ބަންގްލަދޭޝްގައި ކެމިކަލް ކޮންޓެއިނަރއެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި މީހުންގެ އަދަދު 16 އަށް އަރައިފިއެވެ. އަދި މިހާތަނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ 170 މީހުން ވަނީ ހޮސްޕިޓަލްތަކުގައި ފަރުވާދޭން ފަށާފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޒަހަމްވި މީހުންގެ ތެރޭގައި 40 އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އޮފިޝަލުންނާއި 10 ފުލުހުންވެސް ހިމެނެއެވެ. މީގެ ތެރެއިން އަލިފާން ނިއްވުމުގައި ހަތަކާތްތެރިވި 3 ފަޔަރފައިޓަރުން ވަނީ މަރުވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ބަންގްލަދޭޝްގެ ޗިޓަގޮންގްގެ ސިޓަކުންޑާ އުޕަޒިލާގައި ހުންނަ އިންލަންޑް ކޮންޓެއިނަރ ޑިޕޯޓް (އައިސީޑީ) ގައި އެއްޗެއް ގޮވުމުގެ ސަބަބުންނެވެ.
މި ހާދިސާގައި ޒަހަމްވި 20 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އެމީހުންގެ ހަށިގަނޑުގެ 60 އާއި 90 އިންސައްތަ ވަނީ ފިހިފައި ކަމަށް ޒަހަމްވި މީހުންނަށް ފަރުވާދޭ ޑޮކްޓަރާއި ހަވާލާދީ އޭއެފްޕީ އިން ވަނީ ރިޕޯޓްކޮށްފައެވެ. ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ޗުއްޓީގައި ތިބި ޑޮކްޓަރުން ޑިއުޓީއަށް ނެރެމުންދާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.