މުދާ އުފުލާ ބޯޓަކުން ޖެހި އެމެރިކާގެ ބަލްޓީމޯ ބްރިޖް ވެއްޓުނު ހާދިސާގައި މިހާތަނަށް ހަ މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ.
ފްރަންސިސް ސްކޮޓް ކީ ބްރިޖް ވެއްޓުނީ ކާގޯ ބޯޓުގެ ކޮންޓްރޯލް ގެއްލުމުން އެ ކޮންޓްރޯލްކުރަން މަސައްކަތްކުރަމުން ދަނިކޮށް ބްރިޖްގެ ތަނބެއްގައި ޖެހުމުންނެވެ. މި ހާދިސާގައި މަރުވިކަމަށް ލަފާކުރާ ހަ މީހުންގެ ހަށިތައް އަދި ފެނިފައެއް ނުވެއެވެ.
އެމެރިކާގެ ކޯސްޓްގާޑާއި މެރީލޭންޑް ސްޓޭޓް ޕޮލިސްގެ އޮފިޝަލުން ބުނީ ފެނުގެ ފިނި ފިނިހޫނުމިނާއި ބްރިޖް ވެއްޓުނު ފަހުން ފާއިތުވި ދިޔަ މުއްދަތަށް ބަލާއިރު ގެއްލިފައިވާ ހަ މީހުން ދިރިތިއްބާ ފެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
މެރީލޭންޑްގެ ގަވަރުނަރު ވެސް މޫ ވިދާޅުވީ މި ހާދިސާގައި ގެއްލުން ކުޑަކުރެވުނީ ބޯޓަށް މައްސަލައެއް ދިމާވެ ކޮންޓްރޯލް ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބުމާ އެކު، އެ ސަރަހައްދުގެ އިދާރާތަކު ބްރިޖުން ވެހިކަލްތައް ހުސްކޮށް އެތަން ބަންދުކުރުމުން ކަމަށެވެ. އެއީ ރޭގަނޑުގެ ވަގުތެކެވެ.
މި ހާދިސާ ހިނގި މަންޒަރުގެ ވީޑިއޯއިން ފެންނަ ގޮތުގައި ކޮންޓްރޯލްނުވެ ބާރު ސްޕީޑުގައި ދިޔަ ބޯޓު ބްރިޖްގެ ދަށުން ދިއުމުގެ ބަދަލުގައި ގޮސް ޖެހުނީ ތަނބެއްގައެވެ. އަދި ބޯޓު ޖެހުމާ އެކުއެކީހެން، 1977 ވަނަ އަހަރުގެ މި ބްރިޖް ރޫޅި ބައިބަޔަށް ވެއްޓުނީ އެވެ.
ބްރިޖްގައި ޖެހިފައިވަނީ ލަންކާއަށް ދަތުރުކުރަމުންދިޔަ ސިންގަޕޫރު ބޯޓެކެވެ.
މި ހާދިސާގެ ސަބަބުން ވެރިރަށް ވޮޝިންޓަންގެ އުތުރުގައި އޮންނަ އެންމެ ބާރުބޮޑު އެއް ބަނދަރު ވެސް ގާތްގަނޑަކަށް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.