ޔުކްރެެއިނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން ރަޝިޔާ އާއި މެދު ޔޫރަޕިއަން ޔޫނިއަންއިން އެޅި ހަރުކަށި ފިޔަވަޅުތަކަަށް ޗައިނާ އަދި އިންޑިޔާއިން ދެކޮޅު ހަދައިފި އެވެ.
އީޔޫއިން އެންމެ ފަހުން އެޅި ފިޔަވަޅުގެ ތެރޭގައި ހިމެނެނީ ވަގުތީގޮތުން ރަޝިޔާާއިން ތެޔޮ ގަތުމެވެ. ނަމަވެސް ޗައިނާ އަދި އިންޑިޔާއިން ވަނީ މި ނިންމުމަށް ގޮންޖަހާ ކުރިއަށްވުރެ ވެސް ގިނައިން ތެޔޮ ގަތުމަށް ޑީލްތައް ހަދަން ތައްޔާރުވެފަ އެވެ.
އެމެރިކާއިން ޕޯލެންޑްގެ ސަފީރުކަން މީގެކުރިން ކުރައްވާފައިވާ ޑެނިއަލް ފްރެޑް ވިދާޅުވިގޮތުގައި ޗައިނާ އާއި އިންޑިޔާގެ މި ނިންމުމަކީ އީޔޫއަށް ބާރުފޯރުވޭނެ ނިންމުމެއް ނޫނެވެ. ސަބަބކީ މި ދެ ޤައުމަކީ އޭޝިޔާ ބައްރަށް ނިސްބަތްވާ ދެ ޤައުމަށް ވުމެވެ. އަދި މި ދެ ޤައުމު މެދުވެރިކޮށް ރަޝިޔާއަަށް ފައިދާ ހޯދޭނެކަމަށް ވަނީ ވިދާޅުވެފަ އެވެ.
އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަން ފިލުވުމުގެ ގޮތުން ރަޝިޔާގެ 90 ހާސް ޓަނުގެ، ސާފު ނުކުރާ ތެޔޮ ގަތުމަށް ސްރީ ލަންކާ އިން ވެސް ވަނީ ނިންމާފަ އެވެ.
ލަންކާ ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އެހެން ބަޔަކު މެދުވެރިނުކޮށް ސީދާ ރަޝިޔާ އިން ހަކަތައިގެ ބާވަތްތައް ގަތުމަށެވެ. އެކަމާ ބެހޭ ގޮތުން، ލަންކާގައި ހުންނަވާ ރަޝިޔާގެ ސަފީރާ އެކުގައި މިހާރު މަޝްވަރާކޮށް ނިމިފައިވާ ކަމަށް ލަންކާގެ ހަކަތައާ ބެހޭ ވަޒީރު ވިދާޅުވި އެވެ.