- Advertisement -ad image

އިންތިޚާބީ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި އިތުބާރު އުފެއްދުމުގައި ޙަބީބުގެ އަގުހުރި 21 އަހަރު: ހިދުމަތަށް ދިވެހިން ދެނީ ސަތޭކަ!

ad image

ގުޅުންހުރި ލިޔުންތައް

އިލެކްޝަން ކޮމިޝަނުގައި 21 އަހަރު ހޭދަކުރެއްވުމަށްފަހު، ދާދިފަހުން އެ ކޮމިޝަންގެ ނައިބުރައީސްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އިސްމާއިލް ޙަބީބު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ 5 އަހަރުގެ ދެ ދައުރުގެ ޚިދުމަތް ނިންމެވުމަށްފަހު އިލެކްޝަނުން ވަކިވެވަޑައިގަންނަވާފަ އެވެ. މިއަދު ޙަބީބު ގެއަށް ވަޑައިގެންނެވީ ގިނަ ބަޔެއްގެ އިތުބާރާއި އިޙްތިރާމާއި ލޯބި ހޯއްދެވުމަށްފަހުގަ އެވެ.

އިންތިޚާބުތަކާ ގުޅޭ މަސައްކަތުގައި އުޅުއްވުމުގައި، ފާއިތުވެދިޔަ 21 އަހަރު ތެރޭގައި ޙަބީބު ވަނީ ގިނަ ތަޖުރިބާތަކެއް ކުރައްވާފަ އެވެ. އޭގެތެރޭގައި އަމިއްލަ ފުރާނައަށް ނުރައްކާވެދާނެފަދަ ހާލަތްތަކުގެ އިތުރުން ރައްޔިތުންނާއި ޤައުމަށްޓަކައިވެސް ވަނީ ގިނަ ހިރާސް ނިންމުންތަކެއް ނިންމަވާފައެވެ.

ފާހަގަ ކޮށްލެވޭ ބައެއް ޙާދިސާތަކުގެ ވާހަކަ ޙިއްސާކުރައްވަމުން، ޙަބީބު ވިދާޅުވި އެއް ހާދިސާއަކީ އޭރުގެ ޑެޕިއުޓީ ކޮމިޝަނަރ މަރްހޫމް ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމް ވިދާޅުވެގެން ދަރުބާރުގޭ ބިއްދޮށުގައި ވޯޓުފޮށިތަކެއް އަންދާލިކަމަށް ބުނެ ފެތުރިވާހަކައެވެ. އެ ވާހަކަތައް އަޑުއިވުމުން ވަރަށް ބޮޑަށް ހައިރާންފުޅުވި ކަމަށާއި އަދި މިއަދުވެސް އޭގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދޭން ބޭނުންފުޅުވާކަމަށް ޙަބީބު ވިދާޅުވި އެވެ.

“ވަރަށް ބޮޑަށް ހައިރާންވި ވާހަކައެއް އެއީ. އޭރު ދެކެވުނު އެކަހަލަ ސިޔާސީ ބައެއް ވާހަކަތަކަކީ އިންތިޚާބީ މަސައްކަތާމެދު މީހުންގެ ހިތުގައި ނަފްރަތު އުފެއްދުމުގެ މަޤްސަދުގައި ދެއްކި ޙަޤީޤަތެއް ނެތް ވާހަކަތަކެއް. މިހެން މިދެންނެވީ، އިލެކްޝަން ކޮމިޝަނުގައި މަސައްކަތް ކުރަނީ ވަރަށް ގިނަ ބަޔަކާ އެކީ، ވަރަށް ހާމަކަން ބޮޑު ގޮތެއްގައި. އެހެންވީމާ، އިލެކްޝަން ކޮމިޝަނުގައި އެބާވަތުގެ އޮޅުވާލުމާއި މަކަރުހެދުމުގެ ކަންކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ.” ޙަބީބު ވިދާޅުވި އެވެ.

އަނެއް ޙާދިސާއެއްގެ ގޮތުގައި ޙަބީބު ފާހަގަ ކުރެއްވީ، “ރަށްރަށުން ވޯޓުނަގައި، ވޯޓު ގުނަން މާލެއަށް ދަރުބާރުގެއަށް ގެނައި ދުވަސްވަރު، އެއީ މަރްޙޫމް ކދ. އަޙްމަދު މަނިކުގެ ކޮމިޝަނަރ ކަމުގައި، ވޯޓު ގުނުމުގެ ތެރޭގައި ގުނާ މޭޒަކުން ސައްހަ 13 ވޯޓު ބާތިލު ވޯޓަށް ގުނި ހާދިސާއެއް ވަރަށް ހަނދާންހުރޭ. އެކަންތައްވެސް ކޮމިޝަނަރަށް ދަންނަވައިގެން ވަގުތުން ރަނގަޅު ކުރެވުނު. އެކަން ހިނގައިދިޔައީ ސައްހަ ވޯޓާއި ބާޠިލް ވޯޓު މާނަ ކުރުމުގެ ތެރެއިން” ޙަބީބު ވިދާޅުވިއެވެ.

އޭގެއިތުރުން، ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތައްވެސް މެދުވެރިވިކަން ޙަބީބު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 2018 ވަނަ އަހަރު ކޮމިޝަނުގެ މެންބަރުންނަށް ލިބުނު އިންޒާރުތަކާ ގުޅިގެން ބައެއް މެންބަރުން ރާއްޖެއިން ބޭރަށްވެސް ދާންޖެހުނުކަން ޙަބީބު ފާހަގަކުރެއްވިއެވެ. “އެފަހަރު އަޅުގަނޑުވެސް ދެ ހަފްތާއަށް ލަންކާއަށް ފުރައިގެން ދާންޖެހުނު. އޭރު އެހާ ނުރައްކާ ކަމަކަށް އަޅުގަނޑު ހިޔެއް ނުކުރަން.  ލަންކާ އަށް ދިޔަފުރަތަމަ ރޭ އަޅުގަނޑާއި އިލެކްޝަންގެ މިހާރުގެ ރައީސް ފުއާދު ތައުފީގު އަދި ރައްޓެހި އާއިލާއަކާ އެއްކޮށް ދިވެހި ރެސްޓޯރަންޓަކަށް ކާން ގޮސް ތިއްބާ، އަޅުގަނޑު ކިޑްނެޕްކުރަން ނުވަތަ އަޅުގަނޑަށް ޙަމަލާ ދޭން ބަޔަކު އެ ރެސްޓީރެންޓަށް އައިކަން އެނގުނު. އެއީ، ވަރަށް ބިރުވެރިކަން އިހްސާސް ކުރެވުނު އަދި ވަރަށް ހާލުގަ އުޅެންޖެހުނު ފަހަރެއް.” ޙަބީބު ވިދާޅުވިއެވެ.

“އަޅުގަނޑު ގަބޫލުކުރާ ގޮތުގާ އިންތިހާބު ތަކަކީ ފުޓުބޯޅަ މެޗެއް ކަހަލަ އެއްޗެއް. އެއްވަރުވިޔަސް ޕެނަލްޓީ ޖަހައިގެންވެސް ނަތީޖާ ނެރޭ ނޫންތޯ؟ ހަމަ އެގޮތަށް ދެ ކެނޑިޑޭޓުން އެއްވަރުވެއްޖިޔާވެސް އަލުން އަނެއްކާ ވޯޓަކަށް ގޮސް ކެންޑިޑޭޓަކު ހޮވެންދެން ފުރުސަތު ލިބޭ. މޮޅުވާނީ ކޮންމެވެސް އެއް ކެނޑިޑޭޓެއް. ބަލިވާ ކެނޑިޑޭޓަކު ބަލި ޤަބޫލުނުކޮށްފިނަމަ އެއީ ދެން ވަރަށް ހިތާމަވެރިކަމެއް. އެކަމަކު، 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހް އަދި އެމްޑީޕީން ދެއްކި ޑިމޮކްރެސީގެ ރީތި ނަމޫނާ އަޅުގަނޑު ވަރަށް އިޙްތިރާމާއެކު ފާހަގަ ކުރަން” – ޙަބީބު

ޙަބީބު ޤަބޫލު ކުރައްވާގޮތުގައި، ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި ޙަބީބަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވިއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ދެ ދައުރު ފުރިހަމަ ކޮށް ގެޔައި އައި ދުވަހު، ވަރަށްގިނަ ބަޔެއްގެ ފޯނު ކޯލާއި، ވަރަށްގިނަ ބޭފުޅުންގެ ތަހްނިޔާ އާއި ޝުކުރުގެ މެސެޖް ޙަބީބަށް ލިބިވަޑައިގަތެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނާއި، ކުރީގެ ނާއިބު ރައީސުންނާއި، ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، އެހާރާއި މިހާރުގެ މިނިސްޓަރުންނާއި، މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި، އެކުވެރި ރަޙްމަތްތެރިންނާއި، ރާއްޖޭން ބޭރުގެ ބައެއް ބޭފުޅުންނާއި، ގިނަ ޢަދަދެއްގެ ޢާންމުންގެ މެސެޖްތަކެވެ. އަދި އެންމެ ބޮޑަށް އުފާވަނީ، ޙަބީބާ ދިމާވާ ކޮންމެ މީހަކުވެސް ޙަބީބުގެ ޚިދުމަތަށް ނުހަނު ލޯތްބާއެކުޝުކުރު އަދާކުރާތީ އެވެ. “އަޅުގަނޑާ އެކި ތަންތަނުން ދިމާވާ ބޭފުޅުން އަޅުގަނޑާމެދު ފާޅުކުރާ ޝުޢޫރުތަކުން އުފަލުން ރޮވޭވަރުވޭ. ބޮލުގައި ނުވަތަ ބުރަކަށީގައި ފިރުމާލާފައި ގިނަ ބޭފުޅުން ވިދާޅުވާނެ، ޙަބީބުގެ ޚިދުމަތް ދުވަހަކުވެސް ހަނދާން ނުނެތޭނެކަމަށް.” ޙަބީބު ވިދާޅުވިއެވެ. ޙަބީބު ވިދާޅުވަނީ ޢާންމުންގެ އިތުބާރާއި ލޯތްބާއި އިޙްތިރާމް ޙަބީބަށް ލިބުމުން ޙަބީބު ޤަބޫލު ކުރަނީ ހުރިހާ އެއްޗެއް ލިބިއްޖެ ކަމަށެވެ. މަޤާމުގެ ވާޖިބު ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރެވިއްޖެކަމަށެވެ.

ޙަބީބު އެންމެ ފުރަތަމަ މަސައްކަތުގެ މާހައުލަށް ނުކުމެވަޑައިގެންނެވީ 1983ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. އަދި އޭގެ ފަހުން ޙަބީބު ވަނީ ސްކޫލްގެ ހެޑެއްގެގޮތުންނާއި، ޓީޗަރ އެޑިޔުކޭޓަރެއްގެ ގޮތުން އަދި ނުރަސްމީ ތަޢުލީމުދޭ މަރުކަޒުގެ ޑިރެކްޓަރެއްގެ އިތުރުން، މަޖީދިއްޔާ ސްކޫލާއި، ޤައުމީ ޔުނިވަރސިޓީ އާއި ކޮލެޖުތަކަށްވެސް ހިދުމަތްކޮށްދެއްވާފަ އެވެ. ތައުލީމީ ސެކްޓަރއަށް ޙަބީބު ވަނީ ގާތްގަނޑަކަށް 19 އަހަރު ހިދުމަތް ކުރައްވާފަ އެވެ. 

ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުންވެސް ޙަބީބު ވަނީ 2003 ވަނަ އަހަރުން ފެށިގެން އިންތިޚާބުގެ ޓާސްކުފޯހުގެ އެންމެ އިސްކޮށް މަސައްކަތްތަކުގައި އުޅުއްވާފައެވެ. އެގޮތުން، އިންތިޚާބާ ބެހޭ ގަވާއިދުތަކާއި އުސޫލްތައް ހެދުމާއި، މީހުން ތަމްރީން ކުރުމާއި، އާންމު ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް އޭނާ ވަނީ ކުރައްވާފައެވެ.

ތަޢުލީމީ ދާއިރާގައި ޢާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ރޭޑިޔޯ، ޓީވީ ޕްރޮގްރާމްތަކާއި ޖަމާޢަތުގެ ޚަބަރު ފަދަ ނޫސް މަޖައްލާގެ މަސައްކަތުގައި ޙަބީބު ވަނީ ގިނަ ދުވަސްތަކެއް ހޭދަކުރައްވާފަ އެވެ. މީގެ އިތުރުން ޙަބީބު އަކީ ޤާނޫނީ ވަކީލެކެވެ. އަދި ނޫސްވެރިއެއްވެސް މެއެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ވަޑައިގަތުމުގެ ކުރިންވެސް ޙަބީބު ވަނީ އެކޮމިޝަންގެ އިދާރީ އިސް މުވައްޒަފެއްގެ ގޮތުގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ.

އިންތިހާބާ ގުޅުންހުރި މައުލޫމާތުތައް ފޯރުކޮށްދެއްވުމުގައި ޙަބީބު ފާހަގަކޮށްލެވެނީ ނޫސްވެރިން އަދި ރައްޔިތުންނާއިވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އިންތިހާބާ ގުޅޭ ކޮންމެ ސުވާލަކަށްވެސް ޙަބީބު ޖަވާބު ދެއްވަނީ ނުހަނު ފަރިތަކަމާއެކުގަ އެވެ. އަދި ފޯނަށް ޖަވާބު ދެއްވުމުގައި ޙަބީބަކީ ނަމޫނާ ބޭފުޅެކެވެ.

އިލެކްޝަންގެ މަސައްކަތްތަކުން ދުރަށްޖެހިވަޑައިގެން، މިހާރު ގޭގައި ހުންނެވި ނަމަވެސް ހަބީބުގެ މަސައްކަތްތަކަކަށް ނިމުމެއް ނެތެވެ. އިންތިހާބުގެ ކަންކަމަށް ހުންނަ ޝައުގުބޮޑުކަމުން ގޭގައި ހުންނަވައިގެން ޙަބީބު ދަނީ ރާއްޖޭގެ އިންތިހާބުތައް ބޭއްވިފައި ހުރި ގޮތުގެ މައުލޫމާތު އެއްކޮށް، އިންތިޚާބާބެހޭ ދިރާސާއެއް ހައްދަވަމުންނެވެ. 

“މި ދުވަސްވަރު މި ކުރާ މަސައްކަތަކީ ރާއްޖޭގެ އިންތިހާބުތައް ބޭއްވިފައި ހުރި ގޮތުގެ މައުލޫމާތު ލިޔެ، ދިރާސާއެއް ތައްޔާރުކުރުން. 2003ގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭރުގެ އިލެކްޝަން ކޮމިޝަންގެ އޮފީހުގައި ހުޅު ރޯކޮށްލި. އޭރު އެތަނުގައި ހުރި ހުރިހާ އެއްޗެއް އަނދައިގެން ދިޔަ. އިލެކްޝަން ކޮމިޝަނުގައި ނެތް އިލެކްޝަނާ ބެހޭ 2003 ގެ ކުރީގެ އެއްވެސް ލިޔެ ކިޔުމެއް. އެހެންވީމަ، އަންނަން އޮތް ޖީލްތަކަށްޓަކައިވެސްއިލެކްޝަނުގެ ތާރީހަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށް އަޅުގަނޑު ދެކެނީ.” ޙަބީބު ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަންކުރައްވާއިރު، އެ މެންބަރުންނަކީ އެ މުއައްސަސާ އަކާ ގުޅޭ ދާއިރާއަކުން، ތައުލީމާއި ތަޖުރިބާ ހުރި ނަޒާހަތްތެރި ބޭފުޅުންނަށް ވުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުން ޙަބީބު ވިދާޅުވީ މިނިވަން މުއައްސަސާތަކަކީ، ރައްޔިތުން އިތުބާރު ކުރާ މުއައްސަސާތަކަށް ހެދުމަށްޓަކައި، ސިޔާސީ ގޮތުން އެކްޓިވްކޮށް އުޅުއްވާ ބޭފުޅުން މުއައްސަސާތަކަށް ޢައްޔަނު ކޮށްފިނަމަ، ނަތީޖާ ރަނގަޅު ނުވާނެކަމަށާއި، ކޮމިޝަންތަކުގެ ނަޒާޙަތްތެރިކަން ދެމެހެއްޓުމަށްޓަކައި މިކަމަށް ސަމާލްކަން ދެއްވަން ޖެހޭނޭ ކަމަށެވެ.

“އެހެން ޤައުމުތަކުގެ ތަޖްރިބާ އަށް ބަލާލަމާތޯ؟ އެ ކޮމިޝަންތަކުގައި ތިއްބަވާނީ ތަޖުރިބާ ހުރި ސީނިއަރ ބޭފުޅުން. ޖަޖުން، ސަލާމަތީ ބާރުތަކުގެ ރިޓަޔަރ ކުރައްވާފައިވާ ޝަރަފުވެރި ބޭފުޅުން، ބޭރުގެ ކޮމިޝަންތަކުގައި ތިއްބަވާނީ.” އެހެންނަމަވެސް ރާއްޖޭގައި މިކަން މިގޮތަށް ނޯންނަކަން ޙަބީބު ފާހަގަ ކުރެއްވިއެވެ.ރާއްޖޭގެ މިނިވަން މުއައްސަސާތަކަށް ތަޢުލީމާއި ތަޖްރިބާ ހުރި އަންހެން ބޭފުޅުން ހިމަނަންޖެހޭ. ވަކި ކޮމިޝަންތަކަށް މެންބަރުން ޢައްޔަން ކުރައްވާއިރު އެ ދާއިރާއިން ތަޢުލީމާއި، ތަޖުރިބާ ހުރި ބޭފުޅުންނަށް އިސްކަންދިނުމަކީ ވަރަށް މުހިއްމުކަމެއް.” އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ ދެ ދައުރު ފުރިހަމަކުރެއްވި ޙަބީބު ވިދާޅުވިއެވެ.

އިލެކްޝަންގެ ޒިންމާތަކުން އެއްފަރާތްވެ ޙަބީބު ގެއަށް ވަޑައިގެންނެވީ އުފަލުންނެވެ. މިއަދު ހަގީގަތުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ޙާސިލް ކުރެއްވިއްޖެކަން ޤަބޫލުފުޅުކުރައްވާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ވޭތުވެދިޔަ 21 އަހަރުތެރޭގައި އަދި ވޭތުވެދިޔަ ތިން އަހަރު އިލެކްޝަން ކޮމިޝަނުގެ ނައިބުރައީސްގެ ގޮތުގައި، ލީޑަރޝިޕް ރޯލެއް، ޚާއްސަކޮށް، 2023 ގެ ރިޔާސީ އިންތިޚާބުގައި އެންމެ އިސް ދައުރެއް އަދާކުރެވުނުކަމަށް ޤަބޫލުފުޅުކުރައްވާކަމަށާއި، އެ މަސްއޫލިއްޔަތު އަދާކުރެއްވުނު ކަމުގެ އިހްސާސް ވަރަށް ބޮޑަށް ކުރެވުނުކަމަށްވެސް ޙަބީބު ވިދާޅުވިއެވެ. މިކަން ޙާސިލް ވުމުގައި ޙަބީބުގެ ޢާއިލާ އިންނާއި، ރަޙްމަތްތެރިންގެ ފަރާތުން ލިބުނު މަދަދާއި ހިތްވަރު ޝުކުރުވެރިކަމާއެކު ޙަބީބު ފާހަގަ ކުރައްވައެވެ.

“އަޅުގަނޑުގެ މަސައްކަތް ދިވެހި ލޮބުވެތި ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފިކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރަނީ ވަޒީފާގެ ވާޖިބު ރަނގަޅަށް އަދާކުރެވިއްޖެކަމަށް. އަދި އަޅުގަނޑުގެ މަސައްކަތް އިހްތިރާމާއި ލޯތްބާއި އިތުބާރާ އެކު ބަލައިގެންފިކަމަށް.” ރައްޔިތުންންގެ ކުރި އިތުބާރާއި ލޯތްބާއި އިހްތިރާމް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެކަމަށްވެސް ޙަބީބު ވަނީ ވިދާޅުވެފަ އެވެ. ހަމައެހެންމެ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން ވަކިވަޑައިގެންނެވިނަމަވެސް، އަދިވެސް ކޮމިޝަނަށް ބޭނުންވާ ކަންކަމުގައި ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަކީ އުފަލެއްކަމުގައި ޙަބީބު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ޙަގީގަތުގައިވެސް ހަބީބު އަކީ ވަރަށް ނަޒާހަތްތެރި ވަރަށް ގާބިލް ބޭފުޅެއް. ހަބީބަށް ސެލިއުޓް އަރުވަންޖެހޭ. ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އަރުވަންޖެހޭ.
    ހަބީބަށް ހެޔޮ އެދެން

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ