- Advertisement -ad image

ރަށު ބަދިގެއިން މަޒީ މި ގެނެސްދެނީ އުފެއްދުންތެރި، މީރު ރަހަތަކެއް!

ad image

ގުޅުންހުރި ލިޔުންތައް

އަމިއްލަ އުފެއްދުންތެރިކަމާއި ހުނަރުގެ ބޭނުންކޮށް، ބަޔަކަށް އެއްޗެއް ފޯރުކޮށްދިނުމަކީ ކޮންމެ މީހަކަށް ވާނެކަމެއް ނޫނެވެ. ހުނަރެއް ލިބިފައި ހުރި ނަމަވެސް އެ ހުނަރުގެ ބޭނުން ހިފެނީ މަދު މީހަކަށެވެ. ދިރިއުޅުމުގެ ބިޒީ ޝެޑިއުލްގެ ތެެރެއިން އެކި މީހުން އަމިއްލަ ނަފްސަށް ވަގުތު ހުސްކުރަނީ އެކިގޮތަށެވެ.

“ރަށު ބަދިގެ” ޕޭޖްގެ ފަހަތުގައި މަސައްކަތް ކުރަމުން އަންނަ އއ. އުކުޅަހަށް އުފަން މަޒީނާ މުޙައްމަދު (މަޒީ) އޭ ބުނުމުން އެ ރަށު ކޮންމެ މީހަކަށްވެސް އެނގޭނީ ސްކޫލްގެ ދިވެހި މުދައްރިސްގެ ގޮތުގައެވެ. ޓީޗިންއިން މާސްޓަސް ނަގައިގެން ހުރި މަޒީއަކީ ސްކޫލްގެ އިތުރުން ގޭގެ ބަދިގޭގައި ވެސް ނަމޫނާ ދައްކަމުން އަންނަ ކަނބަލެކެވެ. 

“ރަށުބަދިގޭގެ” ފައުންޑާރ ކަމަށްވާ މަޒީގެ ހޮބީއަކީ ކެއްކުމެވެ. އެހެންނަމަވެސް މިއީ އަދި އާދައިގެ ކެއްކުމެއް ނޫނެވެ. މަޒީ މިކަން ކުރަނީ އާމްދަނީއެއްހޯދުމެއްނެތިއެވެ. އަމިއްލަ ރެސިޕީތައް ފޮލޯވާސްއަށް މަޒީ ދޫކޮށްލަނީ ހިތުގެ އެންމެފުންމިނުން ލޯތްބާއެކު އެވެ.

1- ރަށު ބަދިގެ” މިއީ ކިހިނެތް ކިޔުނު ނަމެއްތޯ؟
ކައްކާ ރެސިޕީ ޕޭޖެއް ހަދަން ބޭނުން ވާހަކަ އަޅުގަނޑު އެންމެ ފުރަތަމަ ބުނީ އަޅުގަނޑުގެ ފިރިމީހާ ގާތުގަ. އެއީ މިދިޔަ އަހަރުގެ ޖޫން ހިސާބުގަ. ދެން ފިރިމީހާ ހިޔާލެއް ދިން އެންމެނާވެސް ހުރިހާ ކައްކާ މީހުނާވެސް ގުޅޭ ނަމެކޭ ކިޔަންވާނީ. ދެން ހަމަ އެ ވާހަކައިގެ ތެރެއިން ފިރިމީހާ ދިން ހިޔާލެއް އެއީ ރަށު ބަދިގެ ކިޔަން ހިނގާށޭ. އޭރުން ހުރިހާ ރަށަކާވެސް ހުރިހާ ބަދިގެއަކާވެސް ގުޅޭނެއޭ. ދެން އަޅުގަނޑު އާއިލާގެ މީހުންގެ ހިޔާލުވެސް ހޯދުމަށްފަހު މި ނަން ކީ އަޅުގަނޑަށް ވެސް ކަމުގޮސްގެން

2- ކެއްކުމަށް ޝައުގުވެރިކަން އުފެދުނީ ކިހިނެތްތޯ؟ އަދި “ރަށު ބަދިގެ” ޕޭޖް ހެދުމުގެ ހިޔާލު އައީ ކިހިނެތް؟
އަޅުގަނޑަކީ އަބަދުވެސް ވަރަށް ކައްކާ ހިތްވާ މީހެއް. އެންމެ ކުޑައިރުވެސް ހަމަލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ތަފާތު އެއްޗެހި ކައްކާ އުޅެން ބޭބެ މެނާއެކު. ގޭގަވެސް ގިނަވާނީ ވަރަށް މީރުކޮށް ކައްކާ ދައްތައިންނާ ބޭބެމެން. ދެން މަންމައަކީވެސް ވަރަށް މީރުކޮށް ކައްކާ ފަރާތެއް. މިގޮތަށް ކެއްކުމުގެ ތެރޭގައި އުޅުމުގެ ތެރޭގައި ކެއްކުމަށް ޝައުޤުވެރިކަން އުފެދުނީ.

އަޅުގަނޑުގެ ފިރިމީހާ އަކީވެސް ޔޫޓިއުބް ޗެނަލްއެއް ހިންގާ ފަރާތެއް. އަދި އަޅުގަނޑުގެ ދަރިފުޅުގެ ވެސް ކުޑަކުދިންނަށް ހާއްސަ ޔޫޓިއުބް ޗެނަލްއެއް އިންނާނެ. ދެން އަޅުގަނޑު އަބަދުވެސް ވަރަށް ކައްކާ ހިތްވޭ. އަދި ރައްޓެހިންނާއި އާއިލާގެ މީހުންނަށް ވަރަށް ކަމުދާނެ ކައްކާ ކާ އެއްޗެހި. އެހެންވެ ދެން ހިތަށް އެރީ މީހުންނަށް ކައްކަން ދަސްކޮއްދެން އެހީތެރިވެދޭ ފަރާތަކަށްށޭވާނީ. އެންމެ އާދައިގެ އެއްޗެހިވެސް ކައްކާ ގޮތް ދަސްކޮށްދޭ ފަރާތަކަށޭ ވާނީ އޭރުން ހުސްވަގުތުގައި އަޅުގަނޑަށް މިކަން ކުރެވޭނޭ. ދެން ފިރިމީހާ ވަރަށް ހިތްވަރުދިން އަޅުގަނޑަށް މިކަންވާނޭ ބުނި. ދެން ފިރިމީހާގެ ވެސް ޔޫޓިއުބް ޗެނަލެއް އިންނާތީ އެ މަސައްކަތުގެ ތެރެއިން ކައްކާ ޔޫޓިއުބް ޗެނަލެއް ހެދުމުގެ ޝައުޤުވެރިކަން އުފެދުނީ. އޭގެ ތެރެއިން މި ޕޭޖް ސޯޝަލް މީޑިއާ ގެ އެކި ޕުލެޓްފޯމްގައި ހެދީ. ރަށު ބަދިގެ ޕޭޖް ހެދިތާ އަދި ވާނީ 8 ވަރަކަށް މަސް.

3- ކެއުމުގެ ބާވަތްތައް ވިއްކުމުގެ ބަދަލުގައި ބޮޑަށް މި ފެންނަނީ ރެސިޕީ ޝެއާކުރާތަން. މި ކެއުންތައް ތައްޔާރުކޮށް ވިއްކުމަށް ޕަބްލިކްގެ ކިހާ ޑިމާންޑެއް އޮވޭތޯ؟ އަދި ވަކި ހާއްސަ ބާވަތްތަކެއް ކެއްކުމަށް ޝައުގުވެރިކަން ހުރޭތޯ؟
އަޅުގަނޑު ކުރިން ފޮނި އެއްޗެހި ހަދާ ވިއްކިން. ކޭކުވެސް އެޅިން. އެކަމަކު އެ މަސައްކަތް ބުރަވީމަ ވަރަށް ގިނަ ވަގުތު ދާތީ، ދެން އަޅުގަނޑު ޓީޗަރެއްގެ ގޮތުގައިވެސް އުޅޭތީ ވަގުތު ނުލިބުމުގެ ސަބަބުން އެކަން ހުއްޓާލީ. އެގޮތަށް ވިއްކާއިރު ކަސްޓަމަރުން ބޭނުންވާ ވަގުތަށް ހަދަންޖޭހޭ. އެކަމަކު ދެން އަޅުގަނޑު ވިސްނީ މީހުންނަށް މިކަން ދަސްކޮށްދެން. އޭރުން އަޅުގަނޑު ބޭނުންވާ ވަގުތުގައި ރެސިޕީ ރިކޯޑު ކޮއްލާފަ އަޕްލޯޑްކޮށްލެވޭނެ.

މީހުންގެ ޑިމާންޑު އޮވޭ ވިއްކަން ހެދުމަށް ވަރަށް ބޮޑަށް. ޕޭޖަށްވެސް އެކި ފަރާތްތަކުން މެސެޖްކުރޭ ވިއްކާތޯ އަހާ. ރައްޓެހިން ވެސް އެގޮތަށް ބޭނުންވޭ. އެހެންނަމަވެސް އަޅުގަނޑަށް އެހާ ވަގުތު ނެތުމުގެ ސަބަބުން އަޅުގަނޑު ވިސްނީ ރެސިޕީތައް ޝެއާރ ކުރުމަށް.”

ތަފާތު އެއްޗެހި ވަރަށް ކައްކާހިތްވޭ. ދެން ދިވެހިވަންތަ ކެއުންތަކާއި ފޮނިއެއްޗެހި ވަރަށް ބޮޑަށް ކައްކާހިތްވޭ. އޭގެތެރޭގައި ކޭކާއި ބޭކަރީ ބާވަތްތައް ހިމެނޭ. ޖުމުލަކޮށް ހުރިހާ އެއްޗެއްވެސް ހަމަ ކައްކާ ހިތްވޭ.

4- މިހާތަނަށް އެންމެ ބޮޑު ތަރުހީބެއް ލިބުނީ ކޮން ރެސިޕީ އަކަށް؟

މިހާތަނަށް އެންމެ ބޮޑު ތަރުހީބެއް ލިބުނީ އަޅުގަނޑު ތައްޔާރުކުރި ރިހާކުރު ބަތުގެ ރެސިޕީއަކަށް. ހުރިހާ ސޯޝަލް މީޑިއާގެ ޕުލެޓްފޯމުގައިވެސް މި ރެސިޕީއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ. ވަރަށް ގިނަ މީހުން ޝެއާރކޮށް ތައްޔާރުކުރުމަށް ފަހު މީރުކަމަށް ވެސް ފީޑްބެކް ލިބިގެންދިޔަ. ޓިކްޓޮކްގައި އެއްލައްކަ ފަންސާސް ހާހަށްވުރެ ގިނަ ވިއުސް ވަނީ ލިބިފަ. ދެން އިންސްޓަގުރާމްގައިވެސް 60 ހާހުން މަތީގަ ވިއުސް އުޅޭ. ފޭސްބުކުގައި 79 ހާސްވިއު. އެހެންވީމަ އެއީ ވަރަށް މަޤުބޫލު ރެސިޕީއަކަށް ވެގެންދިޔަ.

5- ޕޭޖްގެ މަސައްކަތްތައް ރާވާލަނީ ކިހިނެއް؟ ކިހާ ވަގުތެއް ހޭދަވާ މަސައްކަތެއް މިއީ؟

މިހާރު ޕޭޖުގެ ހުރިހާ މަސައްކަތެއްވެސް ކުރަމުން މިދަނީ އަޅުގަނޑު. ރެސިޕީ އިޙްތިޔާރު ކުރުމާއި، ވީޑއޯ ކުރުމާއި، ވީޑިއޯ އެޑިޓް ކުރުން އަދި ސޯޝަލް މީޑިއާގެ ހުރިހާ ކަންކަންވެސް މި ކުރަނީ އަޅުގަނޑު ފިރިމީހާގެ އެހީތެރިކަމާއެކު. މަސައްކަތްތައް ރާވާލުމުގައި އަޅުގަނޑު ބަލަނީ ބޮޑަށް ހުކުރު ހޮނިހިރުގައި ވީޑިއޯ ނަގާލެވޭތޯ. ސުކޫލު ދުވަސްތައް ވަރަށް ބިޒީވާނެ އަދި ދަރިންނަށްވެސް ވަގުތު ދޭންޖެހޭ. އަނެއްބައިފަހަރު ސުކޫލު ނިންމާލާފަ އައިސްވެސް ވީޑިއޯ ނަގާލަން. އަސްލު ބަލައިލާފަ މީހުންނަށް ހީވެދާނެ ވަރަށް ފަސޭހަ ކަމެކޭ ވީޑިއޯ އެއް ނަގާލުމަކީ. އެކަމަކު 8 ވަރަކަށް ގަޑިއިރު ހޭދަވާނެ ވީޑިއޯއެއް ނެގުމާއި ވީޑިއޯ އެޑިޓް ކުރުމަށް. ކޮންމެ ހަފްތާއަކު 2 ވީޑިއޯ އަޕްލޯޑް ކުރެވޭނެ.

“އަދި ސޯޝަލް މީޑިއާ މެނޭޖްކުރުމަށްވެސް ފުދޭވަރަކަށް ގިނަ ވަގުތު ނަގާ. މީހުންގެ މެސެޖްތަކަށް ރިޕްލައިކުރުމާއި ކަންކަމަށް. އެހެންވީމަ މިއީ ފުދޭވަރަކަށް ވަގުތުނަގާ މަސައްކަތެއް.”

6- ޕޭޖްގެ މަސައްކަތުން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ކޮބާ؟ އަދި މަސައްކަތް އިތުރަށް ފުޅާކުރަން ވިސްނަންތަ؟
އަޅުގަނޑަށް މި މަސައްކަތުން ލިބޭ އެންމެ ބޮޑު ކާމިޔާބީއަކީ އަދި ހިންހަމަޖެހުމަކީ މީހަކު މި މަސައްކަތް ބަލައިގަންނަކަން އިޙްސާސްވުމުން. އެގޮތުން މިސާލަކަށް ބުނަންޏާ ޕޯސްޓަށް ލައިކް ޖަހާލާ، ސުޓޯރީއަށްލާ ޝެއާރކޮށްލީމަ ދެން އަޅުގަނޑަށް އިޙްސާސްވޭ މީހުނަށް މި ރެސިޕީ ކަމުގޮއްސިކަމާއި ބޭނުންތެރިކަން. އެންމެ ބޮޑު ކާމިޔާބީ އަކީ ޓިކްޓޮކްގައި 15 ހާސް ފޮލޯވާރސް ހަމަވުން.

7- މިފަދަ މަސައްކަތެއް ކުރަން ބޭނުންވާ އެހެން މީހުންނަށް ކީކޭ ބުނެލާނީ؟
އަޅުގަނޑު ބުނެލަން ބޭނުންވަނީ މަސައްކަތެއް ފަށާއިރު ކާމިޔާބު ނުވެދާނޭ. އެހެންނަމަވެސް ހިތްވަރާއެކު މަސައްކަތް ކޮށްފިއްޔާ މަޑުމަޑުން ވިޔަސް ކުރިއަށްދާނޭ. ބައެއް މަސައްކަތްތަކަކީ ހަމަ ސުމަކުން ފަށަން ޖެހޭ މަސައްކަތްތައް. އެ މަސައްކަތްތަކުގައި ތިމާއަށް ހެޔޮއެދޭ މީހުންގެ އެހީއާއި އެކު ކުރިއަށް ދިއުމަކީ ކާމިޔާބީގެ ފެށުން. އަދި މުޅި މުޖުތަމައުވެސް އެ މަސައްކަތްތައް ބަލައިގަންނާނެ. އެހެންވީމަ އަޅުގަނޑުމެންނަށް އޮތީ ދުޢާކޮށް މަސައްކަތް ކުރުން.

މިފަދަ މަސައްކަތެއް ކުރުމުގެ ހެޔޮ ތަޢުފީގު މިންވަރު ކުރެއްވި ކަމަށްޓަކާ ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޙަމްދުކުރަން. އަދި އާއިލާގެ އެންމެންގެ ފަރާތުން ލިބެމުންއަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރަން. އޭގެތެރޭގައި އަޅުގަނޑުގެ ފިރިމީހާ އަދި ސަމާހާ (ދައްތައެއްގެ ދަރިއެއް) ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ. ދެން މަންމަޔާއި، ބޭބެމެންގެ އެހީތެރިކަންވެސް ލިބޭ. އަދި ހެޔޮއެދޭ ރައްޓެހިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދޭ. މި ފުރުސަތުގައި އަޅުގަނޑުގެ ޕޭޖަށްޝާއި ރެސިޕީތަކަށް ލައިކްކޮށް ޝެއާކޮށް އެ ރެސިޕީތައް ތައްޔާރުކުރާ ފަރާތްތަކަކީ އަޅުގަނޑުގެ ޝުކުރު ހައްޤުވާ އެންމެ މުހިންމު ފަރާތްތައްކަންވެސް ފާހަގަކޮށްލަން. އަޅުގަނޑު ބުނެލަން ބޭނުންވަނީ ތިޔަ ދޭ ސަޕޯޓަކީ މިއަދު އަޅުގަނޑު ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރޭ.”

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ