ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެގައުމުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 10 މީހުން މަރުވެ ހަ މީހަކު ގެއްލިފައިވާތީ ސްކޫލްތައް މިއަދު ބަންދުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އެ ޤައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސްކޫލްތައް އަލުން ހުޅުވުން ބިނާވާނީ މޫސުމަށް ކަމަށެވެ.
އާދީއްތަ ދުވަހުން ފެށިގެން ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގެތަކާއި ދަނޑުތަކާއި މަގުތަކުގައި ފެންބޮޑުވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓު ކަނޑާލަން ކަމާބެހޭ ފަރާތްތަކަށް ވަނީ މަޖުބޫރުވެފައެވެ.
ވެރިރަށް ކޮލަމްބޯ އާއި ދުރު ރަތްނަޕޫރާ ޑިސްޓްރިކްޓްގައި އާދީއްތަ ދުވަހު ގެނބިގެން ހަ މީހަކު މަރުވެފައިވާ ކަމަށް އެ ޤައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ބުނެފި އެވެ. އަދި އިތުރު ތިން މީހަކު މަރުވެފައިވަނީ އެމީހުންގެ ގެތައް ވެއްޓިކަމަށާއި، މީގެއިތުރުން ގަހެއް ވެއްޓި އެކަކު މަރުވެފައިވާ ކަމަށް ބުނެފައިވެއެވެ. މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ޤައުމުން ހަ މީހަކު ވަނީ ގެއްލިފަ އެވެ.
ހޯމަ ދުވަހާ ހަމައަށް 5،000 އަށް ވުރެ ގިނަ މީހުން އިވެކުއޭޝަން ސެންޓަރުތަކަށް ބަދަލުކޮށްފައިވާއިރު، 400 އަށް ވުރެ ގިނަ ގެއަށް ގެއްލުން ވެފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.
މި ހާދިސާގައި ހާލުގައި ޖެހުނު މީހުން ސަލާމަތްކުރުމަށާއި ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ލަންކާގެ ނޭވީ އާއި އަސްކަރިއްޔާގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މެއި މަހުގެ މެދުތެރެއިން ފެށިގެން ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުން ވަނީ ގޯސްވެފައެވެ. މީގެ ކުރިން ވައިގަދަވެ ގިނަ ސަރަހައްދުތަކެއްގެ ގަސްތައް ވެއްޓުމުގެ ސަބަބުން ނުވަ މީހަކު ވަނީ މަރުވެފަ އެވެ.