1443 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކެއް ހައްޖާޖީން ސައުދީ އަރަބިޔާ އަށް ދާން ފަށައިފިއެވެ. ސައުދީ އަރަބިއާގެ ނިއުސް އެޖެންސީ ހަރަމައިން ޝަރިފައިން އިން ރިޕޯޓްކޮށްފައިވާ ގޮތުން މިހާތަނަށަ 8 ގައުމެއްގެ ހައްޖުވެރިން ވަނީ މައްކާއަށް ގޮސްފައެވެ. އޭގެ ތެރޭގައި ތުރުކީ، ބަންގލަދޭޝް، މެލޭޝިޔާ، ޕާކިސްތާން، އަފުގާނިސްތާން، އިންޑޮނީޝިޔާ އަދި ނައިޖީރިޔާ ހިމެނެއެވެ.
މިއަހަރުގެ ހައްޖު އަޅުކަން އަދާކުރުމަށް ފުރުސަތު ދެނީ 1 މިލިއަން މީހުންނަށެވެ. މީގެ ތެރޭގައި ސައުދީ ރައްޔިތުންގެ ތެރެއިން 390،000 މީހުން ހިމެނެއެވެ. މިއީ ކޮވިޑް19 ގެ ބަލިމަޑުކަން ފެށުނުފަހުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ހައްޖެވެ. ދެ އަހަރަށްފަހު ހައްޖުގެ އަޅުކަމަށް ހުޅުވާލި އިރު އެންމެ ފުރަތަމަ މައްކާއަށް ގޮސްފައިވަނީ އިންޑޮނީޝިޔާ އަދި މެލޭޝިޔާގެ ހައްޖުވެރިންނެވެ. ހައްޖުގެ އަޅުކަން އަދާ ކުރުމަށްދާ ހައްޖުވެރިންނަށް ދަނީ ހޫނު މަރުހަބާއެއް ކިޔަމުންނެވެ.




މިހާރު ވަނީ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ އަދި އިނގިރޭސިވިލާތުން ހައްޖަށް ދާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށްވެސް ހުޅުވާލާފައެވެ. 41 އެއް ފްލައިޓަކުން 10،000 އަށްވުރެ ގިނަ ހައްޖުވެރިން މިހާތަނަށް ވަނީ މައްކާއަށް ގޮސްފައެވެ. ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހުގެ 26 ގައެވެ. މިއަހަރު ރާއްޖެއިން ހައްޖަށްދާނީ 453 މީހުންނެވެ.