ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ރޭ ދިން ވައިގެ ހަމަލާއެއްގައި އާންމުންގެ ހަ މީހަކު ޝަހީދުވެއްޖެއެވެ.
އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ނުސީރަތު ރެފިއުޖީ ކޭމްޕްގެ މާރުކޭޓް ސަރަހައްދަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އާންމުންގެ ހަ މީހަކު ޝަހީދުވިއިރު، ކުޑަކުދިންނާ އެކު އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެ އެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 35،903 އަށް އަރާފައިވާ ކަމަށާއި އިތުރު 80،420 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން މިއަދު ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.