ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ މީގެ އަހަރެއްހާ ދުވަސް ކުރިން ވެރިކަމުން އިސްތިއުފާ ދެއްވި ފަހުން ސިޔާސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ސައޯ ޕައުލޯގެ އެތައް ހާސް ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ބޮލްސޮނާރޯ ވަނީ އޭނާގެ މައްޗަށް ކުރާ ބަޣާވާތުގެ ތުހުމަތަކީ ދޮގެއް ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އާންމު އިމާރާތްތަކަށް ދިން ހަމަލާތަކުގެ ކުށް ސާބިތުވެފައިވާ އޭނާގެ އެތައް ސަތޭކަ ސަޕޯޓަރުންނަށް މައާފު ދިނުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ބޮލްސޮނާރޯ 2022 ވަނަ އަހަރުގެ އިންތިޚާބުން ބަލިވުމަށްފަހު ނާކާމިޔާބު ބަޣާވާތަކަށް ހިތްވަރު ދެއްވިތޯ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ބްރެޒިލްގެ އެންމެ ބޮޑު ސިޓީގައި އާދީއްތަ ދުވަހު ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އުމުރުން 68 އަހަރުގެ ކުރީގެ ރައީސް ބޮލްސޮނާރޯ ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ މަގްސަދެއްގައި ކުރެވޭ ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ.
ބޮލްސޮނާރޯ ވަނީ މިއީ ކުރީގެ ކަންކަން ހަނދާން ނައްތާލައި ބްރެޒިލް ކުރިއަށް ދާން ދޫކޮށްލަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ. އަދި 2026 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ.
ބްރެޒިލްގެ އިންތިޚާބީ ނިޒާމު ނިކަމެތިކޮށް، އެންމެ ފަހުން ބޭއްވި އިންތިޚާބަކީ އޮޅުވާލާފައިވާ އިންތިޚާބެއް ކަމަށް ބުނެ ބޮލްސޮނާރޯ އަށް އަހަރަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުން އަދިވެސް އޮތީ މަނާކޮށްފައެވެ.
2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި އިންތިޚާބުގެ ނަތީޖާ ބާތިލްކޮށް ބަޣާވާތެއް ގެނައުމަށް އަސްކަރިއްޔާގެ އިސްވެރިންނަށް ޕްރެޝަރު ކުރަން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހުގީގަކާ ކުރިމަތިލާން ޖެހިފައިވާތީ ބޮލްސޮނާރޯއަށް ޕާސްޕޯޓު ދޫކޮށްލަން ޖެހުނީ މި މަހުގެ ކުރީކޮޅު އެވެ.
ވާތުފިޔައިގެ ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އަތުން އޭނާ ބަލިވުމުން، އޭނާގެ އެތައް ހާސް ސަޕޯޓަރުންނެއް ވެރިރަށް ބްރެސިލިއާގެ ސަރުކާރުގެ އިމާރާތްތަކާއި، ރިޔާސީ ގަނޑުވަރާއި ސުޕްރީމް ކޯޓާއި ކޮންގްރެސް ފަދަ ތަންތަނަށް ވަދެ އިމާރާތްތައް ލޫޓުވައި ގެއްލުން ދީފައިވެ އެވެ.
ބޮލްސޮނާރޯގެ ބައިވެރިންގެ ތެރެއިން ތިން ބޭފުޅަކު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ސިޔާސީ ޕާޓީގެ ވެރިޔާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އިންތިހާބީ ނިޒާމާ މެދު ޝައްކު އުފައްދަމުންދާ ކަމަށް ފުލުހުން ތުހުމަތު ކުރުމުން، އެކަންވެގެން ދިޔައީ އޭނާގެ ސަޕޯޓަރުން މުޒާހަރާކޮށް އެއްވާން މެދުވެރިި ސަބަބަށެވެ.
މިކަމުގެ ސަބަބުން ބަޣާވާތެއް ގެނައުމުގެ މަގު ފަހިވެގެން ދިޔަ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ސިފައިންގެ ތާއީދު ނުލިބުމުން ބޮލްސޮނާރޯގެ މާޔޫސްވެފައިވާ ސަޕޯޓަރުން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު ސުޕްރީމް ކޯޓާއި ރިޔާސީ ގަނޑުވަރު ހުންނަ އިމާރާތް ކަމަށްވާ ކޮންގްރެސް އަށް ވަދެ ހަމަނުޖެހުން ހިންގައިފަ އެވެ.
ކޮންގްރެސްއަށް ހަމަލާ ދިންއިރު ބޮލްސޮނާރޯ ހުންނެވީ އެމެރިކާގަ އެވެ. އޭނާ އެނބުރި ބްރެޒިލަށް ދިޔައީ އިތުރު ބިރެއްނެތްކަމަށް ވިދާޅުވެ 2023 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
ބޮލްސޮނާރޯ އަކީ ބްރެޒިލްގެ ސިޔާސީ މައިދާނުގައި ކަނާތު ފިޔައިގެ އެންމެ ނުފޫޒުގަދަ ޝަހުސިއްޔަތެވެ.