އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި ޕާކިސްތާނުގެ ކާރަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ބައި އިލެކްޝަނެއްގައި ވާދަކުރައްވާ ޕާކިސްތާނުގެ ކުރީގެ ސެނެޓަރަކާއި އިތުރު ހަތަރު މީހަކު މަރުވެއްޖެއެވެ.
ޑިސްޓްރިކްޓް ފުލުހުންގެ ތަރުޖަމާނަކު ވަނ ގޮއްވާލިކަމަށް ބެލެވެނީ ކުރީގެ ސެނެޓަރު ގޮވައިގެން ދަތުރުކުރި ކާރަށް އަމާޒުކޮށް ރިމޯޓް ކޮންޓްރޯލް ބޮމެއްކަމަށް ބުނެފައެވެ.
އަދި ބޮން ގޮއްވާލުމުގެ ފަހަތުގައި ހުރީ ކާކުތޯ ބެލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންދާކަމަށާއި، ނަމަވެސް ފަހަކަށް އައިސް އެ ސަރަހައްދުގައި ހަރުކަށި ފިކުރުގެ މީހުން ހަރަކާތްތައް ވަރުގަދަކޮށްފައިވާކަމަށް ބުނެފައިވެއެވެ.
ކުރީގެ ސެނެޓަރު ހިދާޔަތުالله ޚާނާއި އޭނާގެ ދެ އެކުވެރިންނާއި ފުލުހުންގެ ދެ ގާޑުން މަރާލާފައިވަނީ އަފްޣާނިސްތާނުގެ ބޯޑަރާ އެންމެ 45 ކިލޯމީޓަރު ދުރުގައި އޮންނަ ބަޖާއުރް ޑިސްޓްރިކްޓްގައެވެ. އެ ސަރަހައްދަކީ 2021 ވަނަ އަހަރު ތާލިބާނުން ކާބުލްގެ ބާރުގެ ދަށަށް ގެންދިޔަ ފަހުން ހަރުކަށި ފިކުރު އިތުރުވަމުން އަންނަ ސަރަހައްދެކެވެ.
މި ނުރައްކާތެރި ބޮން ގޮއްވާލާފައިވާއިރު މިމަހުގެ 11 ވަނަ ދުވަހު ބައި އިލެކްޝަން ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާނަށް ތާއީދުކުރާ ކެނޑިޑޭޓަކު އާންމު އިންތިހާބާ ދިމާކޮށް އެ ޑިސްޓްރިކްޓްގައި ބަޑިޖަހައި މަރާލާފައިވެއެވެ. އެ ހަމަލާ ދީފައިވަނީ އައިއެސް ޖަމާއަތުގެ ލޯކަލް ޗެޕްޓަރުންނެވެ.
ބުދަ ދުވަހު ދިން ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާއިރު، ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އިން ވަނީ އެ ހަމަލާގައި ބައިވެރި ނުވާކަމަށް ބުނެފަ އެވެ.