އިސްލާމްއާބާދު (ޕާކިސްތާން) – ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމަށްވާ ކުރީގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރައިޝީ 10 އަހަރަށް ޖަލަށް ލުމަށް ޕާކިސްތާނުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ރާވަލްޕިންޑީގެ ޖަލެއްގައި ގާއިމުކޮށްފައިވާ ހާއްސަ ކޯޓުން އަންގާރަ ދުވަހު އިއްވާފައި ވަނީ 2022 ވަނަ އަހަރު ވެރިކަމުން ދުރުކުރުމަކީ ރޭވުމެއް ކަމަށް ތުހުމަތު ކުރައްވާ އިމްރާން ޙާންގެ ޑިޕްލޮމެޓިކް ކޭބަލަކާ ގުޅޭ އެސްއޯ ސައިފަރ މައްސަލައިގެ ހުކުމެކެވެ.
އެގޮތުން ޕާކިސްތާނުގެ ކުރީގެ ސަފީރަކު އެމެރިކާއަށް ފޮނުއްވި ސިއްރު ކޭބަލް ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ކުށް އިމްރާންގެ މައްޗަށް ސާބިތުވާ ކަމަށް އޮފިޝަލް ސީކްރެޓްސް ގާނޫނުގެ ދަށުން އުފެއްދި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އިމްރާން ޙާން ތަކުރާރުކޮށް އެ ދައުވާއަށް އިންކާރު ކުރައްވަމުން ގެންދަވަމުން ވިދާޅުވެފައި ވަނީ ބޮޑުވަޒީރުކަމުން އޭނާ ދުރުކުރުމަކީ އެމެރިކާގެ ސަރުކާރުގެ އެހީގައި ސިޔާސީ ވާދަވެރިންނާއި ބާރުގަދަ އަސްކަރިއްޔާއިން ރޭވި ރޭވުމެއް ކަމަށާއި، އެކަމުގެ ހެކި އެ ލިޔުމުގައި ހިމެނޭ ކަމަށެވެ. ވޮޝިންޓަނާއި ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.
އިމްރާން ޙާން ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އޭނާ ހުންނެވީ ޖަލުގަ އެވެ.
އެ ގައުމުގެ އެންމެ ބޮޑު އިދިކޮޅު ލީޑަރުގެ މައްޗަށް ހުކުމް އިއްވާފައި މިވަނީ އަންނަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބުގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.
އިމްރާން ޙާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ތަރުޖަމާނު ސައީދު ޒުލްފިޤާރު ބުޚާރީ އަލްޖަޒީރާގައި ވަނީ ޕީޓީއައިއިން ކޯޓުގެ ނިންމުމަށް ގޮންޖަހާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޝަރީއަތް ކުރިއަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
“އަޅުގަނޑުމެންގެ ވަކީލުންނަށް އިމްރާން ޙާން ގެ ފަރާތުން ވަކާލާތު ކުރުމުގެ ފުރުސަތު ދީފައެއް ނުވޭ. އަދި ހެކިންގެ ހެކިބަސް ނެގުމުގެ ފުރުސަތު ވެސް ދީފައެއް ނުވޭ. ކޯޓުގައި ހިނގަމުން ދިޔަ ކަންކަމަކީ ހަމައެކަނި ޑްރާމާއެއް، ދޮގެއް،” ބުޚާރީ ވިދާޅުވި އެވެ.
މިއީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިމްރާންގެ މައްޗަށް ކުށް ސާބިތުވި ދެވަނަ ފަހަރެވެ. މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލައެއްގައި ތިން އަހަރަށް ޖަލަށްލާން ހުކުމް ކުރުމާއެކު، ގައުމީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ވަނީ ހުކުމްކޮށްފަ އެވެ.