އިންޑިއާގެ މުމްބާއީއަށް އިއްޔެ ހަވީރު އައި ބާރުގަދަ ތޫފާނެއްގައި ބޮޑު ބިލްބޯޑެއް ވެއްޓި 14 މީހުން މަރުވެ، 70 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
މުމްބާއީގެ ގަޓްކޯޕަރް ސަރަހައްދުގައި ހުންނަ ފިއުލް ސްޓޭޝަނެއްގެ މަތީގައި ހުރި 100 ފޫޓުގެ މި ބިލްބޯޑު ތޫފާނުގެ ބާރުން ވެއްޓިފައިވަނީ ސީދާ ތިރީގައި ވާ ފިއުލް ސްޓޭޝަނަށެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި މި މެޓަލް ސްޓްރަކްޗާ ބިންމަތީގައި ޖެހުމުގެ ކުރުމުގެ ކުރިން ބައެއް ކާރުތަކުގެ ފުރާޅު ފަޅައިގެން ދިޔަ އެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި އެ ޤައުމުގެ ފުލުހުން ދަނީ ސާޗް އެންޑް ރެސްކިއު މިޝަންގެ މަސައްކަތް ކުރަމުންނެވެ.
އީގޯ މީޑިއާއިން މި ހޯޑިން ހަދާފައި ވަނީ މަހާރަޝްތުރާ ސަރުކާރުގެ ޕޮލިސް ހައުސިން ޑިވިޝަނުން ޕޮލިސް ވެލްފެއާ ކޯޕަރޭޝަނަށް ކުއްޔަށް ދީފައިވާ ބިމެއްގަ އެވެ. އީގޯ މީޑިއާގެ ހަތަރު ހޯޑިންއެއް އެ ތަނުގައި ހުރިއިރު އޭގެ ތެރެއިން އެއް ހޯޑިން ވެއްޓުނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މިކަމާއި ގުޅިގެން މުމްބާއީ ފުލުހުން ވަނީ އީގޯ މީޑިއާގެ ވެރިފަރާތާއި އެ ކަމުގައި ޝާމިލުވާ އެހެން ފަރާތްތަކާ ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ.
އިންޑިއާގެ ވެރިރަށް މުމްބާއީގައި އުފެދިފައިވާ ކުއްލި އަދި ގަދަ ހިރަފުހުގެ ތޫފާނުގެ ސަބަބުން މުމްބާއީއަށް ވަނީ އަނދިރިކަން ވެރިވެފައެވެ. ތޫފާނުގެ އަސަރު ޓްރާންސްޕޯޓް ނެޓްވޯކްތަކަށް ކޮށްފައިވާއިރު، އޭގެ ސަބަބުން ލޯކަލް ރޭލުތަކާއި އެއާޕޯޓުގެ ހިދުމަތްތައް ވަނީ ހުއްޓިފަ އެވެ.
އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) އިން ވަނީ މުމްބާއީ އާއި ވަށައިގެންވާ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އަވަސް އިންޒާރުތަކެއް ދީފަ އެވެ.