އެރޮމެކްސިކޯގެ ފްލައިޓެއް ފުރުން ލަސްވުމުން ފަސިންޖަރަކު މަތިންދާބޯޓުގެ އިމަޖެންސީ ދޮރު ހުޅުވުމަށްފަހު ފިޔަގަނޑު މައްޗަށް އަރައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހު މެކްސިކޯ ސިޓީގެ– މެކްސިކޯ އިންޓަނޭޝަނަލް އެއާޕޯޓުގައި މަތިންދާބޯޓު ޕާކްކޮށް، ފުރުމުގެ އިންތިޒާރުގައި އޮއްވާ ކަމަށް އެސޯސިއޭޓެޑް ޕްރެސްއިން ބުނެއެވެ.
“ގުއަޓެމާލާއަށް ދަތުރުކުރި ފްލައިޓެއް ރިމޯޓް ޕޮޒިޝަނެއްގައި މަޑުކޮށްގެން އޮއްވާ ފަސިންޖަރަކު މަތިންދާބޯޓުގެ އިމަޖެންސީ ދޮރެއް ހުޅުވައި، ފިޔަގަނޑަށް އެރި، އޭގެފަހުގައި އޭނާވަނީ އަލުން ކެބިންއަށް ވަދެފަ، މިކަމުގެ ސަބަބުން މަތިންދާބޯޓަށް ވެސް އަދި އެހެން މީހަކަށް ވެސް އެއްވެސް ގެއްލުމެއް ނުވޭ،” އެއާޕޯޓުން އޭޕީއަށް ދިން ބަޔާނެއްގައި ބުނެފައިވެ އެވެ.
އަދި ބައިނަލްއަގްވާމީ ސަލާމަތީ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މީހާ ކަމާބެހޭ ފަރާތްތަކާ ހަވާލު ކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އެމީހާގެ ދިފާއުގައި އެތައް ސަތޭކަ ފަސިންޖަރުންނެއް ވަނީ ތެދުވެފަ އެވެ. ނޯޓްބުކްގެ ކަރުދާހުގައި ލިޔެފައިވާ ބަޔާނެއްގައި 77 ފަސިންޖަރުން ވަނީ ސޮއިކޮށްފަ އެވެ. އަދި އަތުން ލިޔެފައިވާ ސޮއިތައް ފެންނަ ފޮޓޯތައް ވަނީ އޮންލައިންކޮށް ހިއްސާކޮށްފަ އެވެ.
ފަސިންޖަރުން ބުނި ގޮތުގައި ފްލައިޓް ޑިލޭވިއިރު އެ އެއާލައިނުން ވަނީ ވެންޓިލޭޝަން އަދި ފެން ނުލިބި ހަތަރު ގަޑިއިރު މަޑުކުރަން މަޖުބޫރުކޮށްފަ އެވެ. އަދި އިމަޖެންސީ އެގްޒިޓް ހުޅުވާލި މީހާ އަމަލުކުރީ “އެންމެންގެ އެއްބާރުލުމާއެކު އެންމެންގެ ހިމާޔަތުގައި” ކަމަށް ވެސް އެ މީހުން ބުނެއެވެ.
“ލަސްވުމާއި ވައި ނުލިބުމުގެ ސަބަބުން ފަސިންޖަރުންގެ ސިއްހަތަށް ނުރައްކާވާ ފަދަ ހާލަތްތައް އުފެދުނު. އޭނާ އަހަރެމެންގެ ފުރާނަ ސަލާމަތް ކުރީ،” އޭޕީއާ ހަވާލާދީ އެ ބަޔާނުގައި ވެއެވެ.
މިއީ ފަހަކަށް އައިސް ފަސިންޖަރަކު މަތިންދާބޯޓެއްގެ ފިޔަގަނޑަށް އަރައި، އިމަޖެންސީ ދޮރު ހުޅުވާލި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ޖުލައި މަހު ފަސިންޖަރަކު ވަނީ އެއާފްރާންސްގެ ފްލައިޓް ނައްޓާލިތަނުން އިމަޖެންސީ ދޮރު ހުޅުވަން މަސައްކަތް ކޮށްފަ އެވެ. އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.