- Advertisement -ad image

ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމް ކުރުމަށް ސައުދީ އަރަބިއްޔާ އާއި އީރާނުން އެއްބަސްވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ޗައިނާގެ ބްރޯކަރެއްގެ ދަށުން ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުން އަލުން ފެށުމަށް ސައުދީ އަރަބިއްޔާ އާއި އީރާނުން އެއްބަސްވީ ހުކުރު ދުވަހު އެވެ.
ސައުދީ އަރަބިއްޔާ އާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ތިން ގައުމުން އިއުލާން ކުރިއިރު، އެ އެއްބަސްވުމުގައި ދެ މަސް ދުވަހުގެ ތެރޭގައި އެގައުމުގެ އެމްބަސީތަކާއި މިޝަންތައް އަލުން ހުޅުވުމުގެ އެއްބަސްވުމެއް ވެސް ހިމެނެ އެވެ. އެ އެއްބަސްވުމުގައި ދައުލަތްތަކުގެ އިސްތިގުލާލަށް އިހުތިރާމް ކުރާކަން ކަށަވަރުކޮށްދީ، ދައުލަތްތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުންވެސް ހިމެނެ އެވެ.
އަދި އެއްބަސްވުމުގައިވާ ކަންކަން ތަންފީޒުކުރުމަށާއި، ސަފީރުން އެނބުރި އައުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ދެގައުމުގެ ފޮރިން މިނިސްޓަރުން ބައްދަލުކުރުމަށް އެއްބަސްވިއެވެ.
އަދި 17 އޭޕްރީލް 2001 ގައި ދެގައުމުން ސޮއިކުރި ސަލާމަތީ އެއްބާރުލުމުގެ އެއްބަސްވުމާއި، 27 މެއި 1998 ގައި ސޮއިކުރި އިގްތިސާދާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ޓެކްނޮލޮޖީއާއި ސައިންސްއާއި ސަގާފަތާއި ކުޅިވަރާއި ޒުވާނުންގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އާންމު އެއްބަސްވުން ތަންފީޒުކުރުމަށް އެއްބަސްވިއެވެ.
ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ މާޗް މަހުގެ 6-10 އަށް ބެއިޖިންގައި ބޭއްވި މަޝްވަރާތަކަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ އިސްނެގުމަކަށް އިޖާބަދީ، ރައީސް ޝީ އާއި ޗައިނާއިން ހޯސްޓްކުރާ ސައުދީ އަރަބިއްޔާ އާއި އީރާނުގެ ލީޑަޝިޕްތަކާ ދެމެދު ވެވުނު އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ މަޝްވަރާތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ