ޓައިވާނަށް އައި ބާރުގަދަ ބިންހެލުމުގައި ހަތަރު މީހުން މަރުވެ، 60 އެއްހާ މީހުން ޒަޚަމްވެއްޖެ އެވެ.
އޮފިޝަލުން ބުނިގޮތުގައި މި ބިންހެލުމަކީ ވޭތުވެދިޔަ 25 އަހަރުގެތެރޭގައި އެ ޤައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބިންހެލުމެއް އަންނާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
“ބިންހެލުން އައި އެއްގަމާއި ވަރަށް ކައިރިން. ޓައިވާނާއި ކައިރި ކަނޑުގެ އެކި ހިސާބުތަކަށްވެސް މި ކަން އިހުސާސް ކުރެވުނު،” ޓައިޕޭގެ ސެންޓްރަލް ވެދާ އެޑްމިނިސްޓްރޭޝަންގެ ސިސްމޮލޮޖީ ސެންޓަރުގެ ޑިރެކްޓަރު ވޫ ޗިއެން-ފޫ ވިދާޅުވި އެވެ.
އިމާރާތް ކުރުމުގެ ހަރުކަށި ގަވާއިދުތަކާއި ކާރިސާތަކަށް ހޭލުންތެރިކުރުވުމުގެ ސަބަބުން އަދި ދެ ޓެކްޓޯނިކް ޕްލެޓްގެ ޖަންކްޝަން ކައިރީގައި އޮންނަތީ ބިންހެލުމުގެ އަސަރު އާންމުކޮށް ކުރަމުން އަންނަ މި ޤައުމަށް ބޮޑު ކާރިސާއެއް ކުރިމަތިވި ކަމަށް ނުބެލެވެ އެވެ.
ވޫ ވިދާޅުވީ 1999 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމަކީ އެ ޤައުމުގެ ތާރީހުގައި ދިމާވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާކަމަށެވެ. އެ ފަހަރު ގާތްގަނޑަކަށް 2،400 މީހުން މަރުވި އެވެ.
ބުދަ ދުވަހުގެ 7.4 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުން އައިސްފައިވަނީ ޓައިވާނުގެ ގަޑިން ހެނދުނު 8:00 ގެ ހާއިރުއެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ވަނީ ޓައިވާންގެ ހުއާލިއަން ސިޓީގެ ދެކުނުން 18 ކިލޯމީޓަރު (11 މޭލު) ދުރުގައި 34.8 ކިލޯމީޓަރު އަޑިން ބިންހެލުމެއް އައިސްފައިވާކަމަށް ރިޕޯޓުކޮށްފަ އެވެ.
އެ ޤައުމުގެ ރައީސް ސައި އިންގް-ވެން ވަނީ ލޯކަލް އަދި ސެންޓްރަލް ގަވަމެންޓް އެޖެންސީތައް އެކަކު އަނެކަކާ ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވައި ގައުމީ އަސްކަރިއްޔާއިން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ނޭޝަނަލް ފަޔަރ އެޖެންސީނމަރުވި މީހުންގެ ޢަދަދު ކަށަވަރުކޮށްދީފައިވާއިރު ބިންހެލުމާއި ގުޅިގެން ލިބުނު ޒަހަމްތަކަށް ގާތްގަނޑަކަށް 60 ވަރަކަށް މީހުންނަށް ފަރުވާ ދީފައިވާކަމަށްވެސް ބުނެފައި ވެއެވެ.