ޖަޕާނުގެ ސޮލިޑް ފިއުލް ރޮކެޓެއް އުދުއްސާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ގޮއްވާލައިފި އެވެ. ޓޯކިޔޯގެ ސްޓާޓްއަޕް ސްޕޭސް ވަން އިން މި ރޮކެޓް ފޮނުވާލާފައިވަނީ ސެޓެލައިޓެއް އޯބިޓަށް ފޮނުވާލާ ފުރަތަމަ ލޯކަލް ކުންފުންޏަށް ވުމުގެ މަގްސަދުގައެވެ.
ކެއިރޯސް ނަމަކަށް ކިޔާ 18 މީޓަރުގެ ހަތަރު މަރުހަލާގެ ސޮލިޑް ފިއުލް ރޮކެޓެއް އިއްޔެ ހެނދުނު 11:01 ގައި އުދުއްސާލިތާ ސިކުންތުކޮޅެއް ތެރޭގައި ގޮއްވާލާ ލައިވްސްޓްރީމް ސްކްރީންތަކުގައި އަލިފާން ރޯވެ، ދުމުން ވަނީ ފުރިފަ އެވެ. އަދި ސްޕްރިންކްލަރސް އިން ފެން ސްޕްރޭ ކުރަން ފެށުމުން ވަށައިގެންވާ ފަރުބަދަތަކުގެ އުސްފަސްގަނޑުތަކަށް އަނދަމުން ދިޔަ ކުނިތައް ވެއްޓުނު މަންޒަރު ފެނެއެވެ.
ސްޕޭސް ވަން އިން ބުނީ ޖަޕާނުގެ ހުޅަނގުގެ ފަރުބަދަމަތީ ކިއީ ޕެނިންސިއުލާއިން ލޯންޗް ކުރުމާ އެކު ރޮކެޓަށް “ހުރަސް އެޅި” ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.
ރޮކެޓް ގޮއްވާލީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ސްޕޭސް ވަން އިން ބުނީ މި ލޯންޗަކީ ވަރަށް އޮޓޮމެޓިކް ލޯންޗެއް ކަމަށާއި ގްރައުންޑް ކޮންޓްރޯލް ސެންޓަރުގައި ބޭނުންވަނީ ގާތްގަނޑަކަށް ޑަޒަނެއްހާ މުވައްޒަފުން ކަމަށެވެ.
ކެއިރޯސް ގެންގުޅުއްވީ އިންޓެލިޖެންސް ސެޓެލައިޓްތައް ގޯސްވެއްޖެނަމަ ވަގުތީ ގޮތުން ބަދަލުކުރުމުގެ ގާބިލުކަން ލިބިފައިވާ އެކްސްޕެރިމެންޓަލް ސެޓެލައިޓެއް ކަމަށާއި ލޯންޗްކުރިތާ ގާތްގަނޑަކަށް 51 މިނެޓު ފަހުން އެ ސެޓެލައިޓް އޯބިޓަށް ލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ސްޕޭސް ވަން އަކީ 2018 ވަނަ އަހަރު ޖަޕާނުގެ ކެނޮން އިލެކްޓްރޯނިކްސް، އައިއެޗްއައި އެރޯސްޕޭސް، ކޮންސްޓްރަކްޝަން ފާމް ޝިމިޒޫ އަދި ސަރުކާރުގެ އެހީގައި ހިންގާ ޑިވެލޮޕްމަންޓް ބޭންކް އޮފް ޖަޕާން ފަދަ ކުންފުނިތައް އެކުވެގެން އުފެއްދި ކުންފުންޏެކެވެ.