މިނާ، ސައުދީ އަރަބިއްޔާ – މައްކާގައި ތިބި މުސްލިމް ޙައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް މިނާގެ ފޭލިގެތަކަށް ޖަމާވާން ފަށައިފިއެވެ.
މިއަދު ފަށާ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.5 މިލިއަނަށްވުރެ ގިނަ މީހުން މައްކާއާއި ވަށައިގެންވާ ސަރަހައްދަށް ޖަމާވެފައެވެ. މީގެއިތުރުން ސައުދީ އަރަބިއްޔާގެ އެތެރޭގެ ގިނަ ޙައްޖުވެރިން ތަކެއް ހައްޖަށް ދިއުމުން އެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ. ސައުދީގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއަހަރު ޙައްޖަށް ދާ މީހުންގެ އަދަދު ދެ މިލިއަނަށް ވުރެ މައްޗަށް އަރާނެ އެވެ.
ޙައްޖުގެ އަޅުކަން މިއަދު ފެށޭއިރު ކުރިއަށް އޮތް ތިން ދުވަހުގައި ވެސް ސައުދީގެ ހޫނުމިން ހުރީ 43 ޑިގްރީއަށް ވުރެ މަތީގައެވެ. އަރަފާތު ދުވަހާއި އަޞްހާ ޢީދު ދުވަހުވެސް ވެސް މައްކާގެ ހޫނުމިން 46 ޑިގްރީއަށް އަރާނެކަމަށް ލަފާކުރެވެއެވެ.
ސައުދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވުޒާރާއިން މީގެކުރިންވެސް ވަނީ މިއަހަރުގެ ޙައްޖު ދުވަސްވަރު އާދަޔާ ހިލާފަށް ހޫނުވުމަކީ ހައްޖުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ބުނެ އިންޒާރު ދީފައެވެ.
ސައުދީގެ ނޭޝަނަލް ސެންޓަރ ފޮރ މީޓިއޮރޮލޮޖީއިން ވަނީ މި ޙައްޖުގެ ދުވަސްވަރު މައްކާއާއި އެހެނިހެން މާތް ތަންތަނުގެ އެވްރެޖް ހޫނުމިން ދޮޅު ޑިގްރީއަށް އިތުރުވެގެންދާނެކަމުގެ އިންޒާރު ދީފައެވެ. އަދި ހޫނު ގަދަވުމުގެ ފުރުސަތު އޮންނާނެ ކަމުގެ އިންޒާރު ވެސް އެ ސެންޓަރުން ވަނީ ދީފަ އެވެ.
އެ ސެންޓަރުން ބުނީ ހައްޖުވެރިން މައްކާގެ ފިނިހޫނުމިން އެވްރެޖްކޮށް 44 ޑިގްރީ ސެލްސިއަސްގައި ހުންނާނެ ކަމަށް ލަފާކުރާ ކަމަށާއި އެ ސަރަހައްދުގައި ދުވާލުގެ ވަގުތުތަކުގައި މޫސުން ވަރަށް ހޫނުވާނެ ކަމަށެވެ.
ސައުދީ ޕްރެސް އެޖެންސީން ބުނެފައި ވަނީ ފިނިހޫނުމިން މަތިވުމަކީ ހައްޖުވެރިންގެ ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާ ކަމެއް ކަމަށެވެ.
އަދި ހައްޖަށް ދާ މީހުން ހެލްތް މިނިސްޓްރީގެ ގައިޑްލައިންތަކަށް ތަބާވުމަށާއި، ސީދާ އިރުގެ އަލިން ސަލާމަތްވުމަށް ޓަކައި ކުޑައެއް ގެންގުޅުމަށާއި، އެކަށީގެންވާ މިންވަރަށް ފެން ބުއިމާއި ވަރުބަލިކަމާއި ހޫނު ގަދަވުން ކުޑަކުރުމަށްޓަކައި އަޅުކަމުގެތެރެއިން އެކަށީގެންވާ މިންވަރަށް އަރާމުކުރުމަށްވެސް ސައުދީގެ ހެލްތް މިނިސްޓްރީން ވަނީ އިރުޝާދު ދެއްވާފައެވެ.
މިނާގައި ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ފޭލިގެ ތަކަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީކޮށްފައި ހުރި ފޭލިގެ ތަކެކެވެ.



