މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ވަށާލާފައިވާ ޣައްޒާގެ ޚާން ޔުނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލަށް އިސްރާއީލު ސިފައިން ހަމަލާދީ ބަލައި ފާސްކުރުމާ ގުޅިގެން މެޑިކަލް ސްޓާފުންނާއި ބަލި މީހުން އަދިވެސް ހޮސްޕިޓަލުގައި ތާށިވެފައިވާ ކަމަށް ބުނެ ޑޮކްޓާސް ވިތައުޓް ބޯޑާސް (މެޑެސިންސް ސެންސް ފްރޮންޓިއާސް (އެމްއެސްއެފް) އިން ނުރުހުން ފާޅުކޮށްފި އެވެ.
އެމްއެސްއެފް އިން ނެރުނު ބަޔާނެއްގައި ބުނީ ކަރަންޓާއި ފެނާއި ކާބޯތަކެތި ނުލިބި 130 އެއްހާ ޕޭޝަންޓުންނާއި މަދުވެގެން 15 ސިއްހީ ހިދުމަތްތެރިން އަދިވެސް ހޮސްޕިޓަލުގައި އެބަތިބި ކަމަށެވެ. އަދި އެ މީހުންގެ ހާލު ސީރިއަސްވެ 32 މީހަކު ހޮސްޕިޓަލުން ބަދަލުކުރެވިފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ ތިބި މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
“އެމްއެސްއެފް އިން މި ބަލި މީހުންގެ ދުޅަހެޔޮކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެ، ރައްކާތެރިކަމާއެކު އެ މީހުން ހުސްކުރުމަށް ގޮވާލަމެވެ. އަލްއަޤްޞާ ހޮސްޕިޓަލާއި ރަފާހް އިންޑޮނޭޝިއާ ފީލްޑް ހޮސްޕިޓަލްގައި ތިބި އަޅުގަނޑުމެންގެ ޓީމްތައް މިތިބީ އެމީހުންނަށް ފަރުވާ ދޭން ޖެހިއްޖެ ނަމަ ފަރުވާ ދޭން ތައްޔާރަށް.” އެމްއެސްއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.
ފަލަސްތީނުގެ އެމްއެސްއެފްގެ މެޑިކަލް ކޯޑިނޭޓަރު ގުއިލެމެޓް ތޯމަސް ވިދާޅުވީ ނާސިރު ހޮސްޕިޓަލުގެ ހާލަތަކީ މި ހަނގުރާމައިގައި ސިއްހީ ހިދުމަތްދޭ ތަންތަން ހަލާކުވަމުންދާ ކަމުގެ އިތުރު މިސާލެއް ކަމަށެވެ.
ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެ ފެސިލިޓީގެ ކަށީގެ ޑިޕާޓްމަންޓް ހަލަބޮލިވެ، ކަމާ ނުބެހޭ އެތައް ބަޔަކު މަރާ، ޒަހަމްކޮށްލާފައި ވެއެވެ. އަދި ފުރާނައަށް ބިރުން ހޮސްޕިޓަލްގެ ސްޓާފުންނަށް ކޮމްޕައުންޑުން ފިލަން ޖެހުނުއިރު، އެތައް ޕޭޝަންޓެއްގެ ހާލު ސީރިއަސްވިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ބާކީ ތިބި މެޑިކަލް ސްޓާފުންގެ ހާލަތާ ބެހޭ ގޮތުން ވަރަށް މަދު މައުލޫމާތެއް ލިބިފައިވާ ތޯމަސް ވިދާޅުވިއެވެ.
“ހޮސްޕިޓަލް ކައިރީގައި ހަފުތާތަކެއް ވަންދެން ހިނގި ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހު، މެޑިކަލް ސްޓާފުންނާއި ބަލި މީހުންނާއި ގެދޮރު ގެއްލުނު މީހުން އެ ކޮމްޕައުންޑްތެރޭގައި ތާށިވެފައި ތިބިތަން ފެނުނު. އެމީހުންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ލިބެނީ ވަރަށް މަދުން،” ޚާން ޔުނިސްގައި ދިން ބޮމުގެ ހަމަލާގައި ޒަހަމްވި އެތައް ބަޔަކަށް ވެސް އެމަޖެންސީ ފަރުވާ އަށް ހޮސްޕިޓަލަށް ނުދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
މެޑިކަލް ސްޓާފުންނާއި ބަލި މީހުން ނުރައްކަލުގެ ތެރެއަށް ވައްޓާލީ އެމީހުންނަށް ރައްކާތެރިކަން ދޭންވީ ތަނެއްގައި ކަމަށާއި އަދި އކަމާ ވަރަށް ބޮޑަށް ރުޅިއަންނަ ކަމަށް އެމްއެސްއެފް އިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ އެމްއެސްއެފް މެޑިކަލް ކޯޑިނޭޓަރު ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އިސްރާއީލު ސިފައިން ވަނީ ނާސިރު ހޮސްޕިޓަލުގައި ހިޔާވަހިކަން ހޯދަމުން ދިޔަ އެތައް ހާސް ގެދޮރު ގެއްލިފައިވާ މީހުން ހުސްކުރުމަށް އަމުރުކޮށް މެޑިކަލް ސްޓާފުންނާއި ބަލި މީހުންނަށް އެ އިމާރާތުގައި ތިބެވޭނީ ކޮންމެ ޕޭޝަންޓަކު ބަލަހައްޓާ އެއް މީހަކާ އެކު ކަމަށް ބުނެފަ އެވެ. އާންމުންގެ ގިނަ ބަޔަކު ހޮސްޕިޓަލުން ނުކުންނަން ބިރުގަތީ ސީދާ އެ އިމާރާތާއި ހޮސްޕިޓަލުގެ ކޮމްޕައުންޑުން ނުކުންނަން އުޅުނު މީހުންނަށް ބަޑި ޖަހާފައިވާތީ ކަމަށް އެ ބަޔާނުގައި ވެ އެވެ.
މީގެ ކުރިން ޣައްޒާގެ ދެކުނުގައި ހުރި އެންމެ ބޮޑު ސިއްހީ ހިދުމަތްދޭ މަރުކަޒު ކަމަށްވާ ނާސިރު ހޮސްޕިޓަލުގައި ބަލި މީހުންނަށް ފަރުވާ ދިނުމުގެ ގާބިލުކަން މިހާރު ނެތް ކަމަށް އެމްއެސްއެފް އިން ބުނެފައި ވެއެވެ.