ޖަޕާނުގެ އުބާ އީޓްސްގެ ފަރާތުން ކަސްޓަމަރުންނަށް ޑެލިީވަރީކުރުމަށް ޓޯކިޔޯގެ މަގުތަކަށް ރޮބޮޓުތަކެއްް ނެރުމަށް ތައްޔާރުވެއްޖެ އެވެ.
ޖަޕާނުގެ އިންޑަސްޓްރިއަލް ޓައިޓަން މިޓްސުބިޝީ އިލެކްޓްރިކް އާއި ރޮބޮޓިކްސް ކުންފުންޏެއް ކަމަށްވާ ކާޓްކެން ގުޅިގެން އުބާ އިން ވަނީ އަންނަ މަހުން ފެށިގެން ޓޯކިޔޯގެ ބައެއް ސަރަހައްދުތަކުގައި ކާއެއްޗެހީގެ އޯޑަރު ފޯރުކޮށްދޭން ފަށާނެ އޮޓޮނޮމަސް ސައިޑްވޯކް ރޮބޮޓްތަކެއް ތައާރަފްކޮށްފަ އެވެ.
ޖަޕާނަކީ އުބާ އީޓްސް ޕްލެޓްފޯމުން އޮޓޮނޮމަސް ޑެލިވަރީ ލިބޭ ފުރަތަމަ ބައިނަލްއަގުވާމީ މާކެޓެވެ. ނަމަވެސް ޖަޕާނަކީ ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި ރޮބޮޓް ހެލްޕަރުން ގެނައުމަށް އާ ގައުމެއް ނޫނެވެ. ޖަޕާނުގެ މަޝްހޫރު ގިނަ ރެސްޓޯރެންޓް ޗެއިންތަކުގައި ހިދުމަތް ދިނުމަށް ރޮބޮޓުން ސާވާތައް ބޭނުންކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ.
ކާޓްކެންގެ މޮޑެލް ސީ ރޮބޮޓްތަކުން ކާބޯތަކެތި ޑެލިވަރީކޮށް ޓޯކިޔޯގެ ސައިޑްވޯކްތައް ނެވިގޭޓް ކުރާއިރު، މި ޕާޓްނާޝިޕްގެ ދަށުން އޮޕަރޭޝަންތައް ބަލަހައްޓާނީ މިޓްސުބިޝީ އިލެކްޓްރިކް އިންނެވެ.
ކާޓްކެންގެ މޮޑެލް ސީ ރޮބޮޓްތަކުން އެމީހުންގެ މާހައުލު ނެވިގޭޓް ކުރުމަށް އޭއައި އާއި ކޮމްޕިއުޓާ ވިޝަން ޓެކްނޮލޮޖީ ބޭނުންކުރާނެއެވެ.
މި ރޮބޮޓްތައް ފަރުމާކޮށްފައި ވަނީ ހުރަސްތަކުން ސަލާމަތްވެ، ހިނގާ މީހުންނަށް އުނދަގޫނުވާ ގޮތަށް އަދި ޓްރެފިކް ލައިޓްތަކުގައި މަޑުކުރާ ގޮތަށެވެ. މި ރޮބޮޓް ހިނގާބިނގާވެ އުޅޭ ބޮޑު މީހަކާ ގާތްގަނޑަކަށް އެއް ސްޕީޑެއްގައި ދަތުރުކުރާ އިރު، ދަތުރުފަތުރުކުރުމުގައި އެކަށީގެންވާ ފިނިހޫނުމިނުގައި ކާބޯތަކެތި ބެހެއްޓުމަށް ފަރުމާކޮށްފައިވާ ކާގޯ ބިނެއް އޭގައި ހަރުކޮށްފައި ހުރެއެވެ.
އުބާ އީޓްސް އާއި ކާޓްކެން ގުޅިގެން 2022 ވަނަ އަހަރު މިއާމީގެ ބައެއް ސަރަހައްދުތަކުގައި އޮޓޮނޮމަސް ރޮބޮޓް ޑެލިވަރީގެ ހިދުމަތް ތައާރަފްކޮށް، މިދިޔަ އަހަރު ވާޖީނިއާގެ ފެއާފެކްސްއަށް ރޮބޮޓް ޑެލިވަރީ ފުޅާކުރި އެވެ.
ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮތް ޖަޕާނުގައި އޮތީ މުސްކުޅިވެފައިވާ އާބާދީއެކެވެ. އެ ޤައުމުގައި މަސައްކަތްތެރިން މަދުވަމުންދާތާ އެތައް އަހަރެއް ވެފައިވާއިރު، ޖަޕާނުގެ ލޮޖިސްޓިކް އިންފްރާސްޓްރަކްޗަރއަށް ވެސް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ.