- Advertisement -ad image

ތުއްތު ޔުމާން، ހިނގޭނެ ކަމުގެ އުއްމީދުގައި! ބޭނުންވަނީ ދީލަތި އެހީއެއް!

ad image

ގުޅުންހުރި ލިޔުންތައް

ކޮންމެ ކުއްޖެއްވެސް ދުނިޔެއަށް އުފަންވާ ދުވަހުން ފެށިގެން މައިންބަފައިން އެ ކުއްޖާ އާއި މެދުގައި އެތައް އުއްމީދެއް ކުރެއެވެ. އިނގިލި ކުރީގައި ހިފައިގެން ހިނގާލއި، އެކުގައި ކުޅެލާ، ދަރިފުޅު ހެޔޮލަފާ ރަނގަޅު ކުއްޖަކަށް ހެދުމުގެ ހުވަފެން ދެކެއެވެ. އުމުރުން 4 އަހަރުގެ ތުއްތު ޔުމާން ބިން އަލީ ޝަފްރާޒްގެ މައިންބަފައިން ދެކެމުންދާ އެންމެ ބޮޑު ހުވަފެނަކީ ދަރިފުޅު އަމިއްލަ ދެފައި މައްޗަށް ތެދުވެ ހިނގައިގަނެވޭނެ ދުވަހެކެވެ.

ޔުމާންގެ 4 އަހަރުވީ މި ދަތުރު ފެށުނީ އުމުރުން އެންމެ 20 ދުވަހުގަ އެވެ. ދުވަސްނުފުރާ އުފަންވުމުގެ ސަބަބުން ޔުމާންގެ ހަށިގަނޑު އެހެން ކުދިންގެ ހަށިގަނޑާއި އެތައް ގޮތަކުން ތަފާތެވެ. ޔުމާން އުފަންވީ ވެސް ހިތުގެ ބައްޔާ އެކުގަ އެވެ.

އުމުރުން 20 ދުވަހުގައި އިންޑިޔާއަށް ގެންގޮސްގެން ހެދި ޓެސްޓްތަކުން ދުވަސްނުފުރާ ވިހެއުމުގެ ސަބަބުން ޔުމާންއަށް ލޮލުގެ މައްސަލަ ހުރިކަން ވެސް ދެނެގަނެވުނެވެ. އަދި ޔުމާންއަށް އިންޑިޔާގައި މެދުނުކެނޑި 5 މަސްވަންދެން ބޭސްފަރުވާކުރި އެވެ.

ތުއްތު ޔުމާންގެ ފަރާތުން އާދަޔާ ހިލަާފު އިތުރު ކަންތަކެއް ފާހަގަވީ ޔުމާންގެ އުމުރުން 8 މަހުގަ އެވެ. އެހެންކުދިން ހެދިބޮޑުވާއިރު ހެލިފެލިވެ ނޫޅޭކަން ފާހަގަ ވިއެވެ.ޔުމާން މަންމަ ޝަފާ އަހުމަދު ބުނިގޮތުން ޔުމާންގެ ކަނދުރާ ހަރުލީވެސް 8 މަހުގައެވެ.

މި މުއްދަތުގައި ޔުމާންގެ މައިންބަފައިން ރާއްޖެއިން ޔުމާން ޑޮކްޓަރަށް ދެއްކިއެވެ. އަދު އޭގެފަހުން އިންޑިޔާއަށް ގޮސް ދެއްކުމުން ހެދި އެމްއާރްއައި އިން ޔުމާން ސްޕާސްޓިކް ޑައިޕްލެޖިކް ކެރިބްރަލް ޕަލްސީއަށް ޑައިގްނޯސް ވިއެވެ. މީގެ ސަބަބުން ޔުމާން ހަށިގަނޑުގެ މަސްތައް ހަރުވެ، އަތް ފައި ފަދަ ގުނަވަންތައް ދަމާލުމަށް ދަތިވެއެވެ. މި އެމްއާރުއައި އިންވެސް ޔުމާންގެ ސިނކުޑީގެ ސެލްތައް ހަލާކުވަމުންދާކަން ވަނީ ދެނެގަނެވިފަ އެވެ. އޭގެ ސަބަބުން ޔުމާންގެ ވާތްފަޅިއަށް ހުރީ އޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.

ޔުމާންއަށް ހިނގައިގަތުމަށް އެހީތެރިވުމަށްޓަކައި އާއިލާއިން މިހާރުކުރަމުންދަނީ ސްޓެމް ސެލް ބަދަލު ކުރުމުގެ މަސައްކަތެވެ. މި ޓްރަޔަލްގެ ފުރަތަމަ ބުރަށް ޔުމާންގެ އާއިލާއިން އިންޑިޔާއަށް ދިއުމަށް އެންސްޕާއިން 500 ޑޮލަރު އަދި ޔުމާން އާއި އެހީތެރިޔާގެ ޓިކެޓް ދީފައި ވެއެވެ. ނަމަވެސް މި މުޅި މަރްހަލާއަށް ޖުމްލަ 13،900 ޑޮަލަރު ހޭދަވި ކަމަށް ޔުމާންގެ މަންމަ ވަނީ ބުނެފަ އެވެ. ސްޓެސް ސެލް ޓްރަޔަލް ގެ ފުރަތަމަ ބުރު ޔުމާން މަންމަމެން ނިންމާލީ ހެޔޮއެދޭ އެތައް ބަޔަކާއި ޔުމާންގެ އާއިލާގެ އެހީތެރިކަމާ އެކުގައ އެވެ.

ޔުމާން މަންމަ ބުނިގޮތުގައި ފުރަތަމަ ބުރުން މިހާރުވެސް އެދެވޭ ނަތީޖާއެއް ފެންނަމުންދާ ކަމަށެވެ. އެގޮތުން މިހާރު ކަކޫ މައްޗަށް ކޮޅަށް ހުރެވޭކަމަށް ވަނީ ބުނެފަ އެވެ. މި ޓްރަޔަލްގެ ދެވަނަ ބުރަށް 6 މަސްފަހުން އިންޑިޔާއަށް ދިއުމަށް ޑޮކްޓަރުން ވަނީ އަންގާފަ އެވެ. ނަމަވެސް ހަމަ ކުރިން ހަރަދުވި ވަރު ވާނޭކަމަށް ޔުމާންގެ މަންމަ ވަނީ ބުނެފަ އެވެ.

އެ މަންމަގެ މިހާރު އެންމެ ބޮޑު އުއްމީދަކީ ޔުމާން އަމިއްލަ ދެފައި މައްޗަށް ކޮޅަށް ހުރެވޭނެ ދުވަހެއް ދެކުމެވެ. ތުއްތު ޔުމާންއަށް އަމިއްލަ ދެފައި މައްޗަށް ތެދުވުމަށް ބޭނުންވަނީ ތިޔަ އެންމެންގެ އެހީއެވެ.

ތުއްތު ޔުމާންގެ މި ދަތުރުގައި ބައިވެރި އެހީވާން ބޭނުންވާ ބޭފުޅުން އެހީފޮނުވާނީ 7730000021783
Shafa Ahmed އަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 9846919 ގުޅުމަށް އާއިލާއިން ވަނީ އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ