ލިޔުނީ: އަހުމަދު ޝަބީން
މީގެ ތިރީހަކަށް އަހަރު ކުރިން ދިވެހިރާއްޖެއާއި ބެހޭގޮތުން ”އިންޑިއާ ޓުޑޭ“ ގައި ޝާއިއުކުރި ލިޔުމެއްގައި ބުނެފައިވާ ގޮތުން, އިންޑިއާއަށް ވެސް ރާއްޖެއަކީ މުހިންމު ގައުމެކެވެ. ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ރާއްޖެ އޮންނަ ތަނުގެ ސަބަބުން ރާއްޖެއަށް ވެސް އިންޑިއާ ދަހިވެތިވެއެވެ.
”ސިއްރުސިއްރުން އިންޑިއާ ވަނީ ދިވެހިރާއްޖޭގެ ވާރުތަވެރިޔާކަމުގައި ގަބޫލުކޮށްފައެވެ. ނޮވެމްބަރު 88 ގައި އިންޑިއާއިން ފުރިހަމަ ބައްޕައެއްގެ ބައި ކުޅުނެވެ. އެހެންކަމުން މިނިވަންކަމަށް މަރުދޭ ދިވެހިންނަށް ވެސް ވަނީ އިންޑިއާއަކީ ބޮޑުބޭބެކަމުގައި ގަބޫލުކުރެވިފައެވެ. ދިވެހިރާއްޖެ މިހާރު ބަލަނީ ބޮޑުބޭބެ އޮންނަ އަތަކަށެވެ. އެކަމަކު ވެސް ބޮޑުބޭބެ ލަފާދެނީ ބޭނުންނަމައެވެ.” އެ ލިޔުމުގައި ވެއެވެ.
އިންޑިއާއާއި ރާއްޖޭގެ ގުޅުމުގެ މައްޗަށް ނަޒަރު ހިންގައި އެއްޗެއް ދަންނަވާނަމަ, މިދިޔަ 5 އަހަރުގެ ކުރިން ދެ ގައުމުގެ ގުޅުން އޮތީ ވަކި މިންގަނޑެއްގައި ހިފެހެއްޓިފައެވެ.
މިދިޔަ ފަސް އަހަރު ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ ވަކި އަތަކަށް ބުރަވެ ހުސްވެފައެވެ. އަމިއްލަ ބާރުވެރިކަމެއް ނެތެވެ.
އިގުތިސާދު އިނދަޖެހި އޮތީ އަޅުވެތިވެފައެވެ. ނަގާފައި އޮތް ދަރަނީގެ 50 ޕަސެންޓު އޮތީ އިންޑިއާއަށް ގޮސް ހުސްވެފައެވެ. ”އިންޑިއާ ޓުޑޭ“ ގައި ޝާއިއުކުރި ލިޔުމުގައިވާ ފަދައިން މިދިޔަ ސަރުކާރަށް އޮތީ އިންޑިއާއަކީ ބޮޑުބޭބެކަމުގައި ގަބޫލުކުރެވިފައެވެ. ހަކުރުންދެންޏާ ބޮޑުބޭބެއޭ ބުނާ ފަދައިންނެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ޔަގީންކޮށް ހުރިހާ ގައުމުތަކާއެކު ގާތް ގުޅުން ބޭއްވުމަށް މަސައްކަތް ފެށްޓެވިއެވެ. ގައުމު އޮތް ދުރުމިނެއް އަދި ކުޑަ މިނެއް ބޮޑުމިނެއް ނުބަލައި ބޭރު ގައުމުތަކާއެކު އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ޚާރިޖީ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ފެށްޓެވިއެވެ.
އެމަނިކުފާނު ވިދާޅުވީ ”އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން އެއްވެސް ގައުމަކާއި ދުޝްމަން ނުވާނަން” ކަމަށެވެ. އަދި ޚާރިޖީ ގޮތުން ދިމާވާ މައްސަލަތަކަށް ޑިޕްލޮމަސީގެ އުސޫލުތަކުގެ ތެރެއިން ހައްލު ހޯދައި މި ގައުމަށް ހަމަޖެހުން ގެނެސްދެއްވާނެ ކަމަށެވެ. ގައުމަށް ފައިދާވާ ގޮތަށް ޚާރިޖީ ސިޔާސަތު ބައްޓަންކޮށް އެ ގޮތުގެ މަތީން މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރެވިފައިވާ ސިޔާދަތީ ބާރު ފުރިހަމައަށް ހިނގާ އަމިއްލަ ވަންތަ ފަޚުރުވެރި ގައުމެއްގެ ގޮތުގައި މި ގައުމު ހައްދަވާނެ ކަމަށެވެ.
އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ޑިޕްލޮމަސީގެ އުސޫލުތަކުގެ ތެރެއިން އެމަނިކުފާނު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވައިލައްވައިފައެވެ. ނަމަވެސް އިންޑިއާއަކާ ހަތުރުވެރިކަމެއް ނުބާއްވައެވެ. ދެ ގައުމުގެ ގުޅުމެއް ގޯހެއް ނުވެއެވެ.
ރައީސް ޑރ.މުޢިއްޒު, މިވީ ކުރު މުއްދަތުގެ ތެރޭގައި ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވި ގޮތްތަކަށް ތައުރީފުކުރައްވައި, އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނާލްޑް ލޫ ވެސް ވިދާޅުވެފައިވަނީ އެއީ މުޅި ދެކުނު އޭޝިއާއާއި ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް މިސާލެއް ކަމަށެވެ.
ނަމަވެސް މިހާރުގެ އިދިކޮޅު ފަރާތްތަކަށް ރައީސް ޑރ.މުޢިއްޒުގެ ސިޔާސަތުތައް ބަލައެއް ނުގަނެވެއެވެ. އެހެން ގައުމުތަކާއެކު ގާތް ގުޅުމެއް އޮންނަ ތަން ބެލުމަށް ހަޖަމެއްނުވެއެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމަށާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ރައީސް ޑރ.މުޢިއްޒު ވަނީ އިންޑިއާއަށް ދަތުރުފުޅެއް ކުރައްވައިފައެވެ.
ބޮޑުވަޒީރު މޯދީގެ ޚާއްސަ ދައުވަތަކަށް ކުރެއްވި މި ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
”ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ތިޔަ ސާބިތުކޮށްދެއްވީ މަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން. ޝުކުރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު!” ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހުގައި އިންނެވި ފޮޓޯއެއް އެކްސްގައި ހިއްސާކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް މިއަދު ކުރެއްވި ޕޯސްޓެއްގައި ލިޔުއްވައިފައިވެއެވެ.
ޢަބްދުއްރަޙީމް ވިދާޅުވި ފަދައިން މި ދަތުރުފުޅުން ފެނިގެންދިޔައީ ރައީސްގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމެވެ. ބޮޑވަޒީރު މޯދީ ރައީސް ޑރ.މުޢިއްޒުއަށް ކުރެއްވި އިހުތިރާމާއި ގަދަރެވެ. ޚާއްސަ ގޮތެއްގައި ރައީސަށް އިސްކަންދެއްވި މަންޒަރެވެ.
”އިދިކޮޅުން އުންމީދުކުރީ އަދި ހިތުގެ އަޑިން އެދިގެން ތިބީ އިންޑިއާއިން ރާއްޖެއަށް ފިޔަވަޅު އަޅައި ބަނޑަށްޖެހި ގައުމު ބަނގުރޫޓު ވާށެވެ. ރައީސް މުޢިއްޒުގެ ފޮރިން ޕޮލިސީއާއި ގާބިލުކަން ހިތަށް ގެންނަން ވެސް ނޭނގި ތިއްބައި މިހާރު މިވީ ގޮތުން ތިބީ ވަަރަށް އަސަރުކޮށްފައެވެ.” ޕީޕީއެމްގެ ސެނެޓަރަކު ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި މިއަދު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުއާ ބައްދަލުކުރައްވައިފައެވެ.
މިއަދު ހެނދުނު ނިއު ދިއްލީގައި ބޭއްވި އެ ބައްދަލުވުމަށްފަހު ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދެ ގައުމު އެކުގައި ވަރަށް ގާތްކޮށް ދެން މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.