ގދ. ގައްދޫއަށް އުފަން ޒީނާ ޒާހިރު (ޒީ) ގެ ހިތުގައި ކުޑައިރުއްސުރެ ވެސް އަދަބީ ކަންކަމަށް ހާއްސަ ލޯތްބެއް އޮވެއެވެ. ތައުލީމީ ހަޔާތުގައި މޮޅަށް ކިޔެވުމަށްވުރެ ޒީނާގެ ޝައުގުވެރިކަން ހުރީ އަދަބީ ހަރަކާތްތަކަށެވެ. އެ ޖޯޝާއި ފޯރީގައި ސްކޫލް ނިންމީ ދިވެހި ޖަމްއިއްޔާގެ ރައީސްގެ އިތުރުން އީޕީއެސް ސްކޫލުގެ އަދަބީ ތަރިއެއްގެ ގޮތުގައެވެ.އެއަށްފަހު މީޑިއާއިން ކުރިއަށް ދިއުމަށް ޒީނާ ދަތުރު ފެށިއެވެ. 17 އަހަރު މީޑިއާ އާއި ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކޮށް އެތައް އޮޅިގަނޑެއް ގިރާކުރުމަށްފަހު މިއަދު ޒީނާ ހުރީ ދައުލަތުގެ މީޑިއާ ކަމަށްވާ ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރ (އެމްޑީ)ގެ މަގާމުގަ އެވެ.
ޅައުމުރުގައި ސްކޫލުގެ ޕޯޑިއަމް ކައިރިން ޒީނާ ދުށް އެ ހުވަފެން މިއަދު އޭނާ ވަނީ ހަގީގަތަކަށް ހަދާފައެވެ. އަމިއްލަ ވެބްސައިޓެއް “ޒީޓައިމްސް” ގެ ނަމުގައި އުފައްދާ ވޭތުވެދިޔަ 3 އަހަރު ވަނީ އެ ވެބްސައިޓް މެދުވެރިކޮށް ގިނަ އަދަދެއްގެ މީހުންގެ ޕްރޮފައިލްތައް ގެނެސްދީ ބޭސްފަރުވާ ފުރިހަމަކުރުމަށް ފައިސާގެ ގޮތުން ބޮޑެތި އެހީތައް ފޯރުކޮށްދީފައެވެ. ބައެއް އާއިލާތަކަށް 3 ލައްކަ ރުފިޔާވެސް ލިބިފައިވެއެވެ. އަޑިގުޑަން ގިނަ މި ރާސްތާގެ މަންޒިލާ ގާތަށް އާދެވުނުއިރު މިވަނީ ގިނަ އިބުރަތްތަކަކާއި އެތައްކަމެއް ދެކިފައެވެ. މި ދަތުރުގައި ޒީނާއަށް ދަސްވި ގިނަ ފިލާވަޅުތަކާއެކު، ލިބުނު އުފާވެސް އެހައި ގިނަ އެވެ. އެގޮތުން ޒީނާ މިއަދު މި ކިޔައިދެނީ އޭނާ ކުރި ކާމިޔާބު ދަތުރުގެ ވާހަކައެވެ.
ޅައިރުގެ ދުވަސްތައް އަދި ތައުލީމީ ހަޔާތުގެ ހަނދާންތައް އާކޮށްލާނަމަ، އެ ދުވަސްތައް ސިފަކޮށްލަދެއްވާނީ ކިހިނެތް؟
“އަޅުގަނޑުގެ މަންމަ، ގދ. ގައްދޫ އަދި ބައްޕަ ފުވައްމުލައް. އެންމެ އުފާވެރި ހަނދާންތަކަކީ ރަށުގައި އުޅުނުއިރު އަޅުގަނޑުމެން ގޭ ކައިރީގައި އުޅޭ އެއްވަރުގެ ކުދިންތަކާއެކު އީދު ފަދަ ދުވަސްތަކުގައި ވަރަށް ކުޅިވަރު ކުޅޭނެ. ދެން އެންމެން އެއްކޮށް ޕިކްނިކް ގޮސް އުފާވެރި ދުވަސްތަކެއް އެއީ.”
“ސްކޫލް ދުވަސްވަރުވެސް ބޮޑަށް އިސްކަން ދިނީ އަދަބީ ހަރަކާތްތަކަށް. ފުވައްމުލަކުގައި 2000 ވަނަ އަހަރު ކިޔެވިއިރު، އަރަބި ތާނަ ލިޔުމުން ސްކޫލުން ދެވަނަ ލިބުނު.ގައްދޫގައި ކިޔެވިއިރު، ކުރު ވާހަކަ ލިޔުމުން މުޅި ސްކޫލުން އެއްވަނަ ލިބުނު”.
” 2001 އިން 2004 އަށް އީޕީއެސް ސްކޫލުގައި ކިޔެވިއިރު މާލޭގެ ހުރިހާ ސްކޫލެއްގެޖަލްސާތަކުގައި ހުންނާނީ ވާހަކަދެކެވިފަ. އިންޓަރ ސްކޫލް ބަހުސް މުބާރާތްތަކާއި ކުރު ވާހަކަ، މަޒުމޫނު ލިޔުމުން ވަނަ ލިބިފަ ހުރީ. ކިޔެވުމަށްވުރެ އޭރުގައި އިސްކަން ދެވުނީއަދަބީ ހަރަކާތްތަކަށް. އެހެންވެ ކަންނޭގެ މިހާރުވެސް މީޑިއާ ދާއިރާއިން މި ފެންނަނީ”ހެވިލާފައި ޒީނާ ފާހަގަކުރެއްވިއެވެ.
ބިޒްނަސް އަދި މެނޭޖްމަންޓް ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވަން ނިންމެވީ ކީއްވެ؟
“ސްކޫލް ނިންމުމަށްފަހު މީޑިއާ ދާއިރާ އާއި ގުޅިފަ ހިތަށްއެރި، އަދިހަމަ ނުކިޔަވާ ކަމަކުނުދާނޭ. ކުރިއެރުމެއް ނުލިބޭނެއޭ ހަމައެކަނި ތަޖުރިބާއަކުން. މީހާ ހުރިހާ ގޮތަކުންވެސް ކުރިއެރުމަށް މަސައްކަތްކުރަން ޖެހޭނޭ. އެހާ ހިސާބުން އަޒުމް ކަނޑައެޅީ ކިޔަވަން.”
“މާސްޓާސް ފުރިހަމަ ކުރިއިރު 2 އެޗްޑީ އަދި 5 ޑިޝްޓިންކްޝަން ލިބުނު. އެއިރު ކުޑަދަރިފުޅަށް 1 އަހަރު ނުފުރޭ. ބޮޑުދަރިފުޅަށް 3 އަހަރު. 2 ކުދިން ގޮވައިގެން އުޅެމުން ތީސިސް ފުރިހަމަކުރީ. ރިސަރޗް ކުރިއަށްގެންދިޔައިރު އެމްޕީއެލްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު. މިފުރުސަތުގައި އެކުންފުނީގެ މެނޭޖްމަންޓާއި އަޅުގަނޑަށް ކިޔަވައިދިން ލެކްޗަރަރ އިންނަށް ޚާއްސަ ޝުކުރެއް ދަންނަވަން”.
މީޑިއާ އާއި ގުޅުމުގެ ޝައުގުވެރިކަން އުފެދި، މަސައްކަތް ކުރެއްވީ ކިހިނެއް؟
“އެންމެ ފުރަތަމަ މަޖައްލާއަކަށް 2005 ވަނަ އަހަރު ކުރު ވާހަކަ ލިޔުނީ. ދެން 2006 ވަނަ އަހަރު މިއަދު ނޫހަށް ފުލްޓައިމް ވަޒީފާގައި ސީނިއާރ ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރިން. ވީޓީވީގައި ކެމެރާކުރަން ދަސްކޮށް، ޕްރެޒެންޓްކޮށް، ޚަބަރު ލިޔެ، ރިޕޯޓު ލިޔެ، އޮންކެމެރާ ހަދާ، ޕްރޮޑިއުސްކޮށް، މީޑިއާ ދާއިރާގެ ހުރިހާ މަސައްކަތެއް ކުރިން. ރަށްރަށުގައި ބޭއްވި ޖަލްސާގެ އިތުރުން ޕާކިސްތާނުގައިވެސް ހުންނާނެ ކެމެރާ ކޮށްފައި. މީޑިއާ ދާއިރާގެ ހުރިހާ މަސައްކަތެއް ٱلْحَمْدُ لِلَّٰهِ ދަސްވެފައި ހުރީ”.
މީޑިއާގައި މަސައްކަތް ކުރެއްވިއިރު މިހާތަނަށް އެންމެ ހަނދާންނައްތާލަން ދަތި ހާދިސާއަކީ ކޮބާ؟
“މިއަދު ނޫހުގައި އުޅުނުއިރު 2007 ވަނަ އަހަރު ދިމާވި ހުސެއިން ސަލާހު ކޭސް. (މަރާލާފައި އޮތް މީހެއް މޫދުން ފެނިގެން) ޕޯސްޓްމޯޓަމަށްފަހު އެމީހާގެ ހަށިގަނޑު ގެނެސް އާސަހަރާގައި ބާއްވާފައި އޮތީ ވަޅުލަން. އަޅުގަނޑު ހުރީ އަމީނީ މަގުގައި. އެތަނުގައި ހުއްޓާ ފުލުހުން ބުނަނީ ތިތަނުގައިވެސް ނޫސްވެރިންނަށް ނުތިބެވޭނޭ. އެއިރު އެސަރަހައްދުން ހައްޔަރު ކުރި މީހުންގެ ފޮޓޯއެއް ނުނެގޭނޭ. ދެން އަޅުގަނޑު ދެންނެވިން މިހާ ހިސާބުގައި ހުރެގެން ފޮޓޯ ނެގޭނޭ. އަޅުގަނޑުމެން ކައިރިއަކަށް ނުދަމޭ. އަދި ފުލުހުން ބަންދުކޮށްފައި ހުރި ސަރަހައްދަކަށް ނުވަންނަމޭ. އަޅުގަނޑު ހުރީވެސް މީޑިއާ ފާސް އަޅާފަ. ދެން ފުލުހުން އަޅުގަނޑު ހައްޔަރުކޮށްފަ ބިޑި އެޅުވީ. ދެން އޭރުގައި އަދި މިއަށްވުރެވެސް ހިކިވާނެ. އެހެންވެ ހެދި ގޮތަކީ ބިޑި ނައްޓާލީ. ނައްޓާލީމަ ބުނަނީ މިއީބިޑިވެސް ހަރުލާ ކުއްޖެއް ނޫނޭ ކިޔާފަ ފަހަތަށް ބިޑި އެޅުވީ. އަޅުގަނޑާ އެކީގައި އަދި އިތުރު ނޫސްވެރިން ހައްޔަރު ކުރި. ދެން ގެންދިޔައީ ދޫނިދޫ އަށް. ގެންގޮސް ފަސްގަޑިއިރު ބަހައްޓާފަ ދޫކޮށްލީ. އަޅުގަނޑު އެކަނި ޖަލަށް ނުލަނީ. ދެން ހައްޔަރު ކުރި ނޫސްވެރިންޖަލަށްލި. ބައެއް މީހުން 7 ދުވަސްވަންދެން ވެސް ބޭތިއްބި. ވަރަށް ބިރުގަތް ދުވަހެއް އެއީ. އެހާ ހިސާބުން އާއިލާއިން ބުނެފި ދެން މީޑިއާގައި އުޅެގެން ނުވާނޭ. އެކަމަކުވެސް ހަމަ ދޫނުކޮށް މި ދާއިރާއިން ކުރިއަށް މި ދިޔައީ.”
” ޕާކިސްތާނުގެ ސައުތް އޭޝިއަން މީޑިއާ ސްކޫލުގައި ހޭދަކުރި 2 މަސްދުވަހަކީވެސް ފާހަގަކުރެވޭ ތަޖުރިބާއާއި ތަމްރީން ލިބުނު ދުވަސްތަކެއް. އެންމެ ހަނދާންނައްތާލަން ދަތިވީ ފަގީރުންނާއި ސަލާންޖަހާ މީހުންގެ ޑޮކިއުމެންޓްރި ހެދުމަށް ނެގި ވީޑިއޯތައް”.
މި ދާއިރާގައި ލިބުނު ކާމިޔާބީތައް އަދި ކުރެވުނު އެންމެ އުފާވެރި ތަޖުރިބާއަކީ ކޮބާ؟
“އުފާވެރި ތަޖުރިބާ އަކީ އަންހެނަކަށްވެ ހުރެ މި ދާއިރާގައި ކުރިމަތިވި ކޮންމެކަމެއްގައިވެސް ބެލުންތެރިންނާއި ހަމައަށް، ރަނގަޅު މައުލޫމާތު ގެނެސްދިނުމުގެ ފުރުސަތު ލިބުން.”
“މިސާލަކަށް 2007 ވަނަ އަހަރު ހިމަންދޫގައި ކަނޑި ހިފައިގެން ތިބި ބަޔަކާއި ފުލުހުންނާއި ސިފައިންނާއި ދެމެދު ހިގި ކުރިމަތިލުމުގައި ސިފައިންގެ މީހަކު ރަހީނުކުރި. އެ ހާދިސާ ކަވަރު ކުރި ހަމައެކަނި އަންހެން ނޫސްވެރިއަކީ އަޅުގަނޑު. މިއަދު ނޫހުގައި އެ ހާދިސާގެ ޚާއްސަ ރިޕޯޓު ގެނެސްދިނިން. އެއީ ރޯދަމަހެއްގައި ކުރިއަށްދިޔަ ވަރަށް ބިރުވެރި ހާދިސާއެއް. އެކަމަކު އަޅުގަނޑު ހިތްހަމަޖެހޭ އެފަދަ ހާދިސާއެއް އެހާ ޒުވާން ދުވަސްވަރު އަޅުގަނޑަށް ކަވަރު ކުރަން ލިބުނީތީ.”
“އަދި މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންތައް ވެސް ޖަލަށް ގޮސް ކަވަރު ކުރިން. ބައެއްފަހަރު ގާއުކުން ފަދަ ކަންކަމާވެސް ދިމާވި. އެހެންނަމަވެސް ފަސްޖެހުމެއް ނެތި ކުރިއަށް ދިޔައީ.”
“ދެން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އަޅުގަނޑުގެ މަސައްކަތަށް އާންމުންގެ އިތުބާރު ލިބުން. މީގެއިތުރުން ރެހެންދި އެވޯޑާއި، ލީޑަރޝިޕް އެވޯޑް ލިބުނު”.
“ޒީޓައިމްސް” އަށް ބަލާލިނަމަވެސް ބޮޑަށް ފާހަގަވަނީ ޒީނާ ކުރައްވާފައިވާ އިޖްތިމާއީ މަސައްކަތްތައް. އަދި މަދުދުވަސްތަކެއްގެ ތެރޭގައި ވެބްސައިޓަށް މިވަނީ އާންމުންގެ ބޮޑު މަޤްބޫލުކަމެއްވެސް ލިބިފަ. ކިހިނެތްތޯ “ޒީޓައިމްސް” އުފެދުނީ؟
“2018 ވަނަ އަހަރުން ފެށިގެންވެސް އަމިއްލަ ވެބްސައިޓެއް ހިންގުމަށް ވިސްނިން. އެކަމަކު އެއިރު ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުރުމުން ވެބްސައިޓްގެ މަސައްކަތް މަޑުޖައްސާލީ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި 4 އަހަރާއި 7 މަސްވަންދެން ހުރުމަށްފަހު ވަކިވިތާ 2 މަސްތެރޭގައި ޒީޓައިމްސްގެ މަސައްކަތް ފެށިން.”
“ނޫސްތަކުގައި އާއްމުކޮށް ހުންނަނީ ޚަބަރު ގެނެސްދީފައި. އެހެންވެ އަޅުގަނޑު ބޭނުންވީ އޭގެ ބަދަލުގައި ތަފާތު ގޮތަކަށް ވެބްސައިޓެއް ކުރިއަށް ގެންދަން. އެންމެ ބޮޑަށް މަސައްކަތްކުރީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީ ފޯރުކޮށްދޭން. އެގޮތުން 3 އަހަރު ވީއިރު 36 އާއިލާއަކަށް ބޮޑެތި އޮޕަރޭޝަނާއި ބޭސްފަރުވާ ފުރިހަމަ ކުރުމަށް، އާންމުންގެ އެހީތެރިކަމާއެކު، ޒީޓައިމްސް މެދުވެރިކޮށް، އެހީ ފޯރުކޮށްދެވުމަކީ ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް. ٱلْحَمْدُ لِلَّٰهِ”.
“އަޅުގަނޑު ބޭނުންވީ މުޖުތަމައުގައި ތަފާތު ގޮތްގޮތަށް ފާހަގަކުރެވޭ މީހުންގެ އަގުވަޒަންކުރަން. އެއީ އަމިއްލަ ފަރުދަކަށްވެސް ކުރެވިދާނެ ކަމެއްކަން އަޅުގަނޑަށްވެސް ގަބޫލުކުރެވޭތީ. 200 ވަރަކަށް ޕްރޮފައިލް ރިޕޯޓު ޕަބްލިޝްކުރިން. މީގެން އެންމެ ރިޕޯޓަކީ ވެސް ވަރަށް މަސައްކަތް. ބައެއް ރިޕޯޓުގެ ރިސަރޗް އާއި އިންޓަވިއު ނެގުމާއެކު ލިޔެ ޕަބްލިޝް ކުރުމަށް 10 ވަރަކަށް ގަޑިއިރު ހޭދަވޭ. އެކި ދާއިރާތަކުން ފާހަގަކުރެވޭ މީހުންގެ ޕްރޮފައިލް ލިޔުނީ ހިލޭ ސާބަހަށް. ރާއްޖޭގައި ފާހަގަކުރެވޭ މެގަޒިންއަކަށް ޒީޓައިމްސް ވެގެންދިޔައީ ވަރަށް ގިނަ ހުނަރުވެރި ލިޔުންތެރިންނެއްގެ އެއްބާރުލުމާއެކު. މިފުރުސަތުގައި އަޅުގަނޑާއިއެކު މަސައްކަތްކުރި ލިޔުންތެރިންނަށް ފަށްފަށުން ޝުކުރު ދަންނަވަން”.
އެކި ރޮނގުތަކުން އަންހެނުން ކުރިއަރާ ދިއުމުގައި ދިމާވާ ގިނަ ހުރަސްތަކެއް އެބަހުރި. މިގޮތަށް ތަޖުރިބާ ކުރެއްވި ކަންކަމަކީ ކޮބާ؟
“އަޅުގަނޑު މީޑިއާގައި މަސައްކަތްކުރިއިރު އެތަންތަނުގެ މެނޭޖްމަންޓުގެ ފުރިހަމަ އެހީތެރިކަން ލިބުނު. އަދި ކައުންސިލް މެންބަރެއްގެ އިތުރުން ސްޕޯކްސްޕަރސަންގެ މަގާމުގައި ޑީއާރުޕީގައި އުޅުނުއިރުގެ އިތުރަށް އެމްޕީއެލްގެ ކްލެއިމްސް ޔުނިޓުގެ އިސްމީހަކަށް އުޅުނުއިރުވެސް ވަރަށް ބޮޑަށް އެހީތެރިކަން ލިބުނު. ވީޓީވީގައި އުޅުނުއިރުވެސް އަންހެނަކަށްވީތީ ތަފާތުނުކޮށް މުޒާހަރާތައް ކަވަރ ކުރަންވެސް ދާންޖެހޭ. އަބަދުވެސް އިސްކަންދެން ހަވާލުކުރާ މަސައްކަތް ތެދުވެރިކަމާއެކު އެންމެ ފުރިހަމައަށް ގަޑިއަށް ނިންމުމަށް”.
ޕަބްލިކް ސަރވިސް މީޑިއާގެ އެމްޑީގެ މަގާމް މިއީ އުންމީދު ކުރި މަގާމެއްތަ؟ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟
” ޕީއެސްއެމްގެ އެމްޑީގެ މަގާމަކީ ދުވަހަކުވެސް އަދާކުރަން އުންމީދު ކުރި މަގާމެއް ނޫން. އެކަމަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އަޅުގަނޑަށް އިތުބާރުކޮށް މިވަރުގެ ޒިންމާއެއް ހަވާލުކުރެއްވުމުން މިމަސައްކަތް ކުރަނީ އެންމެ ފުރިހަމައަށް ޒިންމާ އަދާކުރެވޭތޯ. މިފުރުސަތުގައި ރައީސް ޑރ. މުޢިއްޒަށް އަދި ސަރުކާރުގެ އިސްވެރިންނަށް ޚާއްސަ ޝުކުރެއް ދަންނަވަން”.
” 6 ޓީވީ ޗެނަލާއި 3 ރޭޑިއޯ ޗެނަލް ހިންގާ މި ކުންފުނީގައި 400 އެއްހާ މުވައްޒަފުން މަސައްކަތްކުރޭ. އެންމެ ބޮޑު ގޮންޖެހުމަކީ އަޅުގަނޑު ހަވާލުވިއިރު ކުންފުނި 275 މިލިއަނުން ދަރަނިވެރިވެފައި އޮތުން. ބޭނުންވާ ސްޕީޑުގައި ކުންފުނި ހިންގުމަށް ދަތިތަކެއް އެބަހުރި ދަރަނިވެރިވުމުން”.
” ހެނދުނުން ފެށިގެން ރޭގަނޑު 12 ޖަހަންދެން ވޭތުވެދިޔަ 4 މަސްދުވަހު ޕީއެސްއެމްގައި މަސައްކަތް މިކުރީ އޮންކޯލުގައި ހުރެ. ޒިންމާ ވަރަށް ބޮޑު. އެކަމަކު ކުރެވޭ މަސައްކަތާއިމެދު ހިތްހަމަޖެހޭ”.
ޒީނާގެ ކާމިޔާބީގެ ދަތުރުގައި ބައިވެރިވި، އަދި ފާހަގަކޮށްލަން ބޭނުންވާ ފަރާތްތަކަކީ ކޮބާ؟
“އަޅުގަނޑުގެ ކުރިއެރުމަށް އެންމެ ބޮޑަށް އެހީތެރިވެދެނީ ފިރިމީހާ. ދެން މަންމަ އާއި އާއިލާގެ ބައެއް މެންބަރުން. މިއަދު މިހިސާބަށް އައުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އަދި އެކުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން”.
“އަޅުގަނޑު އިރާދަކުރެއްވިއްޔާ ދެމިހުންނާނީ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި. އަދި އަޅުގަނޑާއި ޕީއެސްއެމްގެ ޓީމުން މަސައްކަތް ކުރާނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންތެރި މައުލޫމާތުތައް ގެނެސްދިނުމަށް. މިފުރުސަތުގައި ޕީއެސްއެމްގެ މުވައްޒަފުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަން”.