70 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ސައުދީ އަރަބިޔާގެ ރިޔާދްގައި ރާ ވިއްކާ ފިހާރައެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާގޮތުން މުސްލިމް ނޫން ބިދޭސީންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަކަށް ރާ ވިއްކާ ފިހާރައެއް ރިޔާޒުގައި ހުޅުވަން ފުރަތަމަ ފަހަރަަށް ވަނީ ނިންމާފައެވެ.
ޑިޕްލޮމެޓިކް ޕައުޗްގެ ނަމުގައި ބަންދުކޮށްފައިވާ ޕެކޭޖުތަކެއްގެ ގޮތުގައި މި ފިހާރައިން ރާ ވިއްކާނީ މުސްލިމު ނޫން މީހުންނަށް ކަމަށް ބުނެއެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަށް އެތަނުން ރާ ވިއްކުން ލިމިޓް ކުރާނެކަމަށް ވެސް ބުނެއެވެ.
ސައޫދީ އޮފިޝަލުން ވަނީ ފިހާރައިގެ ސަބަބުން ގަވައިދާ ހިލާފަށް ކުރާ ރަލުގެ ވިޔަފާރި ހުއްޓުވޭނެ ކަމަށް ބުނެފަ އެވެ.
ސަޢޫދީ ޢަރަބިއްޔާގައި ރާ ވިއްކުން މަނާކުރީ 1952 ވަނަ އަހަރުން ފެށިގެންނެވެ. ޤާނޫނީގޮތުން ރާ ވިއްކުން އެ ޤައުމުގައި މަނާކުރީ ރަސްގެފާނު އަބްދުލްއަޒީޒުގެ ދަރިކަލަކު މަސްތުގެ ހާލަތުގައި އިނގިރޭސި ޑިޕްލޮމެޓަކަށް ބަޑިޖަހައި މަރާލުމާ ގުޅިގެންނެވެ.
އޭއެފްޕީ އާއި ރޮއިޓާސް ނިއުސް އެޖެންސީތަކަށް ރިޕޯޓްކޮށްފައިވާ ގޮތުން އަލަށް ހުޅުވާ މި ފިހާރަ ހުންނާނީ ސިޓީ ސެންޓަރުގެ ހުޅަނގުން އޮންނަ ރިޔާޒުގެ ޑިޕްލޮމެޓިކް ކުއާޓާގަ އެވެ.
އެ ޕްލޭންތައް އެނގޭ ފަރާތަކުން ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފިހާރަ ހުޅުވޭނެ ކަމަށް ބެލެވެ އެވެ. އެހެންނަމަވެސް މުދާ ވިއްކުމުގައި ލިމިޓޭޝަންތަކެއް ހުންނާނެއެވެ.
އޭގެތެރޭގައި:
ކަރުހިއްކުން ފިލުވާލަން ބޭނުންވާ މަންދޫބުން ކުރިން ރަޖިސްޓްރީކޮށް، ސަރުކާރުގެ ކްލިއަރެންސް ހޯދަން ޖެހޭނެ
1 އަހަރުން ދަށުގެ އެއްވެސް މީހަކަށް ފިހާރައަށް ނުވަދެވޭނެ
އެތަނުގެ އެތެރޭގެ ކޮންމެ ވަގުތެއްގައި ވެސް ރަނގަޅަށް ހެދުން އަޅަން ޖެހޭނެ
ޑްރައިވަރެއް ފަދަ ޕްރޮކްސީއެއް ނުފޮނުވޭނެ
ކޮންމެ މަހަކު ވެސް ލިމިޓޭޝަންތައް ތަންފީޒު ކުރާނެ
ރަލަކީ ރިޔާޒުގެ ދިރިއުޅުމުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތަށް ނިންމާއިރު، ރާ ބޯ މީހުން އެމީހުން ރާ ބޯ ތަނަކާއި އޭގެ ފަހުން އަމަލުކުރާ ގޮތާ މެދު ވަރަށް ރަނގަޅަށް ވިސްނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ސަބަބަކީ ސައުދީގެ މިހާރުގެ ގާނޫނުގެ ދަށުން ރާ ބުއިމުން ނުވަތަ ގެންގުޅުމުން ލިބޭ އަދަބުތަކުގެ ތެރޭގައި ޖޫރިމަނާ ކުރުމާއި ޖަލު ހުކުމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަމަ ޑީޕޯޓް ކުރުން ހިމެނެ އެވެ.
އެ ލިޔުމުގައި އިތުރަށް ބުނެފައިވަނީ ޑިޕްލޮމެޓުން ވަކި މިންވަރަކަށް ރާ ގެނައުމުގެ ފުރުސަތު ވެސް ނިމުމަކަށް ގެނައުމަށް އާ ރެގިއުލޭޓަރީ ފްރޭމްވޯކެއް ކަމާބެހޭ ފަރާތްތަކުން ރާވަމުން އަންނަ ކަމަށެވެ. އަދި އޭގެ ބޭނުމަކީ އެފަދަ ތަކެތި ކޮންޓްރޯލް ނުކޮށް ބަދަލުކުރުން ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
މިއީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ޑި ފެކްޓޯ ރޫލަރ ރަސްގެފާނު މުހައްމަދު ބިން ސަލްމާންގެ ޒައާމަތުގައި ސައުދީ މުޖުތަމައަށް ލުއިދިނުމަށް “ވިޝަން 2030” ގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހުގެ ފިޔަވަޅެވެ.
ގަލްފުގެ އެހެން ގައުމުތަކުން ވެސް އެފަދަ ރަލުގެ ނިޒާމުތައް ހިންގަ އެވެ. އަދި ޔޫއޭއީ އާއި ގަތަރުން ވެސް 21 އަހަރުން މަތީގެ މުސްލިމުން ނޫން މީހުންނަށް ހޮޓާ، ކްލަބް އަދި ބާތަކުގައި ރާ ވިއްކުމުގެ ހުއްދަ ދެ އެވެ.
އެހެންނަމަވެސް އަދި މިޙާތަނަށް، ސައޫދީގެ ސަރުކާރުން އެގޮތަށް ވިސްނަމުންދާ ކަމަށް ބުނެފައެއް ނުވެ އެވެ.
އިސްލާމްދީނުގައި ރާ މަނާކޮށްފައިވާއިރު، ސަޢޫދީ ޢަރަބިއްޔާއިން 1952 ވަނަ އަހަރާ ހަމަޔަށް ވެސް ގެންގުޅެމުން އައީ ރަސްކަމުގެ ތެރޭގައި ރަލުގެ ވަސީލަތްތައް އޮތުމާމެދު ސުލްހަވެރި ވިސްނުމެކެވެ.
އެކަން ބަދަލުވީ 1951 ވަނަ އަހަރު ޖިއްދާގައި ހުންނަ އިނގިރޭސި ވިލާތުގެ ވައިސް ކޮންސުލް ސިރިލް އުސްމާން، ޕްރިންސެއް ކަމަށްވާ މިޝާރީ ބިން އަބްދުލްއަޒީޒް އަލް ސައުދުއަށް ޖަލްސާއެއްގައި އިތުރު ބުއިމެއް އަޅައިދިނުމަށް ދެކޮޅު ހެދުމުން، އޭނާ މަރާލުމާ ގުޅިގެންނެވެ.
އޭގެ އެއް އަހަރު ފަހުން ރަސްގެފާނު އަބްދުލްއަޒީޒް ވަނީ ރާ މުޅިން މަނާކޮށްފަ އެވެ. އަދި މިޝާރީގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފަ އެވެ.