ރަޝިޔާ ސިފައިން ޔޫކުރެއިންގެ ސުކޫލަކަށް ބޮމެއް ވައްޓާލުމާއި ގުޅިގެން 60 މީހުން މަރުވެއްޖެއެވެ. ރަޝިޔާއިން ޔޫކުރެއިންއަށް ހަމަލާތައް ދެމުން ގެންދިއުމުގެ ސަބަބުން ބިލޯހޮރިވްކާ ވިލެޖްގައި ހުންނަ މި ސުކޫލުގައި 90 މީހަކު ދިޔައީ ހިޔާވަހިކަން ހޯދަމުންނެވެ. އިއްޔެ ރަޝިޔާއިން ދިން ހަމަލާގެ ސަބަބުން މި ސުކޫލް އިމާރާތް ވަނީ ބިމާ ހަމަވެފައެވެ.
ވެއްޓުނު މި އިމާރާތުގެ ދަށުންވެސް 30 މީހުން ރައްކާތެރި ހިސާބަށް ގެންދިޔަ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު މި ބޮމުގެ ހަލާގެ ސަބަބުން ގާތްގަނޑަކަށް 60 އެއްހާ މީހުން ވަނީ މަރުވެފައެވެ.
ރަޝިޔާއިން ޔޫކުރެއިންނަށް ހަމަލާތައް ދޭން ފެށިފަހުން އެގައުމުގައި ދިރިއުޅުނު ގިނަ ކިޔަވާ ކުދިންނާއި ވަޒީފާތަކުގައި އުޅުނު ގިނަ އެހެން ގައުމުތަކުގެ މީހުން ވަނީ ޔޫކުރެއިނުން ފައިބާފައެވެ. ޔޫކުރެއިންގެ ސަރުކާރުން ތުހުމަތު ކުރަމުން ދަނީ ރަޝިޔާ ސިފައިންގެ ހަމަލާތައް އަމާޒު ކުރަނީ އެގައުމުގެ އާއްމުންނަށް ކަމަށް ތުހުމަތު ކޮށްފައެވެ.