އައިމީ ސީ ރެސްޓޯރަންޓްގެ އެތެރެއަށް ވަދެގެން ދިޔައިރު ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ ކައިރިން ފެންނަން ހުރި ހިނިތުންވުމަށެވެ. ހިތްހެޔޮ މަޑުމައިތިރި މިޒާޖެއްގެ އައމިނަތު ސީމާއަކީ މިހާރު އެންމެންނަށް ފެންނަ އައިމީ ސީ ރެސްޓޯރަންޓްގެ ބާނީ އެވެ.
ގޭގެ ފެންޑާއިން ސީމާ ފެށި މި ދަތުރަކީ ހަގީގަތުވެސް ބުރަ އަދި ދިގު ދަތުރެކެވެ. މިއަދު އަމިއްލަ ވިޔަފާރީގެ ފަހަތުގައި ހުއްޓަސް އެތަނުގައި ތައްޔާރުކުރާ ކޮންމެ ކެއުމެއް އަދި ބުއިމެއްވެސް ކަސްޓަމަރުންނާއި ހަމަޔަށް ދާނީ ސީދާ ސީމާގެ ބެލުމުގެ ދަށުންނެވެ.
“އައިމީ ސީ” މި ނަމަކީ ސީމާ އޭރު ބޭނުންކުރި ފޭސްބުކް އައިޑީގައި އިންނަ ނަމެވެ. އައިމިނަތު ސީމާ ކުރުކޮށްލާފައި “އައިމީ ސީ” ފޭސްބުކްގައި ބޭނުންކުރަން ފެށިގޮތަށް މިހާރު އެނަން ވެފައިވަނީ ރާއްޖޭގައި ފާހަގަކޮށްލެވޭ މަޤްބޫލު އެއް ނަމަށެވެ.
ސީމާ ބުނިގޮތުގައި ހެދިކާ އަދި ޕޭސްޓްރީގެ މަސައްކަތް ފެށުނީ ފިރިމީހާއަށް މާލީގޮތުން އެހީވުމަށް ނުހަނު ބޭނުންވެފައި ހުރި ދުވަސްކޮޅެއްގަ އެވެ. އަބަދުވެސް ސީމާގެ ކެއުންތައް މީރުވެގެން އެންމެން އުޅުނު ނަމަވެސް ހަގީގަތަކީ ފުރަތަމަ ކައިވެނި ކުރިއިރު ސީމާއަށް ކެއްކުމުގެ އުކުޅުތައް މާބޮޑަށް ނޭނގޭ ކަމެވެ. އެހެންކަމުން ފިރިމީހާގެ ސުފުރާ ތަނަވަސްކޮށްދިނުމަށްޓަކައި ސީމާ އެކި ގޮތްގޮތުން ކައްކަން ދަސްކުރަން ފެށިއެވެ. ދުވަސްކޮޅެއްގެތެރޭގައި ސީމާގެ ކެއްކުންތައް އާއިލާ އާއި ރަހުމަތްތެރިންގެ މެދުގައި މާބޮޑަށްވެސް މަޤްބޫލު ވާންފެށި އެވެ.
މި މަސައްކަތުގެ ތެރެއަށް ސީމާއަށް ވަދެވުނީ ރަހްމަތްތެރިއަކު ޕާޓީއަކަށް ކާއެއްޗެހި ތައްޔާރުކޮށްދޭން އެދުނު ހިސާބުންނެވެ. އަމިއްލަ މަސައްކަތެއް ފަށަން ބޭނުންވެފައިހުރި ސީމާއަށް މިކަންވީ ރަނުގެ ފުރުސަތަކަށެވެ.
ސީމާ ބުނިގޮތުގައި ހަގީގަތުގައި ފުރަތަމަ މި މަސައްކަތް ފަށާކަށް ގޭތެރެއިން މާބޮޑު ސަޕޯޓެއް ނުލިބުނެވެ. ނަމަވެސް އެ ހުރިހާ ވާހަކައެއްވެސް ސީމާ ނެގީ ވަރަށް ޕޮޒިޓިވް ކޮށެވެ. ނަތީޖާއެއްގެ ގޮތުން ސީމާއަށް ދެވަނަ އޯޑަރު ވެސް ލިބުނެވެ. އަދި ދުވަސްޥާ ވަރަކަށް ލިބެމުން ދިޔަ އޯޑަރުތައް ގިނަވި އެވެ.
އޭރު މި މަސައްކަތް ކުރަމުން ދިޔައީ ސީމާމެން ދިރިއުޅޭ ގޭގެ ފެންޑާގަ އެވެ. ކައިރީގައި ފިރިމީހާ އަދި ދަރިންވެސް މަސައްކަތުގައި އެހީވަމުން ދެއެވެ. ސީމާއަށް އޭރު ބޮޑެތި ރެސްޓޯރަންޓްތަކުން ވެސް ދިޔައީ ހެދިކާއަދި ޕޭސްޓްރީއަށް އޯޑަރުދެމުންނެވެ.
“ބައެއްފަހު އެއް އައިޓަމުން އެކަނިވެސް 300-400 ވަރަކަށް އޯޑަރު އާދޭ” ސީމާ
ސީމާގެ މި މަސައްކަތް ފުޅާވިއިރުގައި ގާތުން، މަސައްކަތް ދަސްކުރުމަށްވެސް އެތައް ބަޔަކު ދިޔައީ އެދެމުންނެވެ. އެހެންކަމުން ގޭގެ ފެންޑާގައި ސީމާ ޕޭސްޓްރީ ކްލާސްތައް ހިންގަން ފެށިއެވެ. އެހާ ހިސާބުން އޯޑަރަށް ހެދިކާ ހަދައިދިނުން ހުއްޓާލުމަށްފަހުގައި ކްލާސްތައް ނަގައިދޭން ފެށިއެވެ. މި ކްލާސްތަކަށް ވަނީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.
ސީމާ ބުނިގޮތުގައި މި ކްލާސްތަކަށް މީހުންގެ ސަޕޯޓް އޮންނަވަރުން، އެއް ބެޗް ނިމޭއިރު އަނެއް ބެޗް އޮންނަނީ ފެށެން ތައްޔާރު ވެފައެވެ. ސީމާ ވަނީ އަތޮޅުތެރޭގައި ވެސް ޕޭސްޓްރީގެ ގިނަ ކްލާސްތަކެއް ހިންގާފަ އެވެ.
ސީމާގެ ޕެސްޓްރީ ކްލާސްތައް ހުއްޓުނީ ކޮވިޑްގެ ސަބަބުންނެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ސީމާގެ މަސައްކަތެއް ނުހުއްޓެ އެވެ. ކޮވިޑްގެ ދަތި ދުވަސްކޮޅުގައި ސީމާ ވަނީ އާއިލާއާއެކުގައި ކާއެއްޗެހި ތައްޔާރުކޮށް ޑެލިވަރީ ވެސް ކޮށްފައެވެ، މިކަމަށްވެސް އޭރު ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.
ގޭގެ ފެންޑާއިން މި މަސައްކަތް ފެށި ސީމާ މިހާރުވަނީ ރާއްޖޭގެ ރެސްޓޯރަންޓް ވިޔަފާރީގައި ފައިތިލަ ސާބިތުކޮށްފަ އެވެ. ސީމާގެ އަމިއްލަ ރެސްޓޯރަންޓް އައިމީ ސީ އަކީ މިހާރު ކުރާ އެންމެ ބޮޑު ވިޔަފާރި އެވެ. ހާއްސަކޮށް އައިމީ ސީ ސްޕެޝަލް ޓާކޯސް އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކެއުމެކެވެ.
ޓާކޯސްއަކީ މެކްސިކަން ކެއުމެއް ނަމަވެސް، އައިމީ ސީއިން ތައްޔާރުކުރާ ޓާކޯސް ތައްޔާރުކޮށްފައިވަނީ ސީމާގެ އަމިއްލަ ރެސިޕީ އަކަށެވެ.
މީގެއިތުރުން ވެސް ސީމާ ދަނީ ސަބްމެރިން ސޯސް ފަދަ ގިނަ ސޯސްތައް ވެސް ތައްޔާރު ކުރަމުންނެވެ. ސީމާ ބުނިގޮތުގައި މި ހުރިހާ ސޯސްއެއް ވެސް ތައްޔާރުކޮށްފައިވާނީ ކެމިކަލް ފްރީ އަދި ރާއްޖެއިން އާއްމުކޮށް ލިބޭ ބާވަތްތައް ބޭނުންކޮށްގެންނެވެ.
“އަޅުގަނޑު ރަހަ ބަލާ ޓެސްޓްކޮށްފައި ނޫނީ އެއްވެސް ސޯސްއެއް މާކެޓަކަށް ނުނެރެން” ސީމާ
ސީމާގެ ފަހަތުގައި އެންމެ ބޮޑަށް އެހީވާން ތިބީ ސީމާގެ އާއިލާ އެވެ. ސީމާ ބުނިގޮތުގައި މިއަދު މި ހިސާބަށް އާދެވުނީވެސް އާޢިލާގެ އެހީތެރިކަމުންނެވެ.