ހައްޖު މޫސުމުގައި ހިންގާ އެކި ކަހަލަ ސްކޭމުތަކަށް ސަމާލުވުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
ސައުދީ ސަރުކާރުން ވަނީ ކޮންމެ އަހަެއްގެ ވެސް ހައްޖު މޫސުމާއި ދިމާކޮށް މީހުންގެ އަތުން ފައިދާ ނެގުމުގެ ގޮތުން އެކި ހަލަ ސްކޭމްތައް ހިންގާކަން ފާހަގަކޮށްފައެވެ.
އެގޮތުން ބަދަލުގައި ހައްޖުކޮށްދޭން ބުނުމާއި، އުޞްހިޔާ ކަތިލުމުގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އިތުރުން ފަސޭހައިން ކުރެވޭނެ އިންތިޒާމް ހަމަޖައްސަދޭނެ ކަމަށް ބުނެ ހިންގާ މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ސައުދީ ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި މިފަދަ އޮޅުވާލުންތަކުން ރައްކާތެރިވުމަށް ރަސްމީ އިދާރާތަކުން ޚިދުމަތް ހޯދުމަށް ވެސް އިރުޝާދު ދީފައިވެއެވެ. މީގެއިތުރުން ސްކޭމް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދޭނެކަމުގެ އިންޒާރު ވެސް އެ ޤައުމުގެ ސަރުކާރުން ދީފައިވެއެވެ.
ހައްޖުގެ މާތް އަޅުކަމަށް ސައުދީ ސަރުކާރުން ތައްޔާރުވަމުން އަންނައިރު، މިހާތަނަށް 532,958 ހައްޖުވެރިން އެ ޤައުމަށް ދަތުރުކޮށްފައިވާކަމަށް މަސްދަރުތަކުން ބުނެއެވެ.