޮށްލުމަށްޓަކައި މުޖުތަމައުތެރޭގައި އެކި ފަރާތްތަކުން ކުރާ މަސައްކަތް އެއީ ވަރަށް ބޮޑު ހުރަހެއްކަމުގައި ފާހަގަކޮށްލަން.

ހުދު އަޅުގަނޑުގެެވެސް އެކި ހިސާބުތަކުގައި ތަހައްމަލްކުރަންޖެހުނު. ލީޑަރޝިޕަށް ނުކުތް ވަގުތުން އަނބުރުކަތިލުމުގެ އެކި ކަންތައް ދިމާވި. ސޯޝަލް މީޑިޔާގައި ހާއްސަކޮށް އެކި ކަހަލަ ދޮގު އިލްޒާމްތައް އެޅުވި. އަދި މިކަން ބޮޑަށް ދިމާވެފައި ހުންނަނީވެސް ފިރިހެން ބޭފުޅުންގެ ފަރާތުން.

މީ ފިރިހެން ބޭފުޅުންނަށް ބުނާ ދެރަބަހެއް ނުން. އެކަމަކު އެ މައިންޑްސެޓްގައި ތިއްބެވި ބޭފުޅުން އަސްލު އަންހެނުންނަށް ކުރާ އިހްތިރާމް ނުކުރާކަން ފާހަގަވޭ. މި އިހްތިރާމާއި، ގަދަރާއި، ލޯބި އަންހެނުންނަށް ދީގެން ނޫނީ ކަންކަން ހާސިލެއް ނުވާނެ.

އަޅުގަނޑަށް ދިމާވި ކަންކަމުގައި، އަޅުގަނޑަށް އެންމެ ބޮޑު އެހީތެރިކަމެއްވެދިނީ، އަޅުގަނޑުގެ ދަރިވަރުން، އާއިލާ، އެކުގައި މަސައްކަތްކުރި މުވައްޒަފުން. އަދި ޙާއްސަކޮށް ހުރަވީ ސްކޫލުން ލިބުނު ލޮތްބާއި އަޅާލުމަކީ މިހާރު މި ލެވަލްގައިވެސް މަސައްކަތްކުރުމަށް ލިބެ ވަރަށް ބޮޑު ހިތްވަރެއް.

7- މިހާރުގެ ބިޒީ ޝެޑިއުލްގެ ތެރެއިން އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްކުރައްވަނީ ކިހިނެތްތޯ؟

ދަރިފުޅު ސުކޫލަށް ގެންދިއުމާއި ގެނައުމަކީވެސް އަޅުގަނޑު ކުރާ ކަންތައް. ޝެޑިއުލްގެ ތެރެއިންވެސް ދަރިފުޅަށް ދޭ ވަގުތަށް ބުރުނާރާނެހެން ރާވާލަން ވަރަށް މަސައްކަތް ކުރަން. 

އަދި ހާއްސަކޮށް ހަވީރުގެ ވަގުތު. އެއީ ރޭގަނޑު 6-7:30 އަކީ އަޅުގަނޑުގެ ދަރިފުޅަށް ހާއްސަ ވަގުތެއް. އެވަގުތު އެހެންކަމަކަށް ހޭދައެއް ނުކުރަަން. އެވަގުތަށް އެހެން ދިމަދިމާލުން އަންނަ ކަންކަން ވެސް މަޑުޖައްސާލަން.

8- އަންހެނުންނަށް އަދި އަންހެން ކުދިންނަށް ހާއްސަކޮށް ދޭން ބޭނުންވާ މެސެޖެއް އެބައޮތްތޯ؟

މި މުޖުތަމައަކީ އަންހެނުންނަށް ވަރަށް ފުރުސަތު ފަހި މުޖުތަމައެއް. މި ފުރުސަތުތަކުގެ ބޭނުން އަންހެނުން އެބަ ހިފަންޖެހޭ. ހާއްސަކޮށް އަންހެނުން ވާންއެބަޖެހޭ އިލްމީ ޤާބިލް ބަޔަކަށް. އަންހެނުން އުނގެނުމަށް

ލިބޭ ފުރުސަތުގެ ބޭނުންކޮށް އެމީހަކު އުނގެނުމަށް ލިބޭ ދާއިރާ ކަނޑައަޅާ، ހިތްވަރާއެކު މަސައްކަތް ކުރަން އެބަޖެހޭ.

އަޅުގަނޑު މި ހިސާބަށް އައުމުގައި އެންމެ ބޮޑު ސަޕޯޓަކީވެސް އަޅުގަނޑުގެ މައިންބަފައިންނާއި، ފިރިމީހާ އަދި ދަރިފުޅު. ފިރިމީހާއަކީ ٱلْحَمْدُ لِلَّٰهِ އަޅުގަނޑުގެ އެންމެ ގާތުގައި ހުންނަ އެއް ފަރާތް. ކަމެއް ދިމާވެއްޖެނަމަ މިކޮޅަށްވެސް އަންނާނެ. 

މުޖުތަމައުގައި މިހެން އުޅޭ އުޅުމުގައި ވަރަށް ސަޕޯޓިވް ބައިވެރިއެއް ބޭނުންވާނެ. އެހެންކަމުން ބުނެލަން ބޭނުމީ ބައިވެރިޔ އާއި އާއިލާގެ ފަރާތުން ލިބޭ ސަޕޯޓްގެ ބޭނުންހިފައިގެން އަންހެނުން ކުރިއަށްދާށޭ. އިރާދަކުރެއްވިއްޔާ އަންހެނުންނަށް އޮތީ ވަރަށް އުފާވެރި މުސްތަޤްބަލެއް.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ