އަވަށްޓެރި ސްރީލަންކާގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގައި 5 މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ. ސްރީލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުގެ ވަގުތެއްގައި ބޮޑު ވަޒީރު ރާޖަޕަކްސާ އިސްތިއުފާދެއްވި ފަހުން ހިންގި ހަމަނުޖެހުންތަކުގައި މިއަދު ވަނީ ލަންކާގެ މަޖިލިސް މެންބަރެއްގެ އިތުރުން ފަސް މީހަކު މަރުވެ 200 އެއްހާ މީހުން ޒަހަމްވެފައިވާ ކަމަށެވެ.
ލަންކާ ފުލުހުން ހާމަކުރާގޮތުގައި ގާނޫނުހަދާ މަޖިލީހުގެ މެންބަރު އަމާރާކީރްތީ ވަނީ 27 އަހަރުގެ ފިރިހެނެއް ބަޑިޖަހާ މަލާލުމަށްފަހު އަމިއްލައަށް ވެސް މަރުވެފައެވެ. މީގެ އިތުރުންވެސް ސަރުކާރުގެ އެހެން އޮފިޝަލަކު ވަނީ ސަރުކާރާ އިދިކޮޅަށް މުޒާހަރާ ކުރަމުންދާ މީހުންނަށް އަމާޒުކޮށް ބަޑިޖަހާ ދެމީހުން މަރާލާފައެވެ. ސްރީލަންކާގައި މިހާރު އޮތް ހާލަތަކީ އެގައުމުގެ ރައްޔިތުން ކާބޯތަކެއްޗަށް ޖެހި ތެލާ ބޭސްވެސް މުޅިން ހުސްވުމާއި ގާތްވެފައެވެ.
ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާރުވެސް 181 މީހުން ވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައެވެ. .ލަންކާގައި ވަނީ މިހާރު ބުދަ ދުވަހުގެ ނިޔަލަށް ކާފިއު އިއުލާންކޮށްފައެވެ. ނަމަވެސް ރައީސް ގޮތަބަޔާގެ މި ނިންމުމަށް ތަބާނުވެ ގިނަ ބަޔަކު ދަނީ މަގުތަކަށް ނިކުމެ އަޑުއުފުލަމުންނެވެ. އެހެންކަމުން ގޮތަބަޔާގެ ސަރުކާރުން ކަންކުރަމުންދާ ގޮތާއި ހިތްހަމަ ނުޖެހިގެން މުޒާހަރާ ކުރަމުންދާ މީހުން މިހާރު ދަނީ ސަރުކާރުގެ ވެރިންގެ ގެކޮޅުތަކަށް ގެއްލުންދީ ބައެއް ހިސާބުތަކުގެ ގެ ތަކުގައި ހުޅުވެސްޖަހަމުންނެވެ.