ފަލަސްތީނުގެ ދެ ކުދިން ކަމަށްވާ އަމްރު ސުވައިދާން އާއި ކަރީމް ޝަރަބް ގެ ގަޔަށް އިޒްރޭލު ސިފައިން ސީދާ ބަޑި ޖެހުމުގެ ސަބަބުން އެ ކުދިން ޕެރެލައިޒްވެފައިވާކަމަށް ވަފާ ނިއުސް އެޖެންސީއިން ރިޕޯޓްކޮށްފި އެވެ.
ނަބްލޫސް ސިޓީއަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ ސުވައިދާންގެ ކަރަށް ލައިވް ބުލެޓުން ހަމަލާދީފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ކަލްކިލިއާގެ އިރުމަތީގައި އޮންނަ އައްޒޫން އަވަށުގައެވެ.
ސުވައިދާން އާއި އިތުރު ޒުވާނަކު އިލެކްޓްރިކް ސައިކަލެއްގައި ދަނިކޮށް އިޒްރޭލުގެ އަސްކަރިއްޔާގެ ޖިޕެއް އެ ރަށުގެ މަގުތަކުން އެ މީހުންގެ ފަހަތުން ގޮސް އެ މީހުންގެ ގައިގާ ޖައްސަން މަސައްކަތް ކުރި އެވެ.
އަދި ސައިކަލު ވެއްޓުނުއިރު ވެއްޓި އަނެއް ޒުވާނާ އެތަނުން ފިލައިގެން ދިޔައިރު ސުވައިދާންއަށް އޮތީ ދާން ނުކެރިފަ އެވެ.
ވެއްޓިފައި އޮތް ސުވައިދާން ކައިރިއަށް ސިފައިންގެ މީހަކު އައިސް ހަމަލާދިންކަމަށް ވަފާއިން ބުނެއެވެ. އެއަށްފަހު އިޒްރޭލުގެ އެހެން ސިފައިންގެ މީހަކު[ޕޮއިންޓް ބްލޭންކް ދުރުމިނުގައި އޭނާއާ ދިމާލަށް ބަޑީގެ ހަމަލާތަކެއް ދީ، އޭނާގެ ކަރުގައި ވަރަށް ބޮޑަށް ޒަހަމްކޮށްލި އެވެ.
ބަޑީގެ ހަމަލާއަށް ފަހު ސުވައިދާން އަށް ބިންމަތީގައި ގާތްގަނޑަކަށް ފަސް މިނެޓު ވަންދެން ލޭ އަންނަން ދޫކޮށްލީ އިޒްރޭލު ސިފައިން އޭނާއާ ހަމައަށް އެއްވެސް މީހަކަށް ވަނުމުގެ ފުރުސަތު ނުދިނުމުންނެވެ.
މަންޒަރު ދުށް މީހަކު ޑިފެންސް ފޯ ޗިލްޑްރަން އިންޓަނޭޝަނަލް ފަލަސްތީން (ޑީސީއައިޕީ) އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ސުވައިދާން ޒަހަމްވި ތަނަށް ސިފައިންގެ ތެރެއިން އެކަކު އަތް އަޅައި، “މަރު، މަރު” ކިޔާފައި ގޮވިކަމަށެވެ. ސުވައިދާންގެ ކަނދުރާއަށް ވަޒަން އެރުމުގެ ސަބަބުން އޭނާގެ ނާރުތަކަށާއި މޭކަށިގަނޑަށް ގެއްލުންވެ، ހަތަރު އިނގިލީގައި ވެސް ވަނީ ޕެރެލައިޒް ވެފައެވެ.
މީގެއިތުރުން 8 އަހަރުގެ ޝަރަބްގެ ކަރުގައި ލައިވް ބުލެޓެއް ޖެހުމުން އޭނާ ވެސް ވަނީ އެއްފަޅި ޕެރެލައިޒް ވެފައެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިއްޔެ ހަވީރު 6:00 ހާއިރު ޝަރަބް އޭނާގެ އާއިލާގެ ގެ ކައިރީގައި އޭނާގެ ގާތް ތިމާގެ މީހުންނާ އެކު އުޅުނު އިރު، އޭނާއާ ގާތްގަނޑަކަށް 15 މީޓަރު ދުރުގައި ތިބެ، އިޒްރޭލު ސިފައިންގެ މީހަކު ޝަރަބްއާ ދިމާލަށް ބަޑީގެ ހަމަލާތަކެއް ދީ، އޭނާގެ ކަރު ވަރަށް ބޮޑަށް ޒަހަމްކޮށްލި އެވެ.