އިންޑިއާ އާއި އެފްރިކާގެ ގައުމުތަކާއި ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިފައިވާ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އެފްރިކާ ބައްރާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުމާއި ބެހޭގޮތުން އިންޑިއާ މީހަކު ލިޔުނު ފޮތެއް ނެރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ. ޖެއިޝަންކަރު ވިދާޅުވީ މިހާރު ކުރިޔަށްދާ މަޝްވަރާތަކުގައި ދެން އޮންނާނީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ގޮތެއް ނިންމުން ކަމަށެވެ.
އެފްރިކަން ޔޫނިއަންގެ ވެރިންނާއި އެކު އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީ ފުރަތަމަ މަޝްވަރާތައް ބޭއްވީ 2020 ވަނަ އަހަރުގެ ކުރީކޮޅު އެވެ. އޭގެ ފަހުން މިއަހަރުގެ މާޗް މަހު ދެވަނަ ބައްދަލުވުން ބާއްވާފައިވާއިރު ގޮތްތަކެއް ކަނޑައެޅުމަށް ބާއްވަން ނިންމާފައިވާ ބައްދަލުވުން ލަސްވަނީ ކޯވިޑާއި ގުޅިގެންނާއި ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެންނެވެ.
އިންޑިއާއިން ހިންގި ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް 189 ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު 76 މަޝްރޫއުއެއްގެ މަސައްކަތް އެފްރިކާގެ ގައުމުތަކުގައި ކުރިޔަށް ދާއިރު، އިންޑިއާގެ އެހީގައި ކުރިޔަށްގެންދާ 68 ޕްރޮޖެކްޓެއްގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަރުހަލާ ކުރިޔަށް ދާ ކަމަށެވެ.
މި މަޝްރޫއުތައް ކުރިޔަށް ގެންދަނީ އެފްރިކާގެ 40 ގައުމެއްގައި އެވެ. ޖައިޝަންކަރު ވިދާޅުވީ މަޝްރޫއުތައް ކުރިޔަށް ގެންދަނީ އިންޑިއާއިން ދޫކޮށްފައިވާ 12 ބިލިއަން ޑޮލަރުގެ ލޯނު އެހީގައި ކަމަށެވެ.
މީގެ ތެރެއިން އެންމެ މުހިންމު މަސައްކަތަކީ އެފްރިކާގެ ގައުމުތަކުގައި ދެމުންދާ ޓެރަރިޒަމްގެ ހަމަލާތަކާއި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޓެރަރިޒަމްގެ ހަމަލާތަކުން އެ ގައުމުތައް ސަލާމަތް ކުރުމަށް ގައުމުތަކާއި ގުޅިގެން އިންޑިއާ މަސައްކަތް ކުރަމުންދާ ކަމަށެވެ.