test
- Advertisement -ad image

ސައުދީ އަރަބިއްޔާއަށް 1.2 މިލިއަނަށްވުރެ ގިނަ ހައްޖުވެރިން ގޮސްފި

ad image

ގުޅުންހުރި ލިޔުންތައް

ޖޫން މަހުގެ 14 ވަނަ ދުވަހު ފަށާ ހައްޖުގެ އަޅުކަމަށް 1.2 މިލިއަނަށް ވުރެ ގިނަ މީހުން ސައުދީ އަރަބިއްޔާއަށް ގޮސްފައިވާކަމަށް އެ ޤައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ހައްޖުގެ އަޅުކަމަށް މައްކާއަށް ޖަމާވެފައިވާއިރު، މި ހައްޖު ދުވަސްވަރު ފިނިހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފަ އެވެ.

މިއަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ހައްޖު ޕްރޮޖެކްޓްސް އޮފީހުން ދައުލަތުގެ 50 އަށް ވުރެ ގިނަ އިދާރާތަކާ ގުޅިގެން 2،600 ތަނެއްގައި 300 މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް ސައުދީ ގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ތައުފީގު އަލް ރާބިއާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން ނިމުނު ފަހުން އަލް ރާބިއާ އާއި އޭނާގެ ޓީމު ވަނީ 11 ގައުމަކަށް ޒިޔާރަތްކޮށް ހައްޖުވެރިންނަށް އެހީވެ، ގޮންޖެހުންތައް ހައްލު ކުރުމަށް މަޝްރޫއުތަކަށް އިންވެސްޓް ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އަލް ރާބިއާ ވިދާޅުވީ 250،000 ހައްޖުވެރިން މައްކާ ރޫޓު ބޭނުންކޮށްފައިވާއިރު، ހަތް ގައުމެއްގެ 11 އެއާޕޯޓަކުން ދަތުރުކުރާ މީހުންނަށް އެމީހުންގެ އަމިއްލަ އެއާޕޯޓުތަކުގައި ސައުދީ އަރަބިއްޔާއަށް އެތެރެވުމުގެ ރަސްމީ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން މައްކާ އާއި މަދީނާއަށް ދިއުމަށް ސީދާ މަގެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެ ހަތް ގައުމަކީ ޕާކިސްތާން، މެލޭޝިއާ، އިންޑޮނޭޝިއާ، މޮރޮކޯ، ބަންގްލަދޭޝް، ތުރުކީ އަދި އައިވަރީ ކޯސްޓް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ