އިންޑޮނޭޝިއާގެ ލޯކަލް އެއާލައިން ބަޓިކް އެއާގެ ދެ ޕައިލެޓުން ވެސް ފްލައިޓުގެ މެދުތެރެއިން 28 މިނެޓު ވަންދެން ނިދާފައި އޮތް މައްސަލަ ބަލަން ފަށައިފިއެވެ.
ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާ މި ދެ މީހުން ނިދުނީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ސުލަވެސީން ވެރިރަށް ޖަކާޓާއަށް ދަތުރުކުރި ފްލައިޓެއްގަ އެވެ. އޭގެ ތެރެއިން އެކަކު ވަނީ އޭނާގެ އަލަށް އުފަންވި ތުއްތު ދަރިފުޅު ބަލަހައްޓަން ހޭލާ ހުރުމުގެ ސަބަބުން ވަރުބަލިވެގެން ނިދުނީކަމަށް ބުނެފައެވެ.
އެއާބަސް އޭ320 މަރުކާގެ މަތިންދާ ބޯޓުގެ ޕައިލެޓުންނަށް ނިދުނުނަމަވެސް، 153 ފަސިންޖަރުންނާއި ފަޅުވެރިންނަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާ ހިނގިގޮތަށް ބަލާއިރު، އުމުރުން 32 އަހަރުގެ ޕައިލެޓް އޭނާގެ ކޯ ޕައިލެޓަށް ފުރިތާ ބައިގަޑިއެއްހާއިރު ފަހުން އޭނާ އަރާމު ކުރުމަށް، މަތިންދާބޯޓުގެ ކޮންޓްރޯލް ނަގަން ވަނީ އަންގާފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ރިޕޯޓެއްގައި ވާގޮތުން އުމުރުން 28 އަހަރުގެ ކޯ ޕައިލެޓް ވަނީ މިކަމާ އެއްބަސްވެފަ އެވެ.
ނަމަވެސް ކޯ ޕައިލެޓަށް ވެސް ނޭނގި ވަނީ ނިދިފައެވެ.
ޖަކާޓާ އެއާ ޓްރެފިކް ކޮންޓްރޯލުން އެންމެ ފަހުން ރެކޯޑް ކުރި ބަޓިކް އެއާ އޭ320 ގެ ކޮކްޕިޓަށް ގުޅަން މަސައްކަތް ކުރި ނަމަވެސް ޖަވާބެއް ނުލިބުނެވެ.
އެ ރޭޑިއޯ ހިމޭންކަން 28 މިނެޓަށް ދެމިގެން ދިޔައެވެ. އަދި ލީޑް ޕައިލެޓަށް ހޭލެވުމާއެކު އޭނާގެ ކޯ ޕައިލެޓް ވެސް ނިދިއްޖެކަން އިހުސާސް ކުރެވުނުއިރު، މަތިންދާބޯޓު ކުޑަވަގުތުކޮޅަކަށް ފަހަތަށް ޖެހިފައިވާކަން ވެސް އޭނާއަށް އެނގުނެވެ.
އެއަށްފަހު ޕައިލެޓުން ޖަކާޓާގެ ކޯލުތަކަށް އިޖާބަދީ ރައްކާތެރިކަމާއެކު މަތިންދާބޯޓު ޖެއްސިއެވެ.
މިހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ބަޓިކް އެއާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިފަ އެވެ. އަދި އިންޑޮނޭޝިއާގެ ވައިގެ ދަތުރުފަތުރުގެ ވެރިޔާ އެމް ކްރިސްޓީ އެންދާ މުރްނީ ވިދާޅުވެފައިވަނީ ބަޓިކް އެއާގެ ފަޅުވެރިން އަރާމުކުރާ ވަގުތަށް އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.