ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށީއްސުރެ އަބަދުވެސް އިވެނީ އެއް ވާހަކައެކެވެ. އެތަނުގެ ކުލީގެ ވާހަކައެވެ. ގަބޫލުކުރަމެވެ. ރައީސް ޔާމީންގެ ދައުރުގައި ހިޔާ ފްލެޓްވެރިންގެ އަތުން ނަގަން ހަމަޖައްސާފައިވަނީ ކުޑަ ކުއްޔެކެވެ. އޭގެ ބަދަލުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފްލެޓްވެރިންގެ އަތުން ނަގަން ހަމަޖައްސާފައިވަނީ 8500 ރުފިޔާގެ ކުއްޔެކެވެ. މިއީ ކުރީގެ ސަރުކާރުން ނަގަން ހަމަޖައްސާފައިވާ ކުއްޔަށްވުރެ 3000 ރުފިޔާގެ ބޮޑު ކުއްޔެކެވެ. ކުލި ކުޑަ ކުރަން ޑިމާންޑްކުރުން މައްސަލައެއްނެތެވެ.
ދައްކަން މިއުޅެނީ ހިޔާގައި ދިރިއުޅޭ ފްލެޓްވެރިން ކުލި ދެއްކުން ފަސްކުރުމަށް ކުރަމުންދާ ޑިމާންޑްގެ ވާހަކައެވެ.
“އަހަރުމެންވެސް އުޅެނީ ކުލި ދައްކައިގެން. އެބަޖަހޭ ދޯ ގަބޫލުކުރަން ދިރިއުޅެން ޖެހެނީ ހަމައެކަނި ހިޔާގައި އުޅޭ މީހުން ނޫންކަންވެސް.” މިއީ ސޯޝަލް މީޑިއާގައި މީހަކު ފާޅުކޮށްފައިވާ ޝުއޫރެކެވެ. ތެދެއްތާއެވެ. މާލޭގައި ބޮޑު ކުލި ދީގެން ކިރިޔާ އަތާ އަނގައާއި ދިމާވާ ހާލު އުޅެމުންދަނީ ކިތައް އާއިލާތޯއެވެ. ބަލަ ތި ފްލެޓްލިބުނު ކަމަށްޓަކައިވެސް ޝުކުރު ކުރަންވެއްޖެ ނޫން ހެއްޔެވެ. މިހާރުވެސް ހަ މަސް ދުވަހު ކުލި ނުދައްކާ އުޅުމުގެ ފުރުސަތު ދީފި ނޫންތޯއެވެ.
ފްލެޓާއި ހަވާލުވުމުގެ ގޮތުން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ދީގެން ފްލެޓްވެރިން ސޮއިކުރި އެގްރީމަންޓްގައި އެއްބަސްވެފައިވާގޮތުން މަހުން މަހަށް ގަވައިދުން ފްލެޓަށް ކުލި ދައްކަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. އެހެންކަމުން އަސްލު މިވާހަކަ ދެއްކޭނެ ޖާގައެއްވެސް ނެތެއްނޫންތޯއެވެ. ނޫނީ ފްލެޓްގެ ބޭނުމުގައި އެގްރީމަންޓްގައި ލިޔެފައިވާ އެއްޗެއް ކިއުމަށްވެސް ފްލެޓްވެރިން އޭރު ހަނދާންނެތުނީ ތޯ މިއީވެސް އަޅުގަނޑު ހިތަށް އަރާ ސުވާލެކެވެ.
ކޮންމެއަކަސް މިވާހަކަދައްކަން އެބަޖެހެއެވެ. ވެރިކަމުގައި ކޮންމެ ސަރުކާރެއް އޮތްކަމުގައި ވިއަސް ހިލޭ ސާބަހަށް މިކަންކަން ކޮށްދިނުމަކީ ކޮން ދައުލަތަކަށް ކުޅަދާނަވާނެ ކަމެއްތޯއެވެ. އެހެންވީމާ ލިބޭ މިންވަރަށް ޝުކުރު ކުރުމަކީވެސް އަހަރުމެން ދަންނަންވެއްޖެ ކަމެއް ނޫން ހެއްޔެވެ؟