- Advertisement -ad image

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ ގޯނާތައް! ވިސްނާނުލައިފިނަމަ ޖީލެއް ހަލާކުގެ ތެރެއަށް!

ad image

ގުޅުންހުރި ލިޔުންތައް

ކުޑަކުދިންނަށް ކުރާ ތަފާތު ވައްތަރުގެ ގޯނާތަކަކީ އެއްވެސް ހާލެއްގައި އެކަމަށް ކެތްކުރަން ނުވަތަ އެކަމެއް ސިއްރުކޮށްގެން ވާނެ ކަމެއް ނޫނެވެ. ކުޑަކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ކޮންމެވެސް ވައްތަރެއްގެ ގޯނާއެއް ލިބި، އެފަދަ އުދަނގުލެއް ތަހައްމަލު ކުރަންޖެހިފައިވާ ބައެކެވެ. މިފަދައިން ގޯނާލިބޭ ގިނަ ކުދިންނަކީ އެކަންތައް ސިއްރު ކުރާ ކުދިންނެވެ. އެއީ ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ ގޯނާ ކަމަށްވިއަސްމެއެވެ. ގިނަ ފަހަރަށް މިފަދަ ކުއްޖަކަށް ގޯނާ ލިބެމުންދަނީ ގޭ މީހެއްގެ ފަރާތުން ނުވަތަ ސުކޫލުން ނޫނީ އާއިލާ އެންމެންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަރާތަކުންކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުއަށް ބަލާލި ކަމުގައިވިއަސް މިއަދު މިވަނީ ކުޑަކުދިންނަށް ލިބޭ އަނިޔާތައް އެތައް ގުނައަކަށް އިތުރުވެފައެވެ. އަދި ހާއްސަކޮށް ކުޑަކުދިންނަށް ލިބޭ ޖިންސީ ގޯނާގެ ވާހަކަތައް މިވަނީ ވަރަށް އަޑު ގަދަކޮށް ދެކެވެން ފަށާފައެވެ. މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީގެ މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމަހުވެސް ވަނީ ޖިންސީ ހާނިއްކައިގެ އެކަނިވެސް 23 މައްސަލަ ހުށަހަޅާފައެވެ. މީގެ އިތުރުންވެސް ފިޒިކަލް އެބިއުސްގެ އެކަނިވެސް 16 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ގިނަ ފަހަރަށް މިފަދަ އަނިޔާތަކާއި ކުރިމަތިލާންޖެހެނީ އަންހެންކުދިންނަށް ކަމުގައިވިއަސް މަދުން ނަމަވެސް ފިރިހެންކުދިންނަކީވެސް މިފަދަ ވޭނާއި ކުރިމަތިލާންޖެހިފައިވާ ބަޔަކަށް ވުމަކީ މިއަދު ހިތާމަކުރަންޖެހޭ ކަމެކެވެ. މިކަންތައްތައް މިހާހިސާބަށް އައުމަށް މެދުވެރިވެފައިވަނީ ދިވެހި މުޖުތަމައުގެ ތެރޭގައި އޮތް ނުރަނގަޅު އާދައަކުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިކަންތައް ފެށިގެން އަންނަނީ ގޭތެރެއިން ކަމަށްވެފައި އާއިލާގެ އިއްޒަތާއި ގަދަރަށްޓަކައި އެކަން ސިއްރު ކުރުމުގެ ނަތީޖާއަކަށްވެފައިވަނީ މިކުށަށް އެއްވެސް ބިރެއްނެތި އަރައިގަންނަ މީހުން ގިނަވަމުން ދިއުމެވެ. އަދި ތުއްތު އިރު އެތައް ކުދިންގެ މުޅިން ދިރިއުޅުން ހަލާކުވެގެން ދިއުމުވެ.

ސުވާލަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެކުއްޖާގެ މުސްތަގުބަލް ހަލާކުކުރާ މީހުންގެ ދިފާއުގައާއި އާއިލާގެ ގަދަރަށްޓަކައި އެކަން ސިއްރުކުރަން އުޅޭ މީހުންނާއި ދެކޮޅަށް އެޅޭނެ ފިޔަވަޅެއް ހަމަ ނޯންނަނީބާއެ؟ މަންމަ އަކީ ނުވަތަ ބައްޕައަކީ އެކުއްޖާ ރައްކާތެރިކޮށް ބަލަހައްޓަން ތިބޭ ފަރާތްތަކަށްވެފައި އެ މަންމަ ނުވަތަ ބައްޕަގެ ފުށުން ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކުއްޖާއަށް ނުލިބުމުން އެކުއްޖާއަށް ދެން ރައްކާތެރިކަން ލިބޭނެ އިތުރު ހިޔާވެއްސެއް ނުލިބި އެއްކަލަ ގޯނާ ލިބޭ ކުއްޖާ ބިކަވެ ނުސީމަގު ހިޔާރުކޮށް މުޖުތަމައުން ބާކީވެގެންދެއެވެ.

އެހެންކަމުން މިކަމުަގައި ޒިންމާ ނަގާނެ ބަޔަކު އަދި އެބަޔަކާއި ދޭތެރޭ ފިޔަވަޅު އެޅޭނެ ގޮތް އޮތުމަކީ އެކުއްޖާއަށް ލިބޭނެ ވަރަށް ބޮޑު ރައްކާތެރިކަމަކާއި ހިމާޔަތަކަށް ވެގެންދާނެ ކަން ކަށަވަރެވެ. މިފަދަ މައްސަލަތަކުގައި މިހާރަށްވުރެ ސީރިއަސްކޮށް ރައްޔިތުންގެ މަޖިލީހާއި ފުލުހުންނާއި އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް ގުޅިގެން މަސައްކަތްކޮށް މިފަދަ ކަންކަމަށް ހައްލުހޯދައި ކުދިންނަށް އަމާންމުޖުތަމައެއް ގާއިމުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ