2020 ވަނަ އަހަރު ގާތްގަނޑަކަށް ކޮންމެ ދެ މިނެޓަކުން މާބަނޑު އަންހެނަކު މަރުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އޭޕްރިލް މަހގެ ފަހުކޮޅުު އެ ޖަމިއްޔާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2020 ވަނަ އަހަރު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 800 އެއްހާ އަންހެނުން ވަނީ މާބަނޑުވުމާއި ވިހެއުމާ ގުޅުންހުރި ނުރައްކާތެރި ހާލަތްތަކުގެ ސަބަބުން މަރުވެފައެވެ. 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 287،000 އަންހެނުން ވަނީ މާބަނޑު ދުވަސްވަރު އަދި ވިހެއުމަށްފަހު ދިމާވި އެކި ސިއްހީ ހާލަތްތަކުގައި މަރުވެފައެވެ. މާބަނޑު މީހުންގެ ތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ މީހުން މަރުވެފައިވަނީ 2020 ވަނަ އަހަރު މެދު އަދި ދަށް ފަންތީގެ ގައުމުތަކުގަ އެވެ.
ސިއްހަތު ޖަމިއްޔާއިން ހާމަކުރިގޮތުގައި 2000 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާބަނޑު މީހުން މަރުވާ ނިސްބަތް ގާތްގަނޑަކަށް 34 ޕަސެންޓް ދަށަށް ގޮސްފައި ވެއެވެ.
މާބަނޑު ދުވަސްވަރު އަދި ވިހެއުމަށްފަހު ދިމާވާ ގިނަ މައްސަލަތަކުގެ ސަބަބުން އަންހެނުން މަރުވެއެވެ. މީގެ ތެރެއިން ގިނަ ކޮމްޕްލިކޭޝަންތައް އުފެދެނީ މާބަނޑު ދުވަސްވަރު ކަމަށާއި ގިނަ މައްސަލަތަކަކީ ހުއްޓުވޭނެ ނުވަތަ ފަރުވާ ކުރެވޭނެ މައްސަލަތައް ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ. މާބަނޑުވުމުގެ ކުރިން އެހެނިހެން ކޮމްޕްލިކޭޝަންތައް ހުންނަ މީހަކުވެސް ރަނގަޅަށް ނުބެލެހެއްޓޭނަމަ، މާބަނޑު ދުވަސްވަރު އިތުރަށް ގޯސްވާ އެ ޖަމިއްޔާއިން ބުނެފައި ވެއެވެ. އަދި ވިހެއުމުގެ ކުރިންނާއި ވިހެއުމަށްފަހު ހުނަރުވެރި ޞިއްޙީ މާހިރުންގެ އަޅާލުމަކީ އަންހެނުންނާއި އަލަށް އުފަންވާ ކުދިންގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމެއްގެ ގޮތުގައި ވެސް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.
2020 ވަނަ އަހަރުގެ ތަފާސް ހިސާބުތައް އާންމުކުރަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މާބަނޑު މީހުން މަރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.