މިއީ ރުޙްސާ އެވެ. ލޯބިންނަމަ “ތޫތަ” އެވެ. ކެއްކުމަށް ހާއްސަ ލޯތްބެއް ހިތުގައި އޮންނަ ތޫތަގެ އެންމެ ހާއްސަކަމަކީ “ފޮނިތޮށި” ޕޭޖެވެ. އެހެންނަމަވެސް ތޫތަގެ ތައާރަފް “ފޮނިތޮށި” ޕޭޖާއި ހިސާބުން ނިންމާލެވޭކަށް ނެތެވެ. ތޫތަ ކައްކަނީ ހަމައެކަނި އާމްދަނީ ހޯދުމަކަށް ނޫނެވެ. އެހެންނަމަވެސް އެކަމުގެ ތައުލީމާއި ތަޖުރިބާއަކީ ތޫތަގެ ރެސިޕީތަކުގެ ފަހަތުގައި ފޮރުވިފައިވާ އެންމެ ބޮޑު އެއް ސިއްރެވެ.
އެހެން މީހުން ހަދަން ޖެހިލުންވާ އެކަމަކު ސިއްހަތަށް ފައިދާހުރި ކާނާ ތައްޔާރުކުރުމަށް ޝައުގުވެރިކަން ހުންނަ ތޫތަ ވަނީ ހޮޓް ކިޗަން، އަދި ޕޭސްޓްރީ ޝެފްކަން ކިޔަވާފައެވެ. ހަމައެހެންމެ މިހާރުތޫތަ ގެންދަނީ ގޭގައި އިނދެގެން ފުލްޓައިމް މަންމައެއްގެ ރޯލުގެއިތުރުން “ފޮނިތޮށި” ޕޭޖުވެސް ހިންގަމުންނެވެ.
“ފޮނިތޮށި” ޕޭޖު ހުޅުވާލައި ސްކްރޯލް ކުރަން ފަށާއިރަށް އެންމެ ފުރަތަމަ ވެސް އަޅައިގަންނާނީ އެކި ކުލަތަކުގެ މެކަރޫންސްތަކުގައެވެ. އެއީ ތޫތަގެ އެންމެ ހާއްސަ އަދި އެންމެ މަގުބޫލު އެއް ޕްރޮޑަކްޓެވެ. މީގެއިތުން ކޮމްބޫޗާ އަދި ސަވަރޑޯއަށްވެސް ތޫތަގެ ހުންނަ ޝައުގުވެރިކަން ކުޑައެއް ނޫނެވެ
ފޮނިތޮށި.އެމްވީ” މިއީ ކިހިނެތް ކިޔުނު ނަމެއް؟
“ފޮނިތޮށި” އެނަން ހިޔާރުކުރީ، އެއީ އަހަރެންނަކީ ހޮޓް ކިޗަން އަދި ޕެސްޓްރީ ތައްޔާރުކުރާ މީހަކަށްވެފައި، ފޮނިތޮއްޓަކީ “ފޮނި” އަދި “ކުޅި” އެއްޗިސް ކެއްކުމުގައި ބޭނުންކުރާ “ސްޕައިސް”އަކަށް ވީމަ.
ބޭކިންއަށް ޝައުގުވެރިކަން އުފެދުނީ ކިހިނެތްތޯ؟ އަދި “ފޮނިތޮށި” ޕޭޖް ހެދުމުގެ ހިޔާލު އައީ ކިހިނެތް؟
“ފޮނިތޮށި އެމްވީ” އުފެދުނު ގޮތަކީ ހޮޓެލް ސްކޫލް ދުވަސްވަރު ކިޔެވިއިރު ވަރަށް ގިނަ އެސައިމެންޓަށް އަޕްލޯޑްކުރަން ވަރަށް ގިނަ ފޮޓޯ ނަގަންޖެހޭ. ކުލާހުގައި ތައްޔާރުކުރާ ކާ އެއްޗެހި އަޕްލޯޑުކޮށް ރެސިޕީ ޝެއާކުރަން ހެދި ޕޭޖެއް އަސްލު އެއީ. ބިޒްނަސް އަކަށް ވެގެން ދިޔައީ މީހުންގެ ތަރުހީބު ލިބި، އެ ކާނާ އޯޑަރަށް ތައްޔާރުކުރަން އޯޑަރތައް ލިބެން ފެށުމުން.
ބޭކް ކުރަން ޝައުގުވެރިކަން އުފެދުނީ ކިޔަވަން އުޅުނު ދުވަސްވަރު ސްޓްރެސް ފިލުވާލުމުގެ ގޮތުން. ދެން އޭރު ތައްޔާރުކުރި ކާ އެއްޗެހި ޝެއާކޮށް ކަމުދާތީ އިތުރަށް ޕްރެކްޓިސް ކުރަން ފެށީ.
ޕޭސްޓްރީގެ އިތުރުން އެހެން ބާވަތެއް ކެއްކުމަށް ޝައުގުވެރިކަން ހުރޭތަ؟
ޕޭސްޓްރީގެ އިތުރުން ހުރިހާ އެއްޗެއް ކައްކަންވެސް ޝައުގުވެރިކަން ހުރޭ. އެގޮތުން އެކި ކަހަލަ ޕާސްތާ، ކުސްކަސް، ބަތް ބޭނުންކޮށްގެން އެކި ކަހަލަ އެއްޗެހި ހަދަން. އޭގެ އިތުރުން އެކި ކަހަލަ ޕާން އަދި ކޮމްބޫޗާ ކިޔާ ބުއިމެއްވެސް ތައްޔާރުކުރަން.
ޕްރޮފެޝަނަލް ބޭކަރ އަކަށްވުމަށް އިންސްޕަޔަރވީ ކިހިނެތް؟
ޕްރޮފެޝަނަލް ބޭކަރއަކަށް ވާން އިންސްޕަޔަރވީ އެކި އޮންލައިން ރެސިޕީތައް ބޭނުން ކުރުމަށްފަހު. ދެން ބޭނުންވީ ޝެފެއް ކައިރިއަށް ގޮއްސަ ރަނގަޅަށް ކެއްކުމުގެ އެކި ޓެކްނީކްސް ދަސް ކުރަން. އެހެންވެ ހޮޓެލް ސްކޫލަށް ޖޮއިން ކުރީ.
މިހާތަނަށް އެންމެ ބޮޑު ތަރުހީބެއް ލިބުނީ ކޮން އައިޓަމް އަކަށް؟
މިހާތަނަށް އެންމެ ބޮޑު ތަރުހީބެއް ލިބުނީ އެކި ފްލެވާސްތަކުގެ މެކަރޫންސްއަށް. އަދި ސަވަރޑޯއަށްވެސް ދަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން.
ޕޭޖްގެ މަސައްކަތްތައް ރާވާލަނީ ކިހިނެއް؟ ކިހާ ވަގުތެއް ހޭދަވާ މަސައްކަތެއް މިއީ؟
ޕޭޖްގެ މަސައްކަތް އެކި ދުވަސްކޮޅު ހުންނާނީ އެކިގޮތަށް. އޯޑަރު ލިބޭ ވަރަކަށް ގިނައިން އޯޑަރު ނަގަމުންދާނީ. ދެން އެހާ އޯޑަރު ނުހުންނަ ދުވަސް ދުވަހު “އަޕް ފޯ ގްރެބްސް” އަށް އެކި އެއްޗެހި ހަދާލާފަ ޕޭޖަށް ލީމަ ހުރިހާ އެއްޗެއްވެސް ވިކޭ ٱلْحَمْدُ لِلَّٰهِ. މާގިނަ އޯޑަރެއް ނުނަގަން. ސަބަބަކީ އަދި އެކަނި މަސައްކަތް ކުރާތީ. ބޭނުންވޭ އޯޑަރުތަކަށް ސަމާލުކަންދީގެން ވަގުތު ނަގައިގެން ރަނގަޅަށް ތައްޔާރުކުރަން. އަދި ގޭގައި މަސައްކަތް ކުރާތީ ދަރިންނާއެކީ ވަގުތު ހޭދަކުރަމުންވެސް ބޭކް ކުރެވޭ.
މި މަސައްކަތުން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ކޮބާ؟ އަދި މަސައްކަތް އިތުރަށް ފުޅާކުރަން ވިސްނަންތަ؟
އަހަރެން ޤަބޫލުކުރާގޮތުގައި މި މަސައްކަތުން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ މީހުން މި ޕޭޖު ބަލައިގަތުން. އަދި މި ޕޭޖުން ހަދާ ހުރިހާ އެއްޗަކީވެސް އެންމެ ރަނގަޅު ތަކެތި ބޭނުންކޮށްގެން ސާފުތާހިރުކޮށް ހަދާ ކާނާކަން ދެނެގަންނާތީވެ.
“މަސައްކަތް އިތުރަށް ފުޅާކުރުމުގެ ވިސްނުން އެބަހުރި.”
މިފަދަ މަސައްކަތެއް ކުރަން ބޭނުންވާ އެހެން މީހުންނަށް ކީކޭ ބުނެލާނީ؟
މިފަދަ މަސައްކަތެއްކުރަން ބޭނުންވާ މީހަކަށް ބުނެލަން އޮތީ މީ އަސްލު ވަރަށް ބުރަ މަސައްކަތެކޭ. ރަނގަޅަށް ޓްރެއިންވެ ހުރެ މިކަހަލަ ކަމެއް ފަށަން ނިންމައްޗޭ. އެ ހަދާ އެއްޗަކީ މާކެޓްގަ އެންމެ ކޮލިޓީ ރަނގަޅު އެއްޗަކަށް ހެދުމަށް މަސައްކަތްކުރުމަށް. އަދި ހަމައެކަނި ތިމާގެ ކޮމްޕެޓިޝަން އަކީ ތިމާ މީހާކަން ދެނެގަތުން. އަބަދުވެސް އިއްޔެއަށް ވުރެ ދެން ޖެހިގެން އޮތް ދުވަހު ރަނގަޅަށް މަސައްކަތް ކުރުމަށް.