ނައިޖީރިއާގެ އިރުއުތުރުގައި ހޮނިހިރު ދުވަހުގެ މެންދުރު ފަހު ޖާނުންފިދާވެގެން ދިން ބޮމުގެ ހަމަލާތަކުގައި 18 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ބޯނޯ ސްޓޭޓްގެ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީގެ ޑިރެކްޓާ ޖެނެރަލް ބާކިންޑޯ ސައިދޫ ވިދާޅުވީ، ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމްގެ ބަޣާވާތުގެ މައި މަރުކަޒު ކަމުގައިވާ ބޯނޯ ސްޓޭޓްގެ ހަލަބޮލި ސިޓީއެއް ކަމަށްވާ ގްވޯޒާގެ އެކި ތަންތަނަށް ތިން އަންހެން ހަމަލާދިން ކަމަށެވެ.
މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި މާބަނޑު މީހުން ވެސް ހިމެނޭ ކަމަށް ސައީދު ވިދާޅުވި އެވެ. ނައިޖީރިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި 30 މީހުން ވަނީ މަރުވެފަ އެވެ.
މިހާތަނަށް މި ބޮމުގެ ހަމަލާތަކުގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. މި ބޮމުގެ ހަމަލާތަކަކީ ނައިޖީރިއާގައި ހަނގުރާމަވެރިން އެތައް ހާސް ބަޔަކު މަރާލާފައިވާ ބޯކޯ ހަރާމުން ދިން ހަމަލާތަކާ އެއްގޮތް ހަމަލާތަކެކެވެ.
މިފަހަކަށް އައިސް ބޮމުގެ ހަމަލާތައް މަދުވި ނަމަވެސް ހޮނިހިރު ދުވަހު ދިން ބޮމުގެ ހަމަލާތަކަކީ ނައިޖީރިއާގެ އިރުއުތުރުގައި ޓެރަރިޒަމްގެ ނުރައްކަލެއްގެ ގޮތުގައި އޮތްކަން ހަނދާންކޮށްދިނުމެކެވެ.



