އަފްޣާނިސްތާނުގެ މެދުތެރޭގެ ބަމްޔާން ޕްރޮވިންސްގައި ހަތިޔާރު އެޅި ބަޔަކު ދިން ބަޑީގެ ހަމަލާއެއްގައި އަފްޣާނިސްތާނުގެ ރައްޔިތަކާއި ބިދޭސީ ތިން ފަތުރުވެރިއަކު މަރާލާފައިވާ ކަމަށް އެގައުމުގެ ދާޚިލީ ވުޒާރާއިން ބުނެފިއެވެ.
މިނިސްޓްރީގެ ތަރުޖަމާނު އަބްދުލް މަތީން ކާނީ ވިދާޅުވީ ހުކުރު ދުވަހު ދިން ހަމަލާގައި ހަތަރު ބިދޭސީންނާއި އަފްޣާނިސްތާނުގެ ތިން މީހަކު ވެސް ޒަހަމްވެފައިވާ ކަމަށެވެ.
އަދި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ޖަރީމާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އަނިޔާ ލިބުނު މީހުންގެ އާއިލާތަކަށް އެކަމުގެ ތައުޒިޔާކިޔާ ކަމަށާޢި، އަދި ހުރިހާ ކުށްވެރިން ހޯދައި އަދަބު ދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ކާނީ ވިދާޅުވެފައިވެ އެވެ.
މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެއެވެ.
ސްޕެއިންގެ ޚާރިޖީ ވުޒާރާއިން ފަހުން ވަނީ ހުކުރު ދުވަހު މަރުވި ތިން މީހުންނަކީ ސްޕެއިންގެ ރައްޔިތުންކަން ކަށަވަރުކޮށްދީފައެވެ. ޒަހަމްވި މީހުންގެ ތެރޭގައި ސްޕެއިންގެ ރައްޔިތަކު ވެސް ހިމެނެ އެވެ.