މަލާމާތާއި ފުރައްސާރަ އިން މީހެއްގެ އަޒުމަށް ލޮޅުން އަރާ ފަހަތަށް ޖެހޭނެނަމަ، އެމްއެމްޕީއާރްސީގެ މިހާރުގެ އެމްޑީ ފާތުމަތު ތައުފީގު (ކުޑީ) އެ ހުރިހާ ކަމެއް ތަހައްމަލުކޮށްފި އެވެ. އެކަމަކު މި ހުރިހާ ފުރައްސާރަ އާއި ބުލީއަށް ފާތުން ދެނީ ހިނިތުންވުމެކެވެ.ބުނާކަހަލައެވެ. ތިހެން ބުނާ ބަހަކަށް މި އަޒުމެއް ނުގުޑާނެއެވެ. މި ހުރީ ސާބިތުކަމާއެކުގައެވެ. އެންމެ ތަންފުކެއްވެސް ފަހަތަށް ޖެހޭކަށް ނެތީމެވެ.
މިއަދުގެ ހަތް ސުވާލުގައި މި ގެނެސްދެނީ ފާތުންގެ ވާހަކައެވެ. ދިރިއުޅުމުގައި ފާތުންނަށް ކުރިމަތިވި ހުރަސްތަކާއި، ލިބުނު ކާމިޔާބީތަކެވެ.
ޅައިރުގެ ހަނދާންތައް އާކޮށްލާނަމަ، އެ ދުވަސްތައް ފާތުން ސިފަކޮށްލަދެއްވާނީ ކިހިނެތް؟
އަޅުގަނޑު ކުޑައިރު ވަރަށް ސޯޝަލީ އޮވްކްވާރޑް ވާނެ. ލަދު ރަކިވާނެ. އަމިއްލައަށް އިސްވެ ވާހަކަދައްކަން ނުކެރޭނެ. ވަރަށް މަދު ރަށްޓެހިންނެއް އުޅޭނީ. ގިނައިން އުޅޭނީ ދައްތަމެންނާ އެކު. އެކަމަކު ގޭތެރޭގައި ވަރަށް ހިންގާލާފައި އުޅޭނީ. އުމުރުން 17 އަހަރުގައި ގޭގެ ހުރިހާ ޒިންމާތައް ނެގިން. އަބަދުވެސް މީހުންނަށް ކޮންމެވެސް ކަމެއްކޮށްދެވޭތޯ އުޅޭނީ.
ފާތުން ފާހަގަކޮށްލެވެނީ ތައުލީމީ ގޮތުން އަދި ވަޒީފާ އަދި ސިޔާސީ މައިދާނުގައި ވެސް ފަސްނުޖެހި ކުރިއަށްދާ ކަނބަލެއްގެ ގޮތުގައި. މި ދާއިރާތަކަށް ޝައުގުވެރިކަން އުފެދި، ފުރުސަތު ފަހިވީ ކިހިނެތްތޯ؟
ކުޑައިރުއްސުރެ އުޅެވުނީ ވަރަށް ސިޔާސީ މާހައުލެއްގައި. އަޅުގަނޑުގެ މަންމަ ފަރާތު އާއިލާގަ ވަރަށް ގިނަ ވާނެ ސިޔާސީ ބޭފުޅުން.
“އަޅުގަނޑު ކުޑަ އިރު އެންމެ ގިނައި އިވޭ ވާހަކަ އަކީ މަންމަގެ ކާފަގެ ވާހަކަ. ތިނަދޫ ހިރިހަމާތީ ކަލޭގެފާނު. އަމީން ދީދީ ދައުރުގައި އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާރޓީގެ އެއް މޭސްތިރީ އަކީ މަންމަގެ ކާފަ ކަމަށް އަބަދުވެސް އިވޭ. އަދި އޭރު މުނިކާފަމެން ގައުމަށް ކުރެއްވިހިދުމަތްތަކުގެ ވާހަކަވެސް އިވޭ.“
އެމްޑީޕީ އުފެއްދުމުގައި އުޅުއްވީ އަލްމަރްހޫމް ގޯގޯ ލަތީފްއަކީ އަޅުގަނޑުގެ މަންމަގެ ކަޒިންއެއް. އަދި ކުރީގެ ފޮރިން މިނިސްޓަރ އަލްމަރްހޫމް ޑރ އަބްދުއްސަމަދު އަކީ މަންމަގެ ކަޒިންއެއް. އަޅުގަނޑުގެ މާމާ އަކީ ސިޔާސީ ކަނބަލަކަށް ނުވިއަސް ކުރީގެ ރައީސުން އަރިހުގައި އުޅުއްވި ކަނބަލެއް. އަޅުގަނޑުގެ ބޮޑުބޭބެ އަލްމަރްހޫމް މުހައްމަދު ޒާހިރު ވެސް އަބަދު ގޭތެރޭގައި ކުރައްވާ އެއް މަޝްވަރާ ސިޔާސީ މަޝްވަރާ އަކީ. އެހެންވެސް މި ބޭފުޅުންގެ ހިދުމަތްތަކުގެ ވާހަކަތައް އަޑު އިވި އިވި ހަޤީގަތުގައި ސިޔާސީ ދާއިރާއަށް ޝައުޤުވެރިވީ. ފުރުސަތު ހޯދީ އަމިއްލައަށް. 2016 ވަނަ އަހަރު މާސްޓަރސް ޑިގްރީ ނިންމާލަފައި ސިޔާސީ ދާއިރާ ތަޖްރިބާ ކޮއްލަން އަމިއްލަ އަށް އިސްވެ ޕީޕީއެމް ހަރަކާތްތަކުގައި ބައިވެރިވާން ފެށީ.
މިހާރު ފާތުން ތި ހުންނެވީ ރާއްޖެ އިޝްތިހާރުކުރުމުގެ އެންމެ މުހިއްމު ރޯލެއް އަދާކުރާ ކުންފުނީގެ ސީއީއޯގެ މަޤާމުގައި. އެއްވެސް އިރެއްގައި އުއްމީދުކުރެއްވިންތޯ މިހާ ޅަ އުމުރެއްގައި މި ހިސާބަށް ވަޑައިގަނެވޭނެކަމަށް؟ އާ ޒިންމާތަކަކާއެކު ލައިފަށް އައި އެންމެ ބޮޑު ބަދަލަކީ ކޮބާތޯ؟
އެއްވެސް އިރަކު އުއްމީދެއް ނުކުރަން. އެކަމަކު އަބަދުވެސް އުއްމީދު ކުރިން ރައީސް ޑރ މުޢިއްޒު ނިންމަވާނީ އެންމެ ރަގަޅަށްކަން. އެންމެ ފުރަތަ ބައްދަލު ކުރައްވާފަ ރައީސް އެހެން ވިދާޅުވި އިރުވެސް ޤަބޫލު ކުރަން ދަތިވި. ފަހުން ހަވާލުކުރެވުނު ކުންފުނި ބަދަލު ކުރަން ނިންމެވި ވާހަކަ ވިދާޅުވެ މެސެޖެއް ކުރެއްވީމަވެސް ކުޑަކޮށް ޤަބޫލުކުރަން ދަތިވި. މިފަދަ ޒިންމާއަކަށް އާދެވުނީ އަލަކަށް ނޫން.
“އެކަމް މިހާ ޕަބްލިކް މަޤާމަކަށް އައިމާ އާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ. ކުރީގަ ވެއްޖެއްޔާމުން އޮފީސް ގަޑި ނިމުނީމާ އެ ނިމުނީ، މިހާރު 24 ގަޑި އިރު ޒިންމާ އަދާކުރުމުގަ.”
ފާތުންގެ ލައިފަށް ބަލާލިނަމަވެސް ބޮޑަށް ފާހަގަވަނީ ވަރަށް އެކްޓިވް އަދި ޒުވާނުން ބާރުވެރި ކުރެއްވުމުގައި ވަރަށް އިސް ރޯލެއް އަދާކުރައްވާ ކަނބަލެއްގެ ގޮތުގައި. މިހާތަނަށް ދިރިއުޅުމުގައި ޙާސިލްކުރެވިފައިވާ ފާހަގަކޮށްލެވޭ ލަނޑުދަނޑިތަކަކީ ކޮބައިތޯ؟
އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަން އަޅުގަނޑާއެކީ އުޅޭ ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދަ ދޭން. އެ ޒުވާނުންގެ ދިރިއުޅުން އާރާސްތުވެ ހަމަޖެހިގެން އުޅޭ މަންޒަރު ފެނުނީމަ ވަރަށް އުފާވޭ. ދިރިއުޅުމުގައި ޙާސިލްކުރެވިފައިވާ ފާހަގަކޮށްލެވޭ ލަނޑުދަނޑިތަކަކީ އެފަދަ ޒުވާނުންގެ ދިރިއުޅުމަށް ގެނެސް ދެވުނު ހެޔޮ ބަދަލު. ހޯދާ ދެވުނު ފުރުސަތުތައް.
އެކި ރޮނގުތަކުން އަންހެނުންނާއި ޒުވާނުން ކުރިއަރާ ދިއުމުގައި ދިމާވާ ގިނަ ހުރަސްތަކެއް އެބަހުރި. މިގޮތުން ފާތުން ތަޖުރިބާ ކުރެއްވި ކަންކަމަކީ ކޮބައިތޯ؟ އަދި މިކަންކަމާއި ކުރިމަތިލެއްވީ ކިހިނެތްތޯ؟
އެންމެ ބޮޑު ގޮންޖެހުމަކީ ދައްކާވާހަކަ ނޫނީ ދޭ ހިޔާލު ބަލައިގަތުމުގައި ދިމާވާ ދަތިތައް. ވެދާނެ އުމުރު ހަނގު ވީމަކަމަށް. ވަރަށް ގިނަ ގޮތް ގޮތުން ކިޔައި ދީގެން ކޮންވިންސް ކުރުވަން ޖެހޭ ފަހަރު އާދޭ. އެކަނިމާ އެކަނި ބޮޑު ޓީމަކާ ދެކޮޅަށް ބަހުސް ކުރާ ފަހަރުވެސް އާދޭ. އެފަދަ ހާލާތްތަކުގެ ފެކްޓްސް ބޭސްޑްކޮށް ކިޔައިދެނީ، ޤަބޫލުކުރާނެ ހުރިހާ ގޮތަކަށް ކިޔައި ދެނީ އަދި ގޮތުގަ ހިފަހަށްޓަނީ. ދެރަކޮށްލަން ނުވަތަ ދަށްކޮށްލަން ބުނާ ބަސް އަސްލު ނީވޭނެ. ޤަބޫލު ކުރަނީ އެބަޔަކަށް ހަޤީޤަތް ނޭނގޭތީކަމަށް އެހެން ވާހަކަ ދަށްކަނީ. އިނގޭ ނަމަ ނުބުނާނެ ކަމަށް. ހިއްވަރުކޮށްފަ ފައިޓްކުރަނީ.
މިހާރުގެ ބިޒީ ޝެޑިއުލްގެ ތެރެއިން އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްކުރައްވަނީ ކިހިނެތްތޯ؟
އަދި އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްކުރެވޭ ވަރެއް ނުވޭ. ދައްތަމެންނާ އެކު ނޫނީ ރަށްޓެހިންނާ އެކީ ކޮފީ އަށް އަރާލަން ލިބޭ ހަމައެކަނި ދުވަހަކީ ހުކުރު ދުވަސް. އެވެސް މަދު ފަހަރަކު.
އަންހެނުންނަށް އަދި އަންހެން ކުދިންނަށް ހާއްސަކޮށް ފާތުން ދޭން ބޭނުންވާ މެސެޖެއް އެބައޮތްތޯ؟
“ފާޑުކިޔާ މީހުން އުޅޭނެ، ފުރައްސާރަ ކުރާ މީހުން އުޅޭނެ އަދި ބުލީކުރާ މީހުންވެސް އުޅޭނެ. މި ކަންކަމަކީ އަންހެންނަކަށް ވީތީ އޭގެ ލިބޭ މިންވަރު ބޮޑުވާނެ ކަންކަން.“
މުހިންމީ އެމީހުންނެއް ނޫން. މުހިއްމު ވާނީ އަބަދުވެސް ކައިރީގަ ތިބޭ ހެޔޮ އެދޭ ހިއްވަރު ދޭ މީހުން. މުހިއްމު ވާނީ ހަވާލު ކުރެވޭ ޒިންމާ އަދާ ކުރުން. ބަޔަކު ރުއްސަން ކުރާ ކަމަކުން ލިބޭނެ ހިތްހަމަ ޖެހުމަށްވުރެ ބޮޑުވާނެ ޒިންމާ އަދާކޮށްނަތިޖާ ނެރެގެން ކޮށްގެން ލިބޭ ހިތްހަމަޖެހުން. ހަސަދަވެރިންނާ އަދާވާތެރިންނާ ދޭތެރޭ ނުވިސްނާ ރައްދު ނުދީ ކެރިގެން ކުރިއަށް ދިއުން މާރަގަނޅު ވާނެ. އެކަމް ރައްދު ދޭންޖެހޭ ފަހަރު ރައްދު ދޭންވެސް ވާނެ. އެވެރިންނަށް ވާހަކަ ދައްކަން ގިނަ ކަންކަން ކޮއްފަ ނަތީޖާ ދެއްކީމާ ހުންނާނީ ރަގަޅަށް.