އިސްރާއީލުން މިދިޔަ ހަފުތާގައި ޣައްޒާގެ ދެކުނުގެ ސިޓީއާ ދެކޮޅަށް ހަމަލާދޭން ފެށި ފަހުން ފަލަސްތީނުގެ ގާތްގަނޑަކަށް އަށް ލައްކައެއްހާ މީހުންގެ ގެދޮރު ރަފަހުއިން ގެއްލިފައިވާ ކަމަށް ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ، ޔޫއެންއާރްޑަބްލިއުއޭގެ ވެރިޔާ ފިލިއްޕޭ ލަޒާރިނީ ވިދާޅުވެއްޖެ އެވެ.
ލަޒާރީނީ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ތަކުރާރުކޮށް ފަލަސްތީނުގެ ވަޒަންވެރިން އެތަނުން ބޭރުކުރަމުންދާތީ އެކަން ކުށްވެރިކުރައްވާފައެވެ.
ޣައްޒާގައި ހަނގުރާމަ ފެށުނީއްސުރެ ފަލަސްތީނު ރައްޔިތުންނަށް އެތައް ފަހަރެއްގެ މަތިން ހިޖުރަކުރަން ވަނީ މަޖުބޫރުވެފައިކަމަށް ލަޒާރިނީ ވިދާޅުވި އެވެ. އަދި އެމީހުންނަށް ދަތުރުކުރުމުގައި ރައްކާތެރިކަމެއް ނެތްއިރު، ހަމަލާތަކަށް އެމީހުން ހުށަހެޅިގެންދާ ކަމަށާއި، ކޮންމެ ފަހަރަކު ވެސް އެމީހުންގެ އަތުގައި ހުރި މަދު މުދަލާއި ގޮދަޑިއާއި ޓެންޓާއި ކެއްކުމުގެ ތަށިތަކާއި އުފުލުމަށް ފައިސާ ނުދެއްކޭ އަސާސީ ސާމާނު ދޫކޮށްލަން މަޖުބޫރުވާކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންމެ ފަހަރަކު ވެސް އެމީހުންނަށް ޖެހެނީ އަލުން ފަށަން” ލަޒާރިނީ ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިއިރު، އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ވަނީ ޝަހީދުވެފަ އެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އިއްޔެ ހެނދުނު ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 83 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.