ވެސްޓް ނައިލް ހުމުގެ ފުރަތަމަ ކޭސް ހުޅަނގު އައްސޭރީގެ ގަވަރުނަރޭޓް ކަމަށްވާ ޖެނިންއިން ރިޕޯޓުކޮށްފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ވެސްޓް ނައިލް ރޯގާގެ ޝައްކުކުރެވޭ އަލާމާތްތައް ޑޮކްޓަރުންނަށް ފެނި، އެކަމަށް ބޭނުންވާ ޓެސްޓުތައް ހެދުމުން އެ ކޭސް ކަށަވަރުވެފައިވާ ކަމަށެވެ.
ވެސްޓް ނައިލް ރޯގާ އަކީ ބަލި ޖެހިފައިވާ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ހުމެކެވެެ. މި ބަލީގައި ރޯގާ ފަދަ އަލާމާތްތައް ހުންނަ ކަމަށާއި އުމުރުން ދުވަސްވީ މީހުންނަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާ މީހުން ކަމަށް އެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިޒްރޭލު ސިފައިން ޖެނިން ގަވަރުނަރޭޓްގެ އިތުރުން އެހެނިހެން ސިޓީތަކަށް ތަކުރާރުކޮށް ވަދެ، އޭގެ ފަހުން ފެނުގެ ޕައިޕްލައިން ނެޓްވޯކްތަކާއި ނަރުދަމާ ނެޓްވޯކްތައް ހަލާކުރުމުގެ ސަބަބުން، ހާއްސަކޮށް ޖެނިން ގަވަރުނަރޭޓްގައި މަދިރި ފެތުރެމުންދާ ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.