އެފްރިކާގެ އެކި ކަންކޮޅުތަކުން އެތައް ހާސް ކުޑަކުދިންގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމަށް ލަފާކޮށް ކެމަރޫންގައި މެލޭރިއާއާ ދެކޮޅަށް ދުނިޔޭގެ ފުރަތަމަ ރޫޓިން ވެކްސިން ޕްރޮގްރާމް ފަށައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން ސިމްބޮލިކް ފުރަތަމަ ޑޯޒް ދީފައިވަނީ މިދިޔަ ހޯމަ ދުވަހު ޔައުންޑޭ ކައިރީގައި ހުންނަ ސިއްހީ މަރުކަޒެއްގައި ހުރި ޑެނިއެލާ ނަމަކަށް ކިޔާ ތުއްތު އަންހެން ކުއްޖަކަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެފްރިކާގައި އަހަރަކު ހަ ލައްކަ މީހުން މެލޭރިއާ ޖެހިގެން މަރުވެ އެވެ. އޭގެ ތެރެއިން މަދުވެގެން 80 އިންސައްތަ އަކީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނެވެ.
ކެމަރޫނުން އާރްޓީއެސް، އެސް ވެކްސިން ހިލޭ ފޯރުކޮށްދެނީ އުމުރުން ހަ މަހުން ދަށުގެ ހުރިހާ ތުއްތު ކުދިންނަށެވެ.
ބަލި މީހުންނަށް މި ވެކްސިންގެ ޖުމްލަ ހަތަރު ޑޯޒް ބޭނުންވާނެ އެވެ. ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ވެކްސިންތައް ދޭނީ ކުޑައިރުގެ އެހެން ރޫޓިން ވެކްސިންތަކާ އެއްވަގުތެއްގައި ބެލެނިވެރިންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.
ކެންޔާ، ގާނާ އަދި މަލާވީގައި ކާމިޔާބު ޕައިލެޓް ކެމްޕޭންތަކެއް މީގެކުރިން ވަނީ ހިންގާފަ އެވެ. މި ކެމްޕޭންތަކުން ވެކްސިން ޖެހި ކުދިން މަރުވާ މިންވަރު 13 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ޔުނިސެފުން ބުނެއެވެ.
އެމެރިކާގެ ސައިންސްވެރިން ބުނާ ގޮތުގައި މި ވެކްސިނަކީ މަދުވެގެން 36 އިންސައްތަ ކޭސްތަކުގައި ކާމިޔާބު ވެކްސިނެއްކަން އެނގޭ ކަމަށާއި އޭގެ މާނައަކީ ކޮންމެ ތިން މީހަކުން އެކަކުގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމަށެވެ.
ކެންޔާގެމެލޭރިއާ ކައުންސިލް ވިލިސް އަޚްވާލޭ ވިދާޅުވާ ގޮތުގައި މި ފެށި ރޯލްއައުޓަކީ ޝައްކެއްވެސް ނެތް ގޮތުގައި ލުއި އަދި ފުރާނަ ސަލާމަތްކޮށްދޭ އެއްޗެކެވެ. އަދި ޑޮކްޓަރުންނަށް މިއީ މަދިރި އާއި މެލޭރިއާ ޓެބްލެޓާއެކު މެލޭރިއާއާ ދެކޮޅަށް ކުރާ މަސައްކަތަށް އިތުރުވި މުހިންމު ވަސީލަތެކެވެ.
އިނގިރޭސިވިލާތުން އިސްނަގައިގެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މި ތިން ބާވަތް އެއްކޮށް ބޭނުންކުރުމުން ކުޑަކުދިންނަށް މެލޭރިއާއިން 90 ޕަސެންޓް ރައްކާތެރިކަން ލިބޭނެ އެވެ.
އާރްޓީއެސް، އެސް ވެކްސިން އުފެއްދުމަށް އިނގިރޭސި ވިލާތުގެ ބޭސް އުފައްދާ ކުންފުނި ޖީއެސްކޭ އިން 30 އަހަރު ވަންދެން ދިރާސާތަކެއް ކުރަން ޖެހުނެވެ.
މި ވެކްސިނަށް ހުއްދަ ދިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކެމަރޫންގައި މި ވެކްސިން ތައާރަފްކުރުމަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔާ ދެކޮޅަށް މުޅި ދުނިޔޭގައި ކުރަމުންދާ މަސައްކަތުގައި ލިބުނު ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ކޭޕް ވާޑޭ ވެފައިވަނީ ފާއިތުވި 50 އަހަރުގެ ތެރޭގައި މެލޭރިއާ ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރަސްމީކޮށް ކަނޑައެޅި އެފްރިކާގެ ފުރަތަމަ ސަބް ސަހާރާ ގައުމެވެ.
ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އެމްބަޗަމް ވިދާޅުވީ މި ވެކްސިނަށް މުޅި އުމުރު ދުވަހު ދުއާކޮށް އިންތިޒާރު ކުރި ކަމަށެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ކެމަރޫންއިން އަހަރަކު ގާތްގަނޑަކަށް ހަ މިލިއަން މެލޭރިއާ ކޭސް ރެކޯޑް ކުރާއިރު، ސިއްހީ ހިދުމަތްދޭ ތަންތަނުގައި 4،000 މީހުން މަރުވާ ކަމަށެވެ.
ބަލިތަކާއި މަރުވާ މީހުންގެ ނިސްބަތް އެންމެ ބޮޑު 42 ޑިސްޓްރިކްޓެއްގެ ހަ މަހުގެ ކުދިންނަށް އުމުރުން ދެ އަހަރު ވަންދެން ހަތަރު ޑޯޒް ދިނުމަށް ވަނީ ނިންމައިފަ އެވެ.
ދުނިޔޭގެ ވެކްސިން އެލަޔަންސް، ގާވީއިން ބުނި ގޮތުގައި އިތުރު 20 ގައުމެއްގެ އަމާޒަކީ މި އަހަރު މި ޕްރޮގްރާމް ފެށުމެވެ. އޭގެ ތެރޭގައި ބުރުކީނާ ފާސޯ، ލައިބީރިއާ، ނައިޖާ އަދި ސިއެރާ ލިއޯން ހިމެނެ އެވެ.
މިހާރުވެސް ޑޯޒްތަކަށް ބޮޑު ޑިމާންޑެއް އޮތް ނަމަވެސް 2025 ގެ ކުރިން އެލޮކޭޝަނަށް ލިބެނީ ގާތްގަނޑަކަށް 18 މިލިއަން ކަމަށް ގަވީ ވިދާޅުވި އެވެ. އެއީ ވެކްސިން އެލަޔަންސުން ހުއްދަ ހޯދަން ލަފާދީފައިވާ ގައުމުތަކަށް ބޭނުންވާ މިންވަރަށް ވުރެ މަދު އަދަދެކެވެ.
އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި ދެވަނަ ޑޯޒް – އާރް21 ގެ ރޯލްއައުޓްގެ ސަބަބުން ބޭނުންކުރަން ލިބޭ ޑޯޒްތައް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.