އަހަރީ ސަގާފަތާ އެއްގޮތަށް މިއަހަރުގެ ހައްޖުގެ ކުރިން، އިއްޔެ މައްކާގައި ހުންނަ މާތްވެގެންވާ ގެފުޅުގެ އުރަކޮޅު (ކިސްވާ)ގެ ތިރީބައި އުފުލާލައިފި އެވެ.
ދެ މިސްކިތުގެ ކަންކަން ބެލެހެއްޓުމުގެ ޖެނެރަލް އޮތޯރިޓީން ފާސްކޮށްފައިވާ ގޮތަށް، ގެފުޅުން ހާމަވެފައިވާ ބައި ހުދު ކޮޓަން ފޮތިގަނޑަކުން ވަނީ ނިވާކޮށްފައެވެ.
މިކަން ކުރިއަށް ގެންދިޔައީ 10 ކްރޭން އާއި 36 ސްޕެޝަލައިޒްޑް ޓެކްނިކަލް މީހުންގެ އެހީގައެވެ.
ކޮންމެ އަހަރަކު ވެސް ޙައްޖާއި ދިމާކޮށް ގެފުޅުގެ ކިސްވާ، ތިރިން ފެށިގެން މައްޗަށް ވަކި ވަރަކަށް މައްޗަށް އުފުލާލައެވެ. އަދި ކިސްވާގެ ތިރީ ކައިރީގައި ޙައްޖުވެރިންގެ އިޙުރާމު ސިފަވާ ގޮތަށް ހުދު ފޮތި ގަނޑެއް ވެސް ދަމައެވެ.
އާއްމުކޮށް ކޮންމެ އަހަރަކު ވެސް ކިސްވާ ބިމުން ފެށިގެން މައްޗަށް ގާތްގަނޑަކަށް ތިން މީޓަރު މައްޗަށް އުފުލާލަނީ ޛުލްޤައިދާ މަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ޙައްޖުގެ މަތިވެރި އަޅުކަން ނިމެންދެން އެގޮތަށް ކިސްވާ ބަހައްޓައެވެ.
ކިސްވާ މިފަދައިން މައްޗަށް އުފުލަނީ އެންމެ ސަބަބަކާއި ހެދިއެއް ނޫނެވެ. ބައިވަރު ސަބަބުތަކާއި ހެދިއެވެ.
އޭގެތެރެއިންް އެއް ސަބަބަކީ، އާއްމުކޮށް ޙައްޖަށްދާ މީހުންގެ އަދަދު ގިނަވެ ފުރިބާރުވެފައި ހުރުމުގެ ސަބަބުން ގެފުޅުގެ އުރަކޮޅަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމެވެ. ޙައްޖުގެ އަޅުކަން ކުރާއިރު ކިސްވާގައި ބައެއް މީހުން ހިފައިގެން އެލި، ކިސްވާ އިރައިގެން ގޮސްފިނަމަ އެޙައްޖާޖީން ވެސް ވެއްޓި ލިބިދާނެ އަނިޔާއަކުން ސަލާމަތް ކުރުމަށްޓަކައި ގެފުޅުގެ އުރަކޮޅު މީހުންގެ އަތުގައި ނުޖެހޭނެ ވަރަށް މައްޗަށް އުފުލައެވެ.